07 ޑިސެމްބަރ 2016 - 09:24

ޖަކާޓާ (ޑިސެމްބަރު 7) - އިންޑޮނީޝިއާގެ އަސޭ ޕްރޮވިންސަށް މިއަދު އައި ބިންހެލުމެއްގައި މަދުވެގެން 25 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

ރިކްޓާ މިންގަނޑުން 6.4 ގެ ބާރުމިނުގެ ބިންހެލުން އައިސްފައި ވަނީ ސުމަތުރާ އައިލެންޑުގެ ސިގްލީ ޓައުންއަށެވެ. ބިންހެލުމުގައި ވަނީ ވަރަށް ގިނަ އިމާރާތްތައް ވެއްޓިފަ އެވެ. އަދި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އެތައް ބަޔަކު ތާށިވެފައި ތިބޭނެ ކަމަށް އޮފިޝަލުން ބުނެ އެވެ. މީހުން ހޯދުމަށް ހެވީ އިކްއިޕްމަންޓް ބޭނުން ކުރަމުންދާ ކަމަށް އެންމެ ބޮޑަށް ގެއްލުން ލިބުނު ޕިޑީ ޖަޔާގެ ޑިޕިއުޓީ މޭޔަރު ވިދާޅުވި އެވެ.

އިންޑޮނީޝިއާގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނެފައި ވަނީ ބިންހެލުން އައި ނަމަވެސް ސުނާމީއެއް އުފެދުމުގެ ބިރެއް ނެތް ކަމަށެވެ. ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައި ވަނީ ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 11 މޭލު އަޑިން ކަމަށެވެ. މި ބިންހެލުމުގައި ބަންދާ އަސޭ އަށް ވެސް ބޮޑެތި ލޮޅުންތައް އެރި ކަމަށްވެ އެވެ. ސުމަތުރާ އަށް މި އަހަރު ވަނީ ގިނަ ބިންހެލުންތަކެއް އައިސްފަ އެވެ.
އިންޑޮނީޝިއާގެ އަސޭ ޕްރޮވިންސަށް 2004 ވަނަ އަހަރު އައި ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގައި ވަނީ 120،000 މީހުން މަރުވެފަ އެވެ.