ޕީއެސްޖީން ފަހަތުން އަރައި ޗެމްޕިއަން ލިލް ބަލިކޮށްފި
ޕީއެސްޖީން ފަހަތުން އަރައި ޗެމްޕިއަން ލިލް ބަލިކޮށްފި

ޕެރިސް (އޮކްޓޯބަރު 30) - ފްރާންސް ލީގުގައި ޕީއެސްޖީން ފަހަތުން އަރައި، އެންމެ ފަހުގެ ޗެމްޕިއަން ލިލް 2-1 އިން ބަލިކޮށްފި އެވެ.

ޕީއެސްޖީން މެޗު ފެށީ ޓީމުގެ އެންމެ ކުރީގައި ލިއޮނެލް މެސީއާއެކު ނޭމާ އާއި އެންހެލް ޑި މާރިއާ ކުޅެން އަރުވައިގެންނެވެ. އީއެންޓީގެ އިންފެކްޝަނަކަށް ފަރުވާ ކުރަމުންދާ ކިލިއަން އެމްބާޕޭ ރޭގެ މެޗަށް ޓީމުގައި ހިމަނައިފައެއް ނުވެ އެވެ. އަދި ކޭލާ ނާވާސްގެ ބަދަލުގައި ޕީއެސްޖީގެ ގޯލު ބެލެހެއްޓީ ޒުވާން ކީޕަރު ޖިއާންލުއިޖީ ޑޮނަރޫމާ އެވެ.

މެޗުގެ 31 ވަނަ މިނިޓުގައި ލިލް އަށް ލީޑު ނަގައިދިނީ އެ ޓީމަށް ކުޅޭ ކެނެޑާގެ ޒުވާން ފޯވަޑް ޖޮނަތަން ޑޭވިޑެވެ. މިއީ އޭނާ މި ސީޒަނުގައި ލީގުގައި ޖެހި އަށް ވަނަ ލަނޑެވެ. އަދި މި ލަނޑާއެކު އޭނާ ވަނީ ލީގުގެ ލަނޑު ލިސްޓުގެ އެއްވަނަ އަށް ވެސް ޖެހިލައިފަ އެވެ.

ފުރަތަމަ ހާފަށް ފަހު ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ މެސީގެ ފައިގެ މަސްގަނޑަށް ތަދުވެގެން، އޭނާގެ ބަދަލުގައި ފޯވަޑް މައުރީ އިކާޑީ ކުޅެން އަރުވައިފަ އެވެ. ލީގުގައި މިހާތަނަށް މެސީ އަށް އަދި ގޯލެއް ޖެހިފައި ނުވި ނަމަވެސް، ޗެމްޕިއަންސް ލީގުގައި މެސީ ވަނީ ޕީއެސްޖީ އަށް ކުޅެދިން ތިން މެޗުން ތިން ލަނޑު ޖަހައިފަ އެވެ.

ޕީއެސްޖީގެ ނަތީޖާ އެއްވަރު ކޮށްދިނީ 74 ވަނަ މިނިޓުގައި ކެޕްޓަން މާކީނިއޯސް އެވެ. އަދި ޕީއެސްޖީ މޮޅުވި ލަނޑު 88 ވަނަ މިނިޓުގައި ނޭމާގެ އެހީތެރިކަމާ އެކު ޖެހީ ޑި މާރިއާ އެވެ.

މި ނަތީޖާއާއެކު އެއް މެޗު އިތުރަށް ކުޅެގެން ޕީއެސްޖީން ވަނީ ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ދެވަނައިގައި ލެންސް އޮތީ 21 ޕޮއިންޓާ އެކު އެވެ.

މިދިޔަ ސީޒަނުގެ ފްރާންސް ލީގު ޗެމްޕިއަން ލިލް މި ވަގުތު އޮތީ ކުޅުނު 12 މެޗުން ހޯދި 15 ޕޮއިންޓާ އެކު ތާވަލުގެ 11 ވަނައިގަ އެވެ.