29 އޮކްޓޯބަރ 2021 - 13:36

ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ދިރާގުގެ ހިދުމަތްތައް ހޯދާ ކަސްޓަމަރުންނަށް ފައިސާގެ އިނާމް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ފައިބަ ބްރޯޑް ބޭންޑާއި ދިރާގު ޓީވީގެ ހިދުމަތަށް އެދޭ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 15ގެ ނިޔަލަށެވެ.
މި ޕްރޮމޯޝަނުގެ ދަށުން ހިދުމަތް ހޯދާ ހިޔާގެ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން މީހަކަށް 50،000ރ. ގެ ފައިސާގެ އިނާމް ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން، އެއްވަނައަށް ހޮވޭ މީހަކަށް 25،000ރ. އާއި ދެވަނައަށް 15،000ރ. އަދި ތިންވަނައަށް 10،000ރ. ވަނީ ހުށަހަޅައިފަ އެވެ.
ފައިސާގެ އިނާމުގެ އިތުރުން ދިރާގު ފައިބަ ބްރޯޑް ބޭންޑު ހިދުމަތަށް އެދޭ ކަސްޓަމަރުނަށް އެ ހިދުމަތް ގުޅައިދިނުމާއި ރައުޓާ ހިލޭ ލިބޭނެ އެވެ. އަދި ދިރާގު ޓީވީގެ ހިދުމަތަށް އެދޭ ކަސްޓަމަރުންނަށް ހިދުމަތް ގުޅައި ދިނުމާއި ޖޯއި ބޮކްސް ހިލޭ ލިބޭނެ އެވެ.
ދިރާގު ޓީވީ އަކީ ދުނިޔޭގެ އެންމެ މަގުބޫލު މުނިފޫހިފިލުވުމުގެ ކޮންޓެންޓުތައް އެއް ޕްލެޓްފޯމަކުން ބަލައިލެވޭ ހިދުމަތެކެވެ. އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް ފައިދާ ހުރި ޕެކޭޖޖުތަކެއް ފަރުމާކޮށް ޕްރޮމޯޝަންތައް ތައާރަފު ކުރުން ކަމަށް ދިރާގުން ބުންޏެވެ.