28 އޮކްޓޯބަރ 2021 - 12:05

މާލޭގެ ދެ މިސްކިތަކަށް ވަދެ އެތަންތަނަށް ކުޑަކަމުދިޔަ މީހާ އަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މީހުން ނަމާދަށް ތިބި ވަގުތުގައި ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒު ތެރެއަށް، އަދި ރައީސް އޮފީހުގެ ބޭރަށް ވެސް ކުޑަކަމު ދިޔަ މައްސަލައިގައި މި މަހުގެ ތިން ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ މ. ޝޭޑީހޯމް، ހަސަން ޒިޔާދު، 40، އެވެ.
މި މީހާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ބެލެވޭ ކަމަށް ކުރިން ބުނި ނަމަވެސް އޭނާގެ ނަފްސާނީ ބައްޔެއް ހުރިތޯ ބެލުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން ބޭއްވި އަޑުއެހުމެއްގައި ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ ދައުވާކުރަން ފޮނުވީ މިދިޔަ އާދިއްތަ ދުވަހު ކަމަށާއި މިހާރު އޭނާ ވަނީ ބަންދުން ދޫކޮށްލާފައި ކަމަށެވެ.
އެ މީހާއަކީ ނުކުޅެދޭ މީހެއް ކަމަށް ފުލުހުން ބުނި ނަމަވެސް މަޖިލީހުގެ ޖަލްސާއެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރިން ވެސް ވިދާޅުވީ ރައީސް އޮފީސް ކުރިމައްޗަށާއި އަދި އެހެން ތަންތަނަށް ކުޑަކަމުދިއުމާއި މި ހުރިހާ ކަންތައްތަކަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުންގެ ސަބަބުން ހިނގާ ކަންތައްތަކެއް ކަމަށެވެ.