28 އޮކްޓޯބަރ 2021 - 21:59

ބޯޑަށް ނާންގައި 162،000 ޑޮލަރު (2.4 މިލިއަން ރުފިޔާ) ނެގި މައްސަލައެއްގައި އެމްއައިބީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް އެހްތެޝާމް އަބްދުލްމުހައިމިން ސަސްޕެންޑްކޮށްފި އެވެ.
ބަންގްލާދޭޝް ބޭފުޅެއް ކަމަށްވާ އެހްތެޝާމް ސަސްޕެންޑް ކޮށްފައިވާކަން "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ. އެކަމަކު ބޭންކުން ނެރުނު ކުރު ބަޔާނެއްގައި ބުނީ އެފަދަ ސަސްޕެންޝަނެއް ކޮށްފައިނުވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
އިތުބާރު ހުރި ފަރާތަކުން "މިހާރު" އަށް ކިޔައިދިން ގޮތުގައި އެހްތެޝާމަށް ޑޮލަރު ދޫކޮށްފައިވަނީ ބޭންކުގެ އެޗްއާރު އޮފިސަރާއި ޗީފް ފައިނޭންޝަލް އޮފިސަރުގެ ސޮޔާ އެކުގަ އެވެ. ނަމަވެސް މިކަން ބޯޑަށް ނާންގާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ ކޮން ނަމެއްގައި، ނެގި ފައިސާއެއް ކަމެއް އަދި ނޭނގެ އެވެ.
އެމްއައިބީ އަކީ 2019 ވަނަ އަހަރުން ފެށިގެން ޕަބްލިކް ކުންފުންޏެކެވެ. އެ ބޭންކުން ވަނީ ކުންފުނީގެ 31 ޕަސެންޓު ހިއްސާ އާއްމުންނަށް ވިއްކައިފަ އެވެ.