ޓޫރިޒަމް ރިކަވަރީއަށް ބަލައި ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ޓޫރިޒަމް ރިކަވަރީއަށް ބަލައި ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި

ކޮވިޑް-19އަށް ފަހު ރާއްޖޭގެ ޓޫރިޒަމް ރިކަވާވުން އަވަސްވުމުން ފިޗުގެ ކްރެޑިޓް ރޭޓިން ބީ މައިނަސް އަށް މަތި ކޮށްފި އެވެ.

ފިޗުން އެންމެ ފަހުން ރާއްޖެއަށް ރޭޓިން ދީފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެފަހަރު ބީ މައިނަސް އިން "ސީސީސީ" އަށް ރާއްޖޭގެ ރޭޓިން ދަށް ކުރި އެވެ. މިއީ ދަރަނި ނުދެއްކޭ ވަރަށް ރާއްޖޭގެ މާލީ ހާލަތު ގޯސްކަމަށް ބުނެ ދިން ރޭޓިންއެކެވެ.

ފިޗުން ރޭ ނެރުނު ރޭޓިންގައި ބުނީ ރާއްޖޭން ވިއްކި ސުކޫކާ ގުޅިގެން ބޭރުގެ ދަރަނިތައް ދެއްކުނު ނަމަވެސް ދަރަނި ދައްކަން ބޭރު ފައިސާ ހޯދުން އަދިވެސް ރާއްޖެއަށް ދަތި ކަމަށެވެ. ނަމަވެސް ރާއްޖޭގެ ޓޫރިޒަމް ހީކުރިވަރަށް ވުރެ އަވަހަށް ރަނގަޅުވަމުން ދިއުމާ ގުޅިގެން އިގްތިސާދު ރަނގަޅުވަމުން އަންނަ ކަމަށް ބުންޏެވެ.

ރާއްޖޭން ވަނީ މި އަހަރުގެ މިހާތަނަށް ޓޫރިޒަމުގެ 70 ޕަސެންޓު ރިކަވާ ކޮށްފަ އެވެ. އަންނަ އަހަރު ނިމޭއިރު 80 ޕަސެންޓު އަދި 2023 ގެ ނިޔަލަށް 100 ޕަސެންޓު ރިކަވާ ވާނެ ކަމަށް ފިޗުން ވަނީ ލަފާ ކޮށްފަ އެވެ.

މިދިޔަ އަހަރު ރާއްޖޭގެ ދަރަނި ވަނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 115.6 ޕަސެންޓަށް އިތުރުވެފަ އެވެ. ނަމަވެސް މިއަހަރު އެ އަދަދު 107.6 ޕަސެންޓަށް ދަށްވާނެ ކަމަށް ފިޗުން ލަފާކުރެ އެވެ.

މީގެ އިތުރުން މި އަހަރު ރާއްޖޭގެ އިގްތިސާދު އުފެއްދުންތެރިކަމުގެ ނިސްބަތުން 29.4 ޕަސެންޓަށް އިތުރުވާނެ ކަމަށް ފިޗުން ވަނީ ލަފާ ކޮށްފަ އެވެ. އަދި އަންނަ އަހަރު 10 ޕަސެންޓަށް އިތުރުވާނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފަ އެވެ.

ބީ މައިނަސް އަކީ އެ ގައުމެއްގެ އިގްތިސާދު ރަނގަޅުވަމުން އަންނަކަން ދައްކުވައިދޭ ރޭޓިން އެކެވެ. މި ރޭޓިން ގަބޫލު ކުރައްވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެވެ. އަދި މި ރޭޓިން ހޯދުމަށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް އޭނާ ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.