28 އޮކްޓޯބަރ 2021 - 10:51

ލަންޑަން (އޮކްޓޯބަރު 28) - އިނގިރޭސި ލީގް ކަޕުގައި ރޭ ކުޅުނު މެޗުން، ދިފާއީ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށް ވެސްޓް ހޭމް ޔުނައިޓެޑް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ޑޭވިޑް މޮޔެސްގެ އިރުޝާދުގެ ދަށުން އޯލްޑް ޓްރެފޯޑުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، މުބާރާތުގެ ހަތަރު ވަނަ ބުރުން ޖާގަ ހޯދި ވެސްޓް ހޭމް ޔުނައިޓެޑުން މެންޗެސްޓާ ސިޓީ ބަލިކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 0-0 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 5-4 އިން މޮޅުވެގެންނެވެ.
ފުލްބެކް ޔާއޯ ކަންސެލޯ އާއި ގަބްރިއެލް ޖީސަސް އަދި ޖެކް ގްރީލިޝް ޖެހި ޕެނަލްޓީތައް ކާމިޔާބުކުރި ނަމަވެސް ސިޓީއަށް ނާކާމިޔާބުވީ ޕެނަލްޓީި ޝޫޓްއައުޓްގައި އެންމެ ފުރަތަމަ، ފިލް ފޯޑެން ޖެހި ޕެނަލްޓީ އެވެ. ވެސްޓް ހޭމްގެ ޕެނަލްޓީތައް ޖެހީ މާކް ނޯބަލް އާއި ޖާރޯޑް ބޯވެން އާއި ކްރެއިގް ޑޯސަން އަދި އާރޮން ކްރެސްވެލް އާއި ސައީދު ބެންރެހްމާ އެވެ.
މިއީ 2016 ވަނަ އަހަރު މި މުބާރާތުގެ ހަތަރުވަނަ ބުރުގައި ޔުނައިޓެޑް އަތުން ބަލިވި މެޗަށް ފަހު ޕެޕް ގާޑިއޯލާގެ ސިޓީ މިމުބާރާތުގައި ބަލިވި ފުރަތަމަ ފަހަރެވެ. ސިޓީ އަކީ ވޭތުވެދިޔަ ހަތަރު ސީޒަނުގެ ވެސް ލީގް ކަޕް ޗެމްޕިއަނުންނެވެ.
ލެސްޓާ ސިޓީ ވެސް ވަނީ ރޭ ޕެނަލްޓީ ޖަހައިގެން ބްރައިޓަން ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ. މި ދެޓީމް ބައްދަލުކުރި މެޗުގެ 90 މިނިޓުގެ ކުޅުން ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. ލެސްޓާގެ ލަނޑުތައް ހާވީ ބާންސް އާއި އަޑިމޯލާ ލުކްމަން ޖެހިއިރު ބްރައިޓަންގެ ލަނޑުތައް ޖެހީ އެޑަމް ވެބްސްޓާ އާއި އީނޮކް ވެޕޫ އެވެ. ޕެނަލްޓީގައި ލެސްޓާ ކުރިހޯދީ 4-2 އިންނެވެ.
މުބާރާތުގައި ޓޮޓެންހަމް ހޮޓްސްޕާ އާއި ލިވަޕޫލްގެ އިތުރުން ބްރެންޓްފޯޑް ވެސް ވަނީ ރޭގެ މެޗުތަކުން މޮޅުވެފަ އެވެ.
ބާންލީއާ ދެކޮޅަށް ކުޅުނު މެޗް ޓޮޓެންހަމް ކާމިޔާބުކުރީ 1-0 އިންނެވެ. މެޗުގައި ޓޮޓެންހަމްގެ ހަމައެކަނި ލަނޑު 68 ވަނަ މިނިޓުގައި ޖަހައިދިނީ ލޫކަސް މޯރާ އެވެ. ޗެމްޕިއަންޝިޕް ކްލަބް ޕްރެސްޓޮން ނޯތު އެންޑް އާ ވާދަކޮށް ލިވަޕޫލް މޮޅުވީ ދެވަނަ ހާފުގައި އެޓީމުގެ ޓަކޫމީ މިނަމީނޯ އާއި ޑިވޮކް އޮރީގީ ޖެހި ލަނޑުތަކުން 2-0 އިންނެވެ. އަދި ބްރެންޓްފޯޑް ވަނީ 2-1 އިން ސްޓޯކް ސިޓީ ބަލިކޮށްފަ އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް ކުޅޭނީ އަންނަ ޑިސެމްބަރު މަހު އެވެ.