28 އޮކްޓޯބަރ 2021 - 20:13

ޑްރައިވިން ލައިންސެންސް ނަގަން ފަރިތަކުރާ ތަނެއް ހަދަން ހުޅުމާލެ އިން ބިމެއް ކަނޑައަޅައިފި އެވެ.
ލައިސެންސް ނަގަން ބޭނުންވާ ފަރާތްތަކުން ފަރިތަ ކުރުމާއި ޑްރައިވިން ޓެސްޓުތައް މިހާރު ކުރިޔަށް ގެންދަނީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖުގެ ތެރެއިން މަގެއްގަ އެވެ.
ނަމަވެސް އެ މަސައްކަތް ހުޅުމާލެއަށް ބަދަލުކުރުމަށް ނިންމައި، ބިމެއް ކަނޑައަޅަން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ލައިސެންސް ނަގަން މިހާރު ބޭނުންކުރާ ސަރަހައްދުގައި ގިނަ ދަތިތަކެއް އެބަހުރި ކަމަށާއި ހުޅުމާލޭގައި ހަދާ ތަނުން އެ ހުރިހާ ކަމަކަށް ވެސް ހައްލު ލިބޭނެ ކަމަށެވެ.
ލައިސެންސް ނަގަން ދުއްވާ ތަނެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހުޅުމާލެ ފިތުރޯނުގަސް މަގުގައި ޕޯޓާ ޖެހިގެން އޮންނަ ހުސް ބިމެވެ. ސިޓީ ކައުންސިލާ ގުޅިގެން އެ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
ރެނާޓަސް އެޕާޓްމަންޓް ބިލްޑިންގް ކުރިމައްޗަށްވާ ގޮތަށް އޮންނަ އެ ބިމުގައި ކުރިޔަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ޑްރައިވިން ޓެސްޓު ހެދުމުގެ ކަންކަން ހަމަޖެހޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.