ޝިލްޕާގެ ދެމަފިރިންގެ އަތުން 75 ކްރޯޑް ރުޕީސް ހޯދަން ޝެރްލީން ކޯޓަށް
ޝިލްޕާގެ ދެމަފިރިންގެ އަތުން 75 ކްރޯޑް ރުޕީސް ހޯދަން ޝެރްލީން ކޯޓަށް

ބަރަހަނާ ފިލްމު ހެދި ކަމަށް ބުނާ މައްސަލައެއްގައި މިދިޔަ ޖުލައި މަހުގެ ތެރޭގައި ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ހައްޔަކުރި ފަހުން އެ ދެމަފިރިންގެ އަބުރަށް ބެހުނު ކަމަށް ބުނެ 50 ކްރޯޑް ރުޕީސްގެ ބަދަލެއް ޝެރްލީން ޗޯޕްޅާގެ އަތުން ހޯދަން ކޯޓަށް ހުށަހަޅާފައި ވަނިކޮށް، ޝެރްލީން އެ ދެމަފިރިންނާ ދެކޮޅަށް ދައުވާކޮށްފި އެވެ.

އޭނާ ކޯޓަށް މައްސަލަ ހުށަހެޅީ ނަފުސާނީ ގޮތުން ފުރައްސާރަ ކޮށްފައިވާ ކަމަށް ބުނެ އެކަމުގެ ބަދަލަށް ޝިލްޕާގެ ދެމަފިރިންގެ އަތުން 75 ކްރޯޑް ރުޕީސް (10.03 މިލިއަން ޑޮލަރު) ނަގައި ދިނުމަށެވެ.

މި މަހުގެ 23 ވަނަ ދުވަހު ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ޝިލްޕާ ބަދަލު ހޯދަން އޭނާއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅީ ލިބިދީފައި އޮތް ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ވެސް އަރައިގަތުމާ އެކީގައި ކަމަށެވެ. އެހެންވެ ޝިލްޕާ އާއި ފިރިމީހާއާ ދެކޮޅަށް ދައުވާ ކުރަން ނިންމި އަސާސީ ހައްގަކަށް ހުރަސް އަޅައި، ނަފުސާނީ ގޮތުން ގެއްލުން ދިފައިވާތީ ކަމަށް ބުންޏެވެ. އަދި ބަދަލު ހޯދަން ކޯޓަށް ދާން ނިންމި މައިގަނޑު ސަބަބަކީ ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަކީ ކޮންމެ މީހަކަށް ވެސް އޮތް ހައްގެއްކަން ކަށަވަރު ކުރުމުގެ ގޮތުންނެވެ. އެހެންވެ މިކަމާ ގުޅިގެން އޭނާ އަށް އިންސާފު ލިބުމަކީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން އޮތްކަން ޔަގީން ކޮށްދޭނެ ކަމެއް ކަމަށް ޝެރްލީން ބުންޏެވެ.

ކޯޓަށް ހުށަހެޅި މައްސަލާގައި އޭނާ ބުނަފައި ވަނީ ރާޖްގެ ފަރާތުން ޖިންސީ ގޯނާ ލިބުމުގެ އިތުރަށް، އަންޑަވޯލްޑް ބައެއްގެ ފަރާތުން ބިރު ދެއްކުމުގެ އިންޒާރު ވެސް ރާޖް ދީފައިވާ ކަމަށެވެ.

"ދިލް ބޯލޭ ހަޑިއްޕާ" އާއި "ބަޖާ ތުމް ހޯ" އަދި "ރެޑް ސްވާސްޓިކް" ފަދަ ފިލްމުތަކުގައި މަސައްކަތްކޮ ށްފައިވާ 37 އަހަރުގެ ބަތަލާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަނީ ސުހައިލް ޝަރީފެވެ. އޭނާ ވިދާޅުވީ ގޮތުގައި ޝެރްލީންގެ އަތުން ބަދަލު ހޯދަން ޝިލްޕާ ކޯޓަށް ހުށަހެޅި މައްސަލަ އަކީ އަބުރު ހަތިރާތަކަށް ހަދައިގެން ހިޔާލު ފާޅު ކުރުމަށް ހުރަސް އަޅަން މަސައްކަތް ކުރުމުގެ އަމަލެއް ކަމަށެވެ.