ސްޓްރޯކް ޖެހިގެން ގެނައި މީހާގެ އެއް ސާޖަރީ ނުކުރެވި ޑޮކްޓަރުންގެ ޓީމު ފުރައިފި
ސްޓްރޯކް ޖެހިގެން ގެނައި މީހާގެ އެއް ސާޖަރީ ނުކުރެވި ޑޮކްޓަރުންގެ ޓީމު ފުރައިފި

ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ފަރުވާ ލަސްވެ، ފުލުފުލުން ސްޓްރޯކް ޖެހިގެން މާލެ ގެނެސް އޭޑީކޭގައި ފަރުވާ ދެމުން އައި މީހާގެ މުހިންމު އޮޕަރޭޝަނެއް ނުކުރެވި އިންޑިޔާގެ ޓީމު ފުރައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 8:30 ހާއިރު އުމުރުން 57 އަހަރުގެ އަންހެން މީހާގެ ހާލު ދެރަވީ ރައްޓެހިންތަކަކާ އެކު ކަސްރަތަށް ނިކުމެ އުޅެނިކޮށް ކުއްލި އަކަށެވެ.

އާއިލާ އިން ބުނިގޮތުގައި ތިން ސްޓްރޯކާއި ފިޓް ޖެހިގެން އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ އަންހެން މީހާގެ އޮޕަރޭޝަނެއް ކުރަން އެކަމަށް ހާއްސަ ޓީމެއް އިންޑިއާ އިން ވަނީ ގެނެސްފަ އެވެ. އެކަމަކު އެ ޓީމު މިދިޔަ އަންގާރަ ދުވަހު ކުރީ އެއް ސާޖަރީ އެވެ.

"އެއީ ވެސް ވަރަށް މުހިންމު ސާޖަރީއެއް. ސިކުނޑި ތެރެއަށް އެޅިފައި ހުރި ލޭ ސާފުކޮށްފައި ނާރު ބުރިވެފައި އިންތަން ރަނގަޅުކުރީ."

ބަލި މީހާގެ ދެން އޮތް މުހިންމު ސާޖަރީއެއް ނުކުރެވުނީ، އާއިލާ އިން ބުނިގޮތުގައި ސިކުނޑީގެ އިތުރު ނާރެއް ދުޅަވެފައި އިނުމުންނެވެ.

"އެ ސާޖަރީ ނުކުރެވިގެން އިންޑިއާގެ ޓީމު ފުރައިފި މިހާރު. އިތުރު ތިން ހަފްތާ ފަހުން ބަލައިފައި ކުރާނެ ވާހަކަ ބުނީ. އެ ޓީމު ވެސް އަނބުރާ އަންނާނީ ތިން ހަފްތާ ފަހުން ވާގޮތެއް ބަލައިފައި،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ސާޖަރީ އަށް ފަހު އަންހެން މީހާ އަދިވެސް ހޭނާރާ ކަމަށް އާއިލާ އިން ބުންޏެވެ.

"އޭގެ ޒާތުގައި އެހާ އަވަހަށް ހޭއެރުން ވެސް ރަނގަޅު ނޫން ކަމަށް އެ މީހުން ބުނަނީ."

އަންހެން މީހާގެ ހާލަތު ބޮޑަށް ގޯސްވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް އާއިލާއިން ތުހުމަތު ކުރެ އެވެ. ސަބަބަކީ އަންހެން މީހާ އަށް އެހާވަރުވެފައި އޮތްކަން ވެސް އާއިލާ އަށް އަންގާފައިނުވާތީ އެވެ. ބަލި މީހާ އަށް ސްޓްރޯކް ޖެހުނު ކަމާއި ފިޓް ޖެހުނުކަން އެނގުނީ މާލެ ގެނައުމުންނެވެ.

އޭގެ އިތުރަށް ބަލި މީހާ އަވަހަށް މާލެ ފޮނުވައި ފަރުވާދެވުން ނަމަ، ހާލު ރަނގަޅުވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އާއިލާ އިން ބުންޏެވެ. އެކަމަކު އެ އަންހެން މީހާ މާލެ ގެނެވުނީ ހޮސްޕިޓަލަށް ގެންދިޔަ ދުވަސް ނޫން އަނެއް ދުވަހުގެ ހަވީރެވެ. އަދި އެންމެ ފުރަތަމަ އައިޖީއެމްއެޗަށް ފަރުވާއަށް ގެންދިޔަ ނަމަވެސް އެތަނުން ފަރުވާދެވެން ނެތުމުން ރިފާކުރީ އޭޑީކޭއަށެވެ.

އާއިލާ އިން އެގޮތަށް ބުނި ނަމަވެސް ގއ. އަތޮޅު ހޮސްޕިޓަލުން އެ ތުހުމަތުތައް ދޮގުކުރެ އެވެ. އެ ހޮސްޕިޓަލުގެ އެއްވެސް ފަރުވާ ކުޑަ އަމަލެއް ހިނގާފައި ނޯންނާނެ ކަމަށް އެ ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފް އަހުމަދު ވިދާޅުވެ އެވެ.