30 އޮކްޓޯބަރ 2021 - 12:07

އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހާ ކަމެއް އޭގައި ޝާމިލު ވެފައިވާ ދިރިއުޅުމުގެ ފުރިހަމަ މަންހަޖެކެވެ. މި ގޮތުން މުސްލިމުންގެ ސިޔާސީ ނިޒާމު ބައްޓަން ކުރުމުގައި ވެސް އިސްލާމީ މަންހަޖުގައި މުހިންމު އުސޫލުތަކަކާއި އިރުޝާދުތަކެއް ވެ އެވެ.

މި ގޮތުން ފާހަގަކުރެވޭ އެންމެ ފުރަތަމަ ކަމަކީ ސިޔާސީ ނިޒާމު ހިންގުމުގައި އިސްލާމީ ފިކުރު އަސާސެއް ކަމުގައި ބެލުމެވެ. އިސްލާމީ މަންހަޖާ ނުގުޅޭ ފިކުރުތަކުގެ މައްޗަށް ބިނާވެފައިވާ ދައުލަތެއްގެ ބަދަލުގައި އިސްލާމީ ފަލްސަފާ އާއި އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ މަދަނީ ދައުލަތެއް ގާއިމު ކުރަން ޖެހެ އެވެ. މި މަދަނީ ދައުލަތުގައި އިސްކޮށް ހުންނަ މީހަކީ މުސްލިމުންގެ ދުނިޔަވީ ކަންކަމުގެ އިތުރަށް އެ ބައިމީހުންގެ ދީނީ ކަންކަމުގެ ވެސް އެންމެ އިސްވެރިޔާ ކަމުގައި ވާން ޖެހޭނެ އެވެ.
ދެވަނަ ކަމަކީ، ވެރިކަން ކުރުމުގެ ނިޒާމާއި ވެރިންނާ ރައްޔިތުންނާ އޮންނަ ގުޅުމާއި ރައްޔިތުންނަށް ލިބޭ ހައްގުތަކާއި ރައްޔިތުންނާއި ވެރިންގެ ވާޖިބުތައް ކަނޑައެޅުމަށްޓަކައި އިސްލާމީ ހަމަތަކަށް ފެތޭ ގޮތަށް ދުސްތޫރީ ނިޒާމު އެކުލަވައިލުމެވެ. މީގެ މާނައަކީ ދުނިޔޭގައި އެހެން މީހުން މިފަދަ ނިޒާމުތައް ބައްޓަން ކުރުމުގައި ހޯދާފައިވާ ތަޖުރިބާތަކުން މަންފާ ލިބިނުގަތުމެއް ނޫނެވެ. އަދި ކިއެއްތަ، ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތާ ޚިލާފު ނުވާ ގޮތަށް އެފަދަ ތަޖުރިބާތައް ވެސް ބޭނުންކުރަން ޖެހޭނެ އެވެ. އެއީ އެކަލޭގެފާނު އިރުޝާދު ދެއްވަވާފައިވާ ކަމެކެވެ.
ތިންވަނަ ކަމަކީ، ރައްޔިތުންގެ ރުހުމާއި ބައިއަތުން މެނުވީ ވެރިޔަކު އިޚުތިޔާރު ނުކުރުމެވެ. މި ކަމުގައި އިސްލާމީ ޚިލާފަތުގެ ކުރީކޮޅު ގެންދިޔަ އުސޫލުން "އަހުލުލް ޙައްލި ވަލްޢަޤްދި" ގެ މީހުން ވެރިޔަކަށް މީހަކު އިޚުތިޔާރު ކުރުމުން ރައްޔިތުން ބައިއަތު ހިފާ ގޮތަށް ވެސް ގެންދެވިދާނެ އެވެ. ނުވަތަ ޔޫސުފުގެފާނު އިސްނެންގެވި ފަދައިން، ވެރިކަމަށް ކުފޫ ހަމަވާ މީހަކު އަމިއްލަ ނަފްސަށް އެކަމާ އިސްނެގުމުން ބައިއަތު ހިފާ ގޮތަށް ވެސް ގެންދެވިދާނެ އެވެ. ނުވަތަ މި ނޫން އެހެން ގޮތަކަށް ވިއަސް ރައްޔިތުން (އަޣުލަބިއްޔަތު) ރުހޭ މީހެއް ކަމުގައި ވެރިމީހާ ވާން ޖެހޭނެ އެވެ. އަދި މި ގޮތަށް ހޮވޭ ވެރިމީހާއަކީ ރައްޔިތުންގެ ޒިންމާދާރު ކުރުވުމުގެ ދަށުގައި އަބަދުވެސް ހުންނަ މީހަކަށް ވާން ޖެހޭނެ އެވެ. ހައްގުގެ ބަހަށް ވުރެ މައްޗަށް ވެރިމީހާ އަށް އެރިގެން ނުވާނެ އެވެ. އަދި ކުށެއް ކޮށްފި ނަމަ ޝަރީއަތުގެ މަޖިލީހަށް ހުށަނޭޅި ދޫކޮށްލެވިގެން ވެސް ނުވާނެ އެވެ. އަބޫބަކުރުގެފާނާއި އުމަރުގެފާނު ވެރިކަމަށް އިސްވެވަޑައިގަތުމާ އެކު މި ކަންކަން ރައްޔިތުންނަށް ހާމަކޮށްދެއްވި އެވެ.
ހަތަރުވަނަ ކަމަކީ، ހަމަ ކޮންމެ މުވާތިނަކަށް ވެސް ލިބެންޖެހޭ މިނިވަންކަމުގެ ހައްގުތައް ކަށަވަރު ކޮށްދިނުމެވެ. އުމަރުގެފާނުގެ މަޝްހޫރު ބަސްފުޅެއްގައިވާ ގޮތުން "މައިން އެ މީހުންގެ ދަރިން ދުނިޔެ އަށް ގެންނަނީ މިނިވަނުންގެ ގޮތުގަ އެވެ. އެހެންކަމުން އެއްވެސް މަޚްލޫގަކަށް އެ ދަރިން އަޅުވެތި ކުރެވިގެން ނުވާނެ އެވެ". ނަމަވެސް މިނިވަންކަމަކީ އޭގައި ވަކި މިންގަނޑެއް ކަނޑައެޅިފައި ނުވާ އެއްޗެއް ނަމަ އިންސާނީ އެންމެހައި ޣަރީޒާތަކާއި ޝަހުވަތްތަކަށް ތަބާވެ ހައިވާނުންގެ ދަރަޖަ އަށް ވެއްޓިދާނެ އެވެ. ނުވަތަ އެންމެހައި ޝުބުހަތްތަކަށް ތަބާވެ ފިކުރުތައް އޮޅުވާލައި ފިތުނަފަސާދަ އުފެއްދުން ފަދަ ކަންކަން މެދުވެރިވެ މުޖުތަމައު ހަލާކުކޮށް ގަޑުބަޑު ވެދާނެ އެވެ.
އިސްލާމީ މަންހަޖުގެ ދަށުން އިންސާނާ އަށް ލިއްބައިދޭ މިނިވަންކަމަކީ ﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުވެތިވުމުން ސަލާމަތްވުމުގެ މިނިވަންކަމެވެ. މި ގޮތުން މި މިނިވަންކަމުގެ ދަށުން އިންސާނާ އަށް އޭނާގެ ބުއްދީގެ ބޭނުންކޮށް، ފިކުރު ކުރުމުގެ މިނިވަންކަން ލިބެން ޖެހޭނެ އެވެ. އަދި ކަންކަން ވިސްނޭ ގޮތް (ދުލުން ވިއަސް ގަލަމުން ވިއަސް) ބަޔާން ކުރުމުގެ މިނިވަންކަން ލިބެން ޖެހޭނެ އެވެ. ހަމަ އެފަދައިން އަގީދާއެއްގެ ގޮތުގައި އެހެން އަގީދާއެއްގެ މަތީ ހުރި މީހަކަށް ހައްގަށް އެނބުރި އަންނަން ދައުވަތު ދިނުމަށް ފަހު، އެކަން އިންކާރުކޮށް، އޭނާގެ އަގީދާގެ މަތީ ހުންނަން ބޭނުން ނަމަ އެ މިނިވަންކަން ލިބެން ޖެހޭނެ އެވެ.
މާތް ﷲ ކީރިތި ޤުރުއާނުގައި އަންގަވަނީ ދީނަށް ވަނުމުގައި މަޖުބޫރު ކުރުވުމެއް ނެތް ކަމަށެވެ. ނަމަވެސް ހައްގުގެ މަގުގައި (އެބަހީ އިސްލާމްކަން މަތީ) ހުރެފައި އެ މަގުން އެނބުރި ދިއުމުން އެ މީހަކަށް ލިބިގެންދާ އަނިޔާ އަށް އިސްލާމްދީން ނުރުހެ އެވެ. އަދި ކުޅިވަރެއްގެ ގޮތަށް ހެނދުނު ވަދެފަ ހަވީރު ނުކުންނަ ގޮތަށް އިސްލާމްދީނުގެ އަގު ވައްޓާލާކަށް ވެސް އިސްލާމްދީން ފުރުސަތެއް ނުދެ އެވެ. އެކަން ވެގެންދަނީ ދީނަށް ވެވޭ ބޮޑު ޚިޔާނާތެއް ކަމުގަ އެވެ. އެހެންވެ ތައުބާވުމަށް ފުރުސަތު ދިނުމަށް ފަހު، ރުޖޫއަ ނުވެ ދީނަށް އެކަމުން ގެއްލުން ލިބެމުންދާ ނަމަ އެ މީހަކު ގަތުލު ކުރަން ކަނޑައެޅިފައި ވެ އެވެ. ނަމަވެސް ތައުބާވާން ދެވޭ ފުރުސަތު (ހާލަތަށް ބަލައި) މުޅި އުމުރަށް ވެސް ދެވިދާނެތީވެ އެ މީހެއްގެ ޢުޤޫބާތަކީ ހަމައެކަނި އުޚްރަވީ ޢުޤޫބާތް ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެ އެވެ.
މިނިވަންކަމުގެ ތެރެއިން ދެން ލިބެންޖެހެނީ ހެޔޮކަންކަމަށް އަމުރު ކުރުމާއި ނުބައިކަންކަން ނަހީ ކުރުމުގެ މިނިވަންކަމެވެ. ޚާއްސަކޮށް މުޖުތަމައުގައި ހިނގާ ނުބައި ކަންކަން ނައްތައިލުމަށް މަސައްކަތް ކުރުމުގެ މިނިވަންކަމެވެ. ނުބައި ކަންކަން ހިނގަނީ މުޖުތައުގެ ކަންކަމާ ހަވާލުވެ ތިބޭ މީހުންގެ ފަރާތުން ކަމަށް ވިއަސް ހައްގުބަސް ބުނުމުގެ މިނިވަންކަން ނިގުޅައި ގަނެވިގެން ނުވާނެ އެވެ. ނަމަވެސް ހައްގުބަސް ބުނާމީހާ ހިކުމަތާއި ރިވެތި ވައުޒު ބޭނުން ކުރުން ލާޒިމުވާނެ އެވެ. ހަމަ އެފަދައިން ފިކުރާއި ޚިޔާލުގެ ގޮތުން އެއްގޮތް މީހުންނާ ބައްދަލު ކުރުމާއި އެފަދަ މީހުން އެއްވެގެން ޖަމާއަތެއް ނުވަތަ ޕާޓީއެއް ހަދަން ބޭނުންވެއްޖެ ނަމަ އެކަމުގެ މިނިވަންކަންވެސް ލިބެން ޖެހޭނެ އެވެ. ނަމަވެސް މިފަދަ ޖަމާއަތަކީ މުޖުތަމައުގެ އަގީދާ އާއި މުޖުތަމައުގެ ޝަރުއީ ނިޒާމަށް އިހުތިރާމު ކުރާ ބަޔަކު ކަމުގައިވާން ޖެހޭނެ އެވެ. ތަގުވާ އާއި ހެޔޮ ކަންކަމުގައި އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރި ވުމަށާއި ފާފަކުރުމާއި އަދާވާތްތެރި ވުމުގައި އެކަކު އަނެކަކަށް ވާގިވެރި ނުވާން މާތް ﷲ އަންގަވާފައި ވެއެވެ (އަލްމާއިދަތު 2).
މިނިވަންކަމުގެ ތެރެއިން ދެން ލިބެން ޖެހެނީ އެ މީހެއްގެ އަމިއްލަ ނަފްސާއި އެ މީހަކު ބަލަހައްޓާން ޖެހޭ ބަޔަކު ބެލެހެއްޓުމަށްޓަކައި އާމްދަނީ ހޯދުމުގެ މިނިވަންކަމެވެ. މަސައްކަތް ކުރުމުގެ މިނިވަންކަން އެއްވެސް މީހެއްގެ ކިބައިން (ކުށަކަށް ލިބޭ އުގޫބާތެއްގެ ގޮތުން ފިޔަވައި) ނިގުޅައި ގަނެގެން ނުވާނެ އެވެ. އަދި ރިޒުގު ހޯދުމަށް އޮންނަ މަގު ހަނި ކުރަން އެހެން އެއްވެސް ފަރާތަކުން މަސައްކަތް ކޮށްގެން ނުވާނެ އެވެ. ނުވަތަ އެ މީހަކަށް ލިބިފައިވާ އިލްމާއި ހުނަރު ބޭނުން ނުކުރެވޭ ފަދަ ގޮތަކަށް ހަދައިގެން ނުވާނެއެވެ. ކުށަކާ ނުލައި މީހަކު ވަޒީފާއިން ވަކިކޮށްގެން ނުވާނެ އެވެ. ކުރާ މަސައްކަތަށް ލިބެން ޖެހޭ އުޖޫރަ ބަންދުކޮށްގެން ނުވާނެ އެވެ.
މިނިވަންކަމުގެ ތެރެއިން ދެން ލިބެން ޖެހެނީ އެމީހެއްގެ އަމިއްލަ ގެދޮރުގައި މިނިވަންކަމާ އެކު އުޅުމުގެ ފުރުސަތު ލިބުމެވެ. ޖާސޫސް ކުރުމާއި، އިޒުނަ ނެތި ގެދޮރަށް ވަނުމާއި ސިއްރުން ވާހަކަ އަޑުއެހުމާއި އައުރަތައް ބެލުން ފަދަ ކަންކަމަކީ މުސްލިމުންނަށް ނަހީ ކުރެވިގެންވާ ކަންކަމެވެ. މިފަދަ ކަމެއް ކުރެވޭނީ ހަމައެކަނި ޟަރޫރީ ހާލަތެއްގައި އެ ޟަރޫރަތު ފިލުވައިލަން ބޭނުންވާ މިންވަރަށެވެ. މިނިވަންކަމުގެ ތެރެއިން ދެން ލިބެންޖެހޭ މިނިވަން ކަމަކީ ކޮންމެ މީހެއްގެ ވެސް ހުރުމަތްތެރިވެގެންވާ ތަކެއްޗާއި ކަންކަން ރައްކާތެރި ކުރުމުގެ މިނިވަންކަމެވެ. މިގޮތުން ދީނާއި ފުރާނަ އާއި ހަށިގަނޑާއި އަބުރާއި މުދަލާއި އަނބިދަރިންނަށް ހުރުމަތް ލިބިގެންވެ އެވެ.
އިސްލާމީ މަންހަޖަށް ސިޔާސަތު ބައްޓަން ކުރުމުގެ އިރުޝާދުތަކަށް ބަލާއިރު ފާހަގަ ކުރެވޭ ފަސްވަނަ ކަމަކީ މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ހިމާޔަތް ކުރުމެވެ. މި ގޮތުން މުސްލިމުންގެ ދީން ހިމާޔަތް ކުރުމަކީ އެންމެ މުހިންމު އެއްކަންތަކެވެ. އެ ދީނަށް ނުރައްކާވާ އެންމެހައި ކަންކަމުން މުސްލިމުން ސަލާމަތްވާނެ ގޮތަށް އިސްލާމީ މުޖުތަމައުގެ ސިޔާސަތުތައް ރޭވިފައި އޮންނަން ޖެހޭނެ އެވެ.
ހަވަނަ ކަމަކީ، އިސްލާމީ މުޖުތަމައުތަކުގައި ވަޒަންވެރިވެ އުޅޭ ޣައިރު މުސްލިމުންނަށް އެ މީހުންގެ އަގީދާގެ މަތީ އެ މީހުންގެ ދީނީ ޝިއާރުތައް ގާއިމުކޮށްގެން ދިރިއުޅުމުގެ މިނިވަންކަން ދިނުމެވެ. ނަމަވެސް މިމިނިވަންކަމަކީ މުސްލިމުންގެ އިހުސާސްތަކާއި ޝުއޫރުތަކަށް އިހުތިރާމު ކުރުން ގެއްލުވައިލެވޭ ފަދަ ގޮތަކަށް ދެވޭ މިނިވަން ކަމެއް ކަމުގައި ވެގެން ނުވާނެ އެވެ.
މި ފާހަގަ ކުރެވުނު ކަންކަމަކީ އިސްލާމީ މުޖުތަމައެއްގައި ދިރިއުޅޭ ބަޔަކު ނަމަ އެ ބައިމީހުންގެ ސިޔާސީ ނިޒާމު ރޭވުމުގައި އެ އަށް ރިއާޔަތް ކުރަން ޖެހޭ ކަންކަމެވެ. މުސްލިމުންގެ ދިރިއުޅުމުގެ ހަޔާތުގެ އިތުރުން އުޚުރަވީ ހަޔާތުގެ ކާމިޔާބު ވެސް ލިބެން އޮތީ އިސްލާމީ މަންހަޖަށް ތަބާވެގެންނެވެ.