ކުދިންނަށް ސޯޝަލް މީޑިއާގެ ހަގީގަތް ކިޔައިދޭންވާނެ
ކުދިންނަށް ސޯޝަލް މީޑިއާގެ ހަގީގަތް ކިޔައިދޭންވާނެ

ވަރަށް ކުޑައިރުން ފެށިގެން ފޯނާއި ޓެބްލެޓް ފަދަ ތަކެތި ދިނުމަކީ ކުދިން ދެކެ ވާ ލޯބީގެ ހެއްކެއް ގޮތުގައި ދެކޭ މީހުން އުޅެ އެވެ. ނަމަވެސް ނޭނގޭ ކަމަކީ ކުދިން މި އެއްޗިއްސަށް އެހާ ކުޑައިރުން ފެށިގެން އާދަވުމުން ކުދިންގެ އުޅުމަށް ކުރާނެ ނޭދެވޭ އަސަރެވެ.

ސޯޝަލް މީޑިއާގައި ބޭނުންކުރާ އެޕްތައް އިތުރުވެގެން އަންނަނީ ކުއްޖާ ޓީނޭޖަށް އަޅާ ހިސާބުންނެވެ. އިންސްޓަގްރާމް، ފޭސްބުކް އަދި ޓިކްޓޮކް ފަދަ އެޕްތަކުގެ ތެރޭ ކުދިން ވަރަށް ގިނަ ވަގުތު ހޭދަކުރެ އެވެ.

އިންޓަނެޓުން ކުދިންނަށް ނޭދެވޭ އެތައް ކަމެއް ކުރިމަތިވާއިރު، ކުދިންނަށް ލިބޭ ރަނގަޅު ފިލާވަޅުތަކެއް ވެސް ހުރެ އެވެ.

ދަރިފުޅުގެ އުމުރުން ބެލެނިވެރިކަމުގެ ކޮންޓްރޯލް ދާ ހިސާބަކީ އަދި އެކަމާ ބިރުން އުޅެން ޖެހޭނެ ސަބަބެއް ނޫނެވެ. ސޯޝަލް މީޑިއާ އިން ކުދިންނަށް ހަމައެކަނި ދަސްވަނީ ނުރަނގަޅު ކަންކަމެއް ނޫނެވެ. ކުދިންނަށް ލިބޭ ބައިވަރު ފައިދާތައް ވެސް ހުރެ އެވެ. އެ ކުދިންނަށް ކިޔައިދޭންވީ ސޯޝަލް މީޑިއާ ރަނގަޅު ގޮތުގައި ބޭނުން ކުރަންޖެހޭ ގޮތެވެ.

މިއީ "ސައިކޮލޮޖީ ޓުޑޭ" ވެބްސައިޓުގައި މިކަމާ ބެހޭ ގޮތުން ދީފައިވާ ބައެއް އިރުޝާދެވެ.

- ސޯޝަލް މީޑިއާ އަކީ "ހައިލައިޓް ރީލް" އެއް ކަން ކުދިންނަށް ބުނެދޭށެވެ. ފިލްޓަ ލައިގެން މީހުންގެ ސިފަހުންނަ ގޮތާއި ފިލްޓަ ނުލައި މީހުން ހުންނަ ގޮތް ވެސް އެކުދިންނަށް ދައްކަދޭން ވާނެ އެވެ.

- ސޯޝަލް މީޑިއާ އަށް ހޭދަކުރާ ވަގުތު އިތުރުވާ ވަރަކަށް ކުއްޖާގެ ނަފްސާނީ އަދި ހަށިގަނޑަށް ލިބޭ ގެއްލުމަށް ފަރުވާތެރިވާން ވާނެ އެވެ. އަދި ދުވާލަކު ދެގަޑިއިރަށް ވުރެ އިތުރަށް ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރުމުން ކުއްޖާ އަށް ނޭދެވޭ އަސަރު ފޯރަ އެވެ. މިފަދަ ކަންކަން ހައްލު ކުރުމަށް ޕޭރަންޓަލް ކޮންޓްރޯލް ފަދަ އެޕްތަކުގެ ބޭނުން ހިފިދާނެ އެވެ.

- ކުދިން ގެންގުޅޭ އެޕްތައް ބަލާއިރު އެއިން އިހުސާސް ވަނީ ކޮން ކަމެއްތޯ އެ ކުދިން ގާތުގައި އަހާ އޮޅުންފިލުވާށެވެ. އަދި އެ ކުދިން ފޮލޯކުރާ މީހުންނަކީ ކޮންބައެއްކަން އެ ކުދިން ގާތު އަހަންވާނެ އެވެ. އަދި ހަމަ ފޮލޯކުރާ ކޮންމެ އެކައުންޓަކާ ބެހޭ ގޮތުން ވަކި ވަކިން އަހައި އޮޅުންފިލުވަން ވެސް ވާނެ އެވެ. ކުދިން ފޮލޯކުރާ އެކައުންޓަކުން ގޯސް ވިސްނުމެއް ބޮލުތެރެއަށް ވަނަސް އެ ކުއްޖެއްގެ އެކައުންޓުން އެ މީހަކު ރިމޫވްކޮށްލާށެވެ.

- އުމުއުރުން 13 އަހަރު ނުވަނީސް ސޯޝަލް މީޑިއާގައި އެކްޓިވް ނުވާން ކުދިންނަށް ނަސޭހަތްތެރިވާން ވާނެ އެވެ. ސަބަބަކީ އޮންލައިން ޕްރައިވަސީ ޕްރޮޓެކްޝަން އިންނާނީ 13 އަހަރުން ދަށުގައި ކަމުގައި ވާތީ އެވެ.

- ފޯނާއި އިތުރު ޑިވައިސްތައް ބޭނުން ކުރުމުގައި އާއިލީ ގަވާއިދުތަކެއް އެކުލަވާލުން މުހިއްމެވެ. މިސާލަކަށް، ކާން މޭޒު ދޮށުގައި އިންނަ އިރު އެއްވެސް ގޮތަކަށް ފޯނު ބޭނުން ނުކުރުން ކަހަލަ ގަވާއިދުތަކެވެ.

- އަބަދުވެސް ސޯޝަލް މީޑިއާ ބޭނުން ކުރުމުގައި ސަމާލުވާންޖެހޭ ކަންކަމާ ބެހޭ ގޮތުން އެކުދިންނަށް ނަސޭހަތްތެރި ވާށެވެ. ޕްރައިވަސީ ސެޓިންއެއް އިން ނަމަ އަބަދުވެސް ހުރިހާ ސޯޝަލް މީޑއާއެއް ވެސް ޕްރައިވަސީ އޮން ކުރަން ހަނދާން ކުރާށެވެ. އަދި އަމިއްލަ ޒާތީ މައުލޫމާތުތަކަކީ ސޯޝަލް މީޑިއާގައި މީހުންނަށް އެނގެންޖެހޭ މައުލޫމާތު ނޫންކަން ކުދިންނަށް ބުނެދޭން ވާނެ އެވެ.