އާސެނަލްގެ ކުޅުންތެރިން ބަލިވެ އުޅޭތީ އާޓެޓާ ފިކުރު ބޮޑުވެފައި
އާސެނަލްގެ ކުޅުންތެރިން ބަލިވެ އުޅޭތީ އާޓެޓާ ފިކުރު ބޮޑުވެފައި

ލަންޑަން (އޮކްޓޯބަރު 30) - އިންގްލިޝް ޕްރިމިއަ ލީގުގައި މިއަދު ހަވީރު ރަށުން ބޭރުގައި އާސެނަލް އިން ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް އޮތް އެންމެ ބޮޑު މައްސަލަ އަކީ ސިކްނެސް ބަގް" އެއްގެ ސަބަބުން ގިނަ ކުޅުންތެރިންތަކެއް ބަލިވެ އުޅުމާއި އަނިޔާ ކަމަށް އެ ޓީމުގެ ކޯޗު މިކެލް އާޓެޓާ ބުނެފި އެވެ.

ސިކްނެސް ބަގަކީ މީހާ ވަރުބަލިކޮށްލައި، ބަނޑުގައި ރިއްސުމާއި، ހޮޑުލުމާއި ބޭރަށް ހިންގުމާއި ބައެއް ފަހަރު ހުން އައުން ފަދަ ކަންކަން ކުރިމަތިކުރުވާ ބައްޔެކެވެ.

އެންމެ ފަހުން ލީގް ކަޕުގައި އާސެނަލް އިން ލީޑްސް ޔުނައިޓެޑް ބަލިކުރި މެޗުގައި ބަލީގެ ސަބަބުން ޑިފެންޑަރު ޕަބްލޯ މާރީ ނުހިމަނަ އެވެ. ބަލީގެ ސަބަބުން އެޓީމުގެ ޑިފެންޑަރު ބެން ވައިޓް ވެސް ވަނީ ބަދަލުކުރަން ޖެހިފަ އެވެ. އެ މެޗަށް ފަހު ބެން ވައިޓް ޓީމާ އެކު ފަރިތަކުރުންތަކުގައި ބައިވެރިއެއް ވެސް ނުވެ އެވެ. މިއަދުގެ މެޗުގައި ވެސް ޓީމުން އޭނާ ފެންނާނެކަމާ މެދު ވަނީ ޝައްކު އުފެދިފަ އެވެ.

"އޭނަ އުޅެނީ ބަލިވެ. ބަނޑުގައި ރިއްސުން ފަދަ ކަންކަން ކުރިމަތިވޭ. އުންމީދުކުރަނީ އެންމެންގެ ހާލު ވެސް ރަނގަޅު ވާނެ ކަމަށް. އޭނާ މި މެޗަށް ޓީމާ އެކު އަދި ފަރިތައެއް ވެސް ނުކުރޭ، މިމެޗުގައި އޭނާއަށް ކުޅެވޭނެކަން ބަލަން އަދި ވަގުތު ނަގާނެ،" އާޓެޓާ ބުންޏެވެ.

"ބައެއް ކުޅުންތެރިން އެބަތިބި ފަރިތަކުރުންތަކުގައި ބައިވެރި ނުވެވޭ، އަދި ލީޑްސް މެޗަށް ފަހު ކުދިކުދި އަނިޔާ ވެސް އެބައުޅޭ. ރަނގަޅު ޚަބަރަކަށް އިންތިޒާރު ކޮށްގެން މި ތިބީ."

ބްރައިޓަން އިން 50 މިލިއަން ޕައުންޑަށް މިސީޒަނުގައި އާސެނަލް އަށް ބަދަލުވެ، ބެން ވައިޓް އަންނަނީ އެޓީމުގެ ފަހަތް ބެލެހެއްޓުމުގައި ގެބްރިއެލް މަޅަގޭސްއާ އެކު ރަނގަޅު ޕާޓްނާޝިޕެއް ދައްކަމުންނެވެ.

އަނިޔާގެ ސަބަބުން އާސެނަލްގެ ޑިފެންޑަރު ކީރަން ޓިއޭނީ އަށް ލީޑްސްގެ މެޗު ގެއްލުނެވެ. އާޓެޓާ ބުނީ ޓިއޭނީގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށާއި ފަތިރަކުރުންތަކުގައި ކުރިއެރުން ހޯދަމުން އަންނަ ކަމަށެވެ.

ލީގުގައި އެންމެ ފަހުން އާސެނަލް އެސްޓަން ވިލާއާ ވާދަކޮށް މޮޅުވި މެޗުގެ ކުރިން އެޓީމުގެ ބުޔަކޯ ސަކާ ޓީމާއެކު ފަރިތަ ނުކުރި ނަމަވެސް އޭނާ ވަނީ އެ މެޗުގެ ފުރަތަމަ 11 ގައި ކުޅެ، 90 މިނިޓު ހަމަކޮށްފަ އެވެ. އަދި ގެބްރިއެލް މާޓިނެލީ އެ މެޗުގައި ކުޅެން އެރުވޭނެ ކަމުގެ ޔަގީންކަން ނެތް ނަމަވެސް، އޭނާ ވަނީ މެޗުގެ ފަހު ސިކުންތުކޮޅުގައި ކުޅެން އަރުވައިފަ އެވެ.

ލީގު ފުރަތަމަ ތިން މެޗުން ބަލިވުމަށް ފަހު އާސެނަލް ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނެތެވެ. އެންމެ ފަހުން ކުޅުނު ހަ މެޗުން އެ ޓީމު ވަނީ ދެ މެޗު އެއްވަރުކޮށް، ހަތަރު މެޗު ކާމިޔާބުކޮށްފަ އެވެ.

ލީގު ތާވަލުގެ 10 ވަނައިގައި އޮތަސް، އާސެނަލް އާއި ހަތަރު ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާ ދެމެދު އޮތީ އެންމެ ތިން ޕޮއިންޓުގެ ތަފާތެކެވެ. އާސެނަލްގެ އިތުރުން ނުވަވަނައިގައި އޮތް ލެސްޓާ ސިޓީ އާއި އަށް ވަނައިގައި އޮތް އެވަޓަން އަދި ހަތްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވެސް ލީގުގައި ކުޅުނު ނުވަ މެޗުން ލިބެނީ 14 ޕޮއިންޓެވެ.

ކިންގް ޕަވާ ސްޓޭޑިއަމްގައި މިއަދު ހަވީރު ލެސްޓާ ސިޓީ އާއި އާސެނަލް ބައްދަލުކުރާ މެޗް ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން 4:30 ގައެވެ.