07 ޑިސެމްބަރ 2016 - 09:17

ބާސެލޯނާ (ޑިސެމްބަރު 7) – އާޑާ ޓުރާންގެ ހެޓްރިކާ އެކު ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބެކް އަތުން 4-0 އިން މޮޅުވެ ބާސެލޯނާ އިން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް ނިންމާލިއިރު ބެންފީކާ އަތުން 2-1 އިން މޮޅުވެ ގްރޫޕް ބީ ގެ އެއް ވަނަ ޓީމުގެ ގޮތުގައި އިޓަލީގެ ނަޕޯލީ ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.

ބާސެލޯނާ 15 ޕޮއިންޓާ އެކު ގްރޫޕް ސީ ގެ އެއް ވަނައިގެ ގޮތުގައި ނިންމާލިއިރު މި ގްރޫޕުގެ ދެ ވަނަ ޓީމަކީ ރޭ ސެލްޓިކާ 1-1 އިން އެއްވަރުވި މެންޗެސްޓާ ސިޓީ އެވެ. ފަސް ޕޮއިންޓާ އެކު ތިން ވަނަ އަށް ދިޔަ މޮންޗެންގްލަޑްބެކް އަށް ޔުރޮޕާ ލީގުން ފުުރުސަތު ލިބުނުއިރު ތިން ޕޮއިންޓާ އެކު ފުލަށް ދިޔަ ސެލްޓިކް ވަނީ ކަޓައިފަ އެވެ.
ފުރަތަމަ އެގާރަ އަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ރޭ ކުޅުނު ބާސެލޯނާ އަށް ލީޑު ނަގައިދިނީ 16 ވަނަ މިނެޓުގައި ލިއޮނަލް މެސީ އެވެ. އެ ޓީމުގެ އަނެއް ތިން ލަނޑު ޖަހައި ތުރުކީ މިޑްފީލްޑަރު ޓުރާން ވަނީ ހެޓްރިކް ހަދައިފަ އެވެ. މިއީ ފުރުސަތު ނުލިބޭނީ ކްލަބް ބަދަލުކުރަން އުޅޭ ކަމަށް އަޑުއަރާފައިވާ ޓުރާން އެ ޓީމަށް ބަދަލުވި ފަހުން އެންމެ މޮޅަށް ކުޅުނު އެއް މެޗެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ރޭ އެ ޓީމާއި ސެލްޓިކް ކުޅުނު މެޗުގެ ފަސް ވަނަ މިނެޓުގައި ސެލްޓިކުގެ ޕެޓްރިކް ރޮބަޓްސް ވަނީ ލީޑު ނަގައިފަ އެވެ. ސިޓީ އަށް އޭގެ ހަތަރު މިނެޓު ފަހުން އެއްވަރުކޮށްދިނީ އިހެނާޗޯ އެވެެ. މި މެޗަށް ސިޓީ ނުކުތީ އެންމެ ފަހުން ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 3-1 އިން ބަލިވި މެޗުގައި ކުޅުނު ޓީމަށް ނުވަ ބަދަލު ގެނެސްގެންނެވެ.
ގްރޫޕް ބީ ގެ އެއް ވަނަ މަގާމް ނަޕޯލީ ހޯދީ 11 ޕޮއިންޓާ އެކު އެވެ. އަށް ޕޮއިންޓާ އެކު ދެ ވަނަ މަގާމް ބެންފީކާ ހޯދިއިރު ހަތް ޕޮއިންޓާ އެކު ތިން ވަނަ އަށް ދިޔަ ތުރުކީގެ ބެސިކްޓަސް އަށް ޖެހޭނީ ޔުރޮޕާ ލީގުގައި ވާދަކުރާށެވެ. އަދި ފަސް ޕޮއިންޓާ އެކު ފުލަށް ދިޔަ ޔޫކްރޭނުގެ ޑައިނަމޯ ކިއޭވް ވަނީ ކަޓައިފަ އެވެ.
ރޭ ނަޕޯލީ އާއި ބެންފީކާ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދާއިރު ނަޕޯލީ އަށް ލީޑު ނަގައިދިނީ 60 ވަނަ މިނެޓުގައި ހޯސޭ ކަލެޔޮން އެވެ. ދެ ވަނަ ލަނޑު 79 ވަނަ މިނެޓުގައި ޑްރިއެސް މާޓިންސް ޖެހިއިރު ބެންފީކާގެ ހަމައެކަނި ލަނޑު 87 ވަނަ މިނެޓުގައި ޖެހީ ރައުލް ހިމެނޭޒް އެވެ.