ވަޔެކާާނޯގެ އަތްދަށުވެ ބާސާއިން ކޫމަން ދޫކޮށްލައިފި
ވަޔެކާާނޯގެ އަތްދަށުވެ ބާސާއިން ކޫމަން ދޫކޮށްލައިފި

ބާސެލޯނާ (އޮކްޓޯބަރު 28) - ސްޕެނިޝް ލީގުގައި ބާސެލޯނާ ރޭ ކުޅުނު މެޗުގައި ރަޔޯ ވަޔެކާނޯ އަތުން 1-0 އިން ބަލިވުމުން، ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން މަގާމުން ވަކިކޮށްފި އެވެ.

ރޭގެ ބައްޔަށް ފަހު ބާސެލޯނާއިން ނެރުނު ބަޔާނެއްގައި ވަނީ، "ރަޔޯ ވަޔެކާނޯއާ ކުޅެ ބަލިވި މެޗަށް ފަހު، ކްލަބުގެ ރައީސް ޔޮއާން ލަޕޯޓާ ވަނީ މި ނިންމުން [މަގާމުން ވަކިކުރިކަން] ކޫމަން އަށް އަންގާފައި"ވާ ކަމަށެވެ.

އުމުރުން 58 އަހަރުގެ ކޫމަންއާ އެކު ބާސެލޯނާ މި ސީޒަނުގައި މިހާތަނަށް ލީގުގައި ކުޅުނު 10 މެޗުން ލިބިފައި ވަނީ 15 ޕޮއިންޓެވެ. ތިން މެޗުން ބަލިވެފައި ވާއިރު މޮޅުވީ ހަތަރު މެޗުންނެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ވަނީ ފުރަތަމަ ދެ މެޗުން ވެސް ބަލިވެފަ އެވެ.

ކޫމަން އަކީ މިދިޔަ ތިން ސީޒަނުގައި ބާސެލޯނާ އަށް ކޯޗު ކޮށްދިން ތިންވަނަ ކޯޗެވެ. އޭނާ ބާސެލޯނާގެ ކޯޗުކަމާ ހަވާލުވީ، 2019-2020 ސީޒަނުގެ ފަހު މެޗުގައި، ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުން ބެޔާން މިއުނިކް އަތުން 8-2 އިން ބަލިވި މެޗަށް ފަހު އޭރު ކޯޗު ކަމުގައި ހުރި ކީކޭ ސެޓިއެންގެ ކޮންޓްރެކްޓް އުވާލުމަށް ފަހު އެވެ.

ފައިސާގެ ގޮތުން އުނދަގޫ ހާލަތެއްގައި އޮތް ބާސެލޯނާއާ އެކު ކޫމަންގެ ކޮންޓްރެކްޓް މިސީޒަނުގެ ނިޔަލަށް ހަމަވާން އޮތް ނަމަވެސް އޭގެ ކުރިން މަގާމުން ވަކިކުރީ، ޓީމު ނެރެމުންދާ ދަށް ނަތީޖާތަކާހުރެ ކުރިމަތިވާ ޕްރެޝަރުގެ ސަބަބުންނެވެ. މީގެ އިތުރުން ބައެއް ކުޅުންތެރިންނަށް ގަސްތުގައި ޓީމުން ފުރުސަތު ނުދޭކަމަށް ބުނެ އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން ވެސް އަމާޒުވި އެވެ.

ކޫމަން ބާސެލޯނާއާ ހަވާލުވެ، ލުއިސް ސުއަރޭޒް ވާދަވެރި އެތުލެޓިކޯ މެޑްރިޑަށް ވިއްކާލިއިރު، ސުއަރޭޒާ އެކު އެތުލެޓިކޯ ވަނީ މިދިޔަ ސީޒަނުގެ ލީގު ކާމިޔާބު ކޮށްފަ އެވެ. އަދި ލަލީގާގެ ފައިނޭންޝަލް ރެގިއުލޭޝަނަށް ކުޅުންތެރިންގެ މުސާރަ ނުފެތޭތީވެ މިސީޒަނުގައި ލިއޮނެލް މެސީ ދޫކޮށްލަން ޖެހި ފޯވަޑް އެންޓޮއިން ގްރީޒްމަން ވެސް ވަނީ ލޯނު އުސޫލުން އެތުލެޓިކޯ އަށް ބަދަލު ވެފަ އެވެ.

އާ ކުޅުންތެރިން ގަންނަން ހަރަދު ކުރެވެން ނެތުމުން އެ ޓީމުން ވަނީ މި ސީޒަނުގައި މެމްފިސް ޑިޕާއި އާއި ސާޖިއޯ އަގުއެރޯ އަދި އެރިކް ގާސިއާ ހިލޭ ޓްރާންސްފާއެއްގެ ދަށުން ޓީމަށް ގެނެސް، ސެވިއްޔާއަށް ކުޅެމުން އަންނަ ފޯވަޑް ލޫކް ޑި ޔޮންގް ލޯނު އުސޫލުން ގެނެސްފަ އެވެ.

މަގާމާ ހަވާލުވިތާ 14 މަސް ތެރޭ ކޫމަން އަށް މަގާމް ގެއްލި، އޭނާއާ އެކު ބާސެލޯނާ މިދިޔަ ސީޒަން ނިންމާލީ ލީގު ތިންވަނައިގަ އެވެ. ޕީއެސްޖީ އަތުން ބަލިވެ ޗެމްޕިއަންސް ލީގުގެ ގަދަ 16 އާ ހިސާބުން މުބާރާތުން ވަކިވާން ޖެހުނު ނަމަވެސް އެޓީމު ވަނީ ކޮޕަ ޑެލް ރޭ ކާމިޔާބު ކޮށްފަ އެވެ.

ކޫމަން ދޫކޮށްލުމަށް ފަހު ބާސެލޯނާއިން މަސައްކަތް ކުރަނީ ގަތަރުގެ ކުލަބް އަލް ސާދުގެ ކޯޗުގެ މަގާމް ފުރަމުން އަންނަ، ބާސެލޯނާގެ ލެޖެންޑް ޒަވީއާ ޓީމު ހަވާލުކުރާށެވެ. އާ ކޯޗެއް ހަމަޖެހެންދެން ވަގުތީ ގޮތުން ޓީމުގެ ކޯޗަކަށް ހުންނާނީ ސްޕެއިންގެ ތިންވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ބާސެލޯނާގެ ރިޒާވް ޓީމުގެ ކޯޗު ސާޖީ ބާޖުއާން އެވެ. ސާޖީ އަކީ 1993 އިން ފެށިގެން 2002 ވަނަ އަހަރާ ހަމައަށް ބާސެލޯނާއަށް ކުޅެ، އެ ޓީމާ އެކު ތިން ފަހަރު ލަ ލީގާ ކާމިޔާބުކުރި ކުރީގެ ކުޅުންތެރިއެކެވެ.

ރޭގެ މެޗުން ބާސެލޯނާ ބަލިވިއިރު ރަޔޯ ވަޔެކާނޯއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 30 ވަނަ މިނިޓުގައި ޖެހީ ރަޑަމެލް ފަލްކާއޯ އެވެ. ބާސެލޯނާއަށް ނަތީޖާ އެއްވަރުކުރަން ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީ ޑިޕާއިި ފޮނުވާލުމުން ދިފާއުކުރީ ވަޔެކާނޯގެ ގޯލްކީޕަރު ސްޓޯލް ޑިމިޓްރިއެވްސްކީ އެވެ.

ވާދަވެރި ރެއާލް މެޑްރިޑް ރޭ އޮސަސޫނާއާ ވާދަކޮށް 0-0 އިން މެޗު އެއްވަރުވި ނަމަވެސް، ރެއާލަށް މޮޅުނުވެވުމުގެ ފައިދާ ސެވިއްޔާއަށް ނުނެގުމުން، ރެއާލް ވަނީ އަލުން ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފަ އެވެ. ރެއާލް މަޔޯކާއާ ދެކޮޅަށް ސެވިއްޔާ ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ.

ލީގު ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެވަނައިގައި އޮތް ސެވިއްޔާ އަދި ތިންވަނައިގައި އޮތް ރެއާލް ބެޓިސްގެ އިތުރުން ހަތަރު ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް އަށް ވެސް ލިބިފައި ވަނީ 21 ޕޮއިންޓެވެ. ބާސެލޯނާ މިވަގުތު އޮތީ ތާވަލުގެ ނުވަ ވަނައިގަ އެވެ.