29 އޮކްޓޯބަރ 2021 - 15:03

ބޯޑަށް ނާންގައި 162،000 ޑޮލަރު (2.4 މިލިއަން ރުފިޔާ) އެމްއައިބީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް އެހްތެޝާމް އަބްދުލްމުހައިމިން ނެގި މައްސަލައެއް ފެންމަތިވެފައި ވަނިކޮށް، މިއަދު އޭނާ ރާއްޖެއިން ބޭރަށް ފުރައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ބަންގްލާދޭޝް ބޭފުޅެއް ކަމަށްވާ އެހްތެޝާމް ރާއްޖެ އިން ބޭރަށް ފުރީ ރަސްމީ ގޮތުން ޗުއްޓީއެއް ނެގުމަށް ފަހު އެވެ.
އިތުބާރު ހުރި ފަރާތަކުން އިއްޔެ "މިހާރު" އަށް ކިޔައިދިން ގޮތުގައި އެހްތެޝާމަށް ޑޮލަރު ދޫކޮށްފައި ވަނީ ބޭންކުގެ އެޗްއާރު އޮފިސަރާއި ޗީފް ފައިނޭންޝަލް އޮފިސަރުގެ ސޮޔާ އެކުގަ އެވެ. ނަމަވެސް މިކަން ބޯޑަށް ނާންގާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ ކޮން ނަމެއްގައި، ނެގި ފައިސާއެއް ކަމެއް އަދި ނޭނގެ އެވެ.
އޭނާއާ ދޭތެރޭ ފިޔަވަޅު އެޅި ކަމަށް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް ބޭންކުން އެކަން ދޮގުކުރި އެވެ. ބޭންކުން ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ސީއީއޯ ސަސްޕެންޑް ކޮށްފައިނުވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
އެމްއައިބީ އަކީ 2019 ވަނަ އަހަރުން ފެށިގެން ޕަބްލިކް ކުންފުންޏެކެވެ. އެ ބޭންކުން ވަނީ ކުންފުނީގެ 31 ޕަސެންޓު ހިއްސާ އާއްމުންނަށް ވިއްކައިފަ އެވެ.