29 އޮކްޓޯބަރ 2021 - 18:48

ރާއްޖެއަށް 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގައި ބައިވެރިވި ކަމަށް ފުލުހުން ތުހުމަތުކުރާ އިތުރު ދެ މީހަކު ރޭ ދޫކޮށްލައިފި އެވެ.
ޕޮލިހާއި ކަމާގުޅޭ އިދާރާތަކުން މި މަހުގެ 13 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 100 ކިލޯއަށްވުރެ ގިނަ ހެރޮއިން ހޯދާފައިވަނީ އދ. ބޮޑުކާށިހުރާ ނަމަކަށް ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓަ އެވެ. އެ މައްސަލައިގައި 10 މީހަކު ހައްޔަރުކުރި ނަމަވެސް އެ އެއްޗެހި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ތުހުމަތުކުރާ ދެ މީހުން ވަނީ ކޯޓުން ދޫކޮށްލައިފަ އެވެ.
ބާކީ ތިބި މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފައިވެ އެވެ. އެ ނެޓްވޯކުގައި ހިމެނޭ މީހުންގެ ވަނަވަރު ހާމަކުރީ އޭގެ ފަހުންނެވެ.
އެ މައްސަލައިގައި ހައްޔަރުކުރި އިތުރު މީހަކު މިދިޔަ އަންގާރަ ދުވަހު ވެސް ކޯޓުން ދޫކޮށްލާފައިވެ އެވެ. އެއީ، ގއ. ދެއްވަދޫ، ދޭލިޔާގެ، މިދުހަތު އިބްރާހިމް، 26، އެވެ. ބަންދުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރުކުރުމުން އެންމެ ފަހުން ދޫކޮށްލީ ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހިމް ޒައިދު ހަބީބް، 25 އަދި ހދ. ކުމުންދޫ، ޑިއާފްރެންޑު، އިބްރާހިމް ސިނާން، 24 އެވެ.
ކޯޓުން ބުނީ އެ ދެ މީހުން ދޫކޮށްލީ ބަންދުގައި މިވަގުތަށް އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ވަރަށް ހެކި ނެތުމުން ކަމަށެވެ.
ބޮޑުކާށިހުރާއިން މަސްތުވާތަކެތި އަތުލައިގަތް ފަހުން ވެސް ރ. މަޑުއްވަރީ ކައިރީގައި އޮންނަ ފަޅު ރަށެއްގައި ފޮރުވާފައި ހުރި 215 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވެ އެވެ. އެ މައްސަލައިގެ ތުހުމަތަށް މަޑުއްވަރީ ދެ ފިރިހެނަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވެ އެވެ.