08 ޑިސެމްބަރ 2016 - 06:36

ޔާޝްރާޖް ފިލްމްސްގެ އެންމެ އިސް ވެރިޔާ އަދި "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭނގޭ" ފަދަ ރީތި ފިލްމުތަކުގެ ޑައިރެކްޓަރު އަދިތުޔާ ޗޯޕްރާގެ އާ ފިލްމު "ބޭފިކްރޭ" ހުކުރުދުވަހު ރިލީޒްކުރާއިރު ކުރިން ދުވަހަކު ވެސް ނުވާ ވަރަށް އޭނާ ވަނީ ކަންބޮޑުވެފަ އެވެ. އެކަން ޔަގީން ވީ ކުރިން އެއްވެސް ފިލްމެއް ރިލިޒްކުރާއިރު މީޑިއާއާ މުއާމަލާތްކުރުމަކީ އޭނާގެ އާދައެއް ނޫން ނަމަވެސް މިފަހަރު ހުޅުވާލާފައިވާ ސިޓީއެއްގެ ޒަރިއްޔާއިން އޭނާގެ ކަންބޮޑުވުންތައް މީޑިއާއާ ހިއްސާކުރި އެވެ.

އަދިތުޔާ މީގެ ކުރިން އުފެއްދި ތިން ފިލްމުގެ ވެސް ބަތަލަކީ ޝާހްރުކް ޚާނެވެ. ޝާހްރުކްއާ އެކު މަސައްކަތްކުރުމަކީ "ގޯސް އާދައެއް"ގެ ގޮތުގައި އޭނާއަށް ސިފަކުރެވެނީ އޭނާގެ އެއްވެސް ފިލްމެއްގައި ޝާހްރުކް ނޫން ބަތަލަކު ބައިވެރިކުރަން ވިސްނާލަން ވެސް އުނދަގޫވީމަ އެވެ.
އެކަމަކު ގިނަ ދުވަސްތަކެއް ވަންދެން ޑައިރެކްޓްކުރުމުގެ މަސައްކަތާ ދުރުގައި ހުރުމަށް ފަހު އޭނާ ހެދި ފުރަތަމަ ފިލްމު "ބޭފިކްރޭ"ގެ ބަތަލަކީ ޝާހްރުކެއް ނޫނެވެ. ރަންވީރު ސިންގް އެވެ. ވަރަށް ޒަމާނީ ލޯބީގެ ވާހަކައަކަށް އުފައްދާ މި ފިލްމުގެ ރޫހަށް ރަންވީރު ފިޓްވާ ކަމަށް އަދިތުޔާ ގަބޫލުކުރެ އެވެ.
"ބޭފިކްރޭ"އާ ބެހޭ ގޮތުން އޭނާ ދެކޭ ގޮތް ސިޓީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ.
އޭނާ ބުނެފައިވާ ގޮތުގައި ޝާހްރުކްއާ އެކު އޭނާ މަސައްކަތްކުރި ތިން ފިލްމު ކަމަށްވާ "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއޭނގޭ" އާއި "މުހައްބަތޭން" އަދި "ރަބްނޭ ބަނާދީ ޖޯޅީ" އުފެއްދިއިރު ވެސް ޑައިރެކްޓަރެއްގެ ހައިސިއްޔަތުން އޭނާގެ ހުރި އުނިސިފަތައް ޝާހް ރުކް ވަނީ ފޮރުވައިދީފަ އެވެ. ރަންވީރުއާ ދޭތެރޭ ވެސް އޭނާއަށް ހަމަ އެކަހަލަ އިހްސާސެއް ކުރެވުނެވެ.
"މިހާތަނަށް އަހަރެން ޑައިރެކްޓްކުރީ އެންމެ އެކްޓަރެއް ގޮވައިގެން. އެއީ ޝާހްރުކް. ޝާހްރުކްއާ އެކު މަސައްކަތް ކޮށްފައިވާ ޑައިރެކްޓަރަކަށް ވިއްޔާ ވިސްނޭނެ އޭނާއަކީ ވަރަށް ނުރަނގަޅު އާދައެއްކަން. އޭނާ ނޫން އެހެން މީހަކާ އެކު ފަހުން މަސައްކަތް ކުރުމަކީ ކިހާ އުނދަގޫ ކަމެއްކަން. ޝާހްރުކް އުޅޭ ފިލްމުތަކުގައި ޑައިރެކްޓަރަކަށް އޮންނަ މަސައްކަތް އޭނާ ވަރަށް ބޮޑަށް ލުއިކޮށްދޭ. އެހެންވީމާ ފަހުން އެހެން މީހުންނާ އެކު މަސައްކަތްކުރަން އުނދަގޫވަނީ،" ސިޓީގައި ވެއެވެ.
ނަމަވެސް ޝާހްރުކްއާ އެކު އިތުރު ފިލްމެއް އުފެއްދުމުގެ ކުރިން ރަހަ ތަފާތުކޮށްލަން އޭނާ ބޭނުންވި އެވެ. ނަމަވެސް އެކަމާ އަދިތުޔާ ބިރުގަތެވެ. އޭނާގެ ކުރީގެ ހުރިހާ ފިލްމުތަކެއް އެހާ މޮޅުވެފައި ރީތީ ޝާހްރުކްގެ ސަބަބުން ކަމަށް އޭނާ ގަބޫލުކުރެ އެވެ. އެހެންވެ ޝާހްރުކްއާ ނުލައި އޭނާ އުފައްދާ ފިލްމެއް ހަޑިވެއްޖެ ނަމަ މީހުން ކޮށްލާނެ ވަރު ވެސް ވިސްނެ އެވެ.
ޑައިރެކްޓަރު ބުނީ "ބޭފިކްރޭ"ގެ ދަރަމްގެ ރޯލަށް ރަންވީރު ހަމަޖެއްސީ އެ ކެރެކްޓާއަށް އޭނާ ވަރަށް ރަނގަޅަށް ފިޓްވާ ކަމަށް ގަބޫލުކުރެވިގެންނެވެ.
ނަމަވެސް އެފަދަ ފިލްމެއް ރަންވީރަށް ދީގެން އޭނާއަށް ވެސް ބޮޑު ޕްރެޝަރެއް ކުރިމަތި ކުރުވިފައިވާ ކަމަށް އަދިތުޔާ ގަބޫލުކުރެ އެވެ. އަދި އެއީ ވަރަށް ނާއިންސާފުން ކުރެވުނު ކަމެއް ކަމަށް ވެސް އޭނާ ބުނެ އެވެ.
"ފުރަތަމަ ދުވަހުން ފެށިގެން ވެސް އަހަންނަށް ރަންވީރު ފެނުނީ ޝާހްރުކް ގޮތަށެވެ. ހަމަ އެ އެނަޖީ އެވެ. ހަމަ އެ ތޫނު ވިސްނުމެވެ. ހަމަ އެހާ މޮޅެވެ. އެހެންވެ އަހަރެންގެ ހޮވުން ގޯސް ނޫންކަން އަހަންނަށް އެނގުނެވެ،" އަދިތުޔާ ޗޯޕްރާގެ ސިޓީގައި ލިއުނެވެ.
ރަންވީރުއާ އެކު ވާނީ ކަޕޫރު ބަތަލާގެ ރޯލު ކުޅެފައިވާ މި ފިލްމުގެ ފުރަތަމަ އިޝްތިހާރު ދައްކަން ފެށުމާ އެކު ވެސް ބެލުންތެރިންނަށް ފާހަގަކުރެވުނު އެއް ކަމެއް އޮތެވެ. އެއީ އަދިތުޔާގެ ފިލްމުތަކުގައި ކުރިން ނެތް ވަރުގެ ގައިގޯޅިކަން ބޮޑު މަންޒަރުތައް މި ފިލްމުގައި ހިމެނޭ ކަމެވެ. އެހެންކަމުން މުޅި އާއިލާ އެއްކޮށް ގޮސް ބަލާލަން މި ފިލްމު ރަނގަޅުނުވެދާނެ އެވެ.
އިންޑިއާގައި މީގެ ކުރިން ރަނގަޅަށް ހިނގާފައި ހުރީ ފެމެލީ އޯޑިއަންސް އަށް ތައްޔާރުކުރާ ފިލްމުތަކެވެ. އެހެންކަމުން އަދިތުޔާ ޗޯޕްރާގެ މި ފިލްމަށް ބެލުންތެރިން ބުނާނެ އެއްޗެއް އެނގޭނީ ހުކުރު ދުވަހު ފިލްމު ރިލީޒްކުރީމަ އެވެ.