05 ޖޫން 2016 - 14:43

ހުޅުމާލޭގައި 95 މިކްސްޑް ރެސިޑެންޝަލް ހައުސިން ޔުނިޓްތަކެއް އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ދަމާސް ކޮމްޕެނީއާ މިއަދު ހަވާލުކޮށްފި އެވެ.

އެސްޓީއޯގެ ހޮޓާ ހުންނަ ސަރަހައްދުގައި ހައުސިން ޔުނިޓް އަޅަން އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ. ދަމާސް އިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސޯލިހެވެ.
އެޗްޑީސީން ބުނީ އެއްބަސްވުމުގައި ސޮއިކުރާތާ އެއް އަހަރާއި ދެ މަސް ދުވަހުގެ ތެރޭގައި ހައުސިން ޔުނިޓްތައް އިމާރާތްކޮށް ނިންމަން ޖެހޭ ކަމަށެވެ.
އެޗްޑީސީން ބުނިގޮތުގައި ހައުސިން ޔުނިޓްތައް ހަވާލުކުރީ ދަމާސް އިން އެ ތަންތަން އިމާރާތް ކުރުމަށް ފަހު، އަމިއްލަ ފަރާތްތަކަށް ވިއްކާ ގޮތަށެވެ.
ހުޅުމާލޭގައި މިކްސް ރެސިޑެންޝަލް ހައުސިން ޔުނިޓްތަކެއް އަޅަން ހަވާލުކުރީ ކިހާ ބޮޑު މިނެއްގެ ބިމެއް ކަމެއް އަދި ބިން ވިއްކި އުސޫލެއް އެޗްޑީސީއަކުން އަދި ނުބުނެ އެވެ.
މިދިޔަ ހަފުތާގައި ވެސް އެޗްޑީސީން ވަނީ ހުޅުމާލޭގައި 60 ހައުސިން ޔުނިޓް އަޅަން ބެޗް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފަ އެވެ.