28 އޮކްޓޯބަރ 2021 - 08:38

އީރާންގެ ނިއުކްލިއާ މަޝްރޫއަށް އަލުން އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން، އޮސްޓްރިއާގެ ވިއެނާގައި ކުރަމުން އައި މަޝްވަރާތައް މެދުކެނޑިފައި އޮތުމަށް ފަހު އަލުން ފެށުމަށް، އީރާނާއި ވިލާތުގެ އިއްތިހާދުން އިއްޔެ އެއްބަސްވެއްޖެ އެވެ.
އީރާނުން ބުނިގޮތުގައި ދެ ފަރާތުން އެއްބަސްވީ، އަންނަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ނިއުކްލިއާ ވާހަކަތައް އަލުން ފެށުމަށެވެ. ދެން ފަށާ މަޝްވަރާތަކުގައި ވެސް އީރާނުން ކުރިއަށް ދާނީ، މީގެ ކުރިން ކުރި މަޝްވަރާތަކުގައި ވެސް އެ ގައުމުން އަމާޒު ހިފި މިސްރާބަށް ކަމަށް އީރާނުން ބުނެ އެވެ.
އީރާންގެ ހާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލަހްޔާން ވިދާޅުވީ، މަޝްވަރާތަކުގައި އީރާނުން ބައިވެރިވި ކަމުގައި ވިޔަސް، އެންމެ ފަހުން މަޝްވަރާތައް ހުއްޓުމާ ހަމައަށް ދެއްކެވުނު ވާހަކަތައް އެއީ، ނުދެއްކެވޭ ވާހަކަތަކެއް ކަމުގައި ބަލައިގެން އާ ފެށުމަކުން ނުފަށާނެ ކަމަށެވެ. އޭގެ ބަދަލުގައި މަޝްވަރާތައް އަލުން ކުރިއަށް ގެންދާނީ، ކުރިން ވެސް އީރާނުން ދައްކަމުން އައި ވާހަކަތަކާ ގުޅުވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާންގެ ހާރިޖީ ވަޒީރުގެ އެހީތެރިޔާ އަލީ ބާގިރީ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި، އީރާންގެ ނިއުކްލިއާ މަޝްވަރާތަކުގައި ބައިވެރިވާ ވިލާތުގެ އިއްތިހާދުގެ މަންދޫބު އެންރިކޭ މޯރާއާ އެކުގައި އެއްބަސްވެވުނު ގޮތުގެ މަތިން، މަޝްވަރާތައް އަލުން ފަށާނެ ތާރީޚު، މި އަންނަ ހަފުތާގައި އިއުލާން ކުރާނެ އެވެ.
ބާގިރީ ވިދާޅުވީ، ނިއުކްލިއާ މަޝްވަރާތައް އަލުން ފެށުމާ ގުޅޭ ގޮތުން، ބުރުކްސެލްގައި މިދިޔަ ހަފުތާގައި ކުރެވުނީ ވަރަށް ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށެވެ. އަދި ނިއުކްލިއާ މަޝްވަރާތައް އަލުން ކުރިއަށް ގެންދާއިރުގައި، އެ މަޝްވަރާތަކުގައި ކޮންމެހެން ހިމަނަންޖެހޭ ކަންކަން ވެސް މިހާރު ކަނޑައެޅިފައިވާ ކަމަށް ބާގިރީ ވިދާޅުވި އެވެ.
އީރާނުން ނިއުކްލިއާ މަޝްވަރާތަކުގައި ބައިވެރިވާން ނިންމިޔަސް، މި މަޝްވަރާތަކުގައި ބައިވެރިވާ އެހެން ގައުމުތަކުން އަދި އެކަން އިއުލާނެއް ނުކުރެ އެވެ. ނިއުކްލިއާ މަޝްވަރާތަކުގައި އެމެރިކާ އާއި އީރާނާ ދެމެދު މުއާމަލާތު ކުރަމުން އަންނަނީ ނުސީދާ ގޮތެއްގަ އެވެ.
އެމެރިކާ އާއި ވިލާތުގެ އިއްތިހާދުން އީރާނާ އެކުގައި ނިއުކްލިއާ މުއާހަދާގައި ސޮއިކުރީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް 2018 ވަނަ އަހަރު، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި، އެ މުއާހަދާ އިން އެމެރިކާ ވަނީ ވަކިވެފަ އެވެ.
އީރާންގެ ނިއުކްލިއާ މުއާހަދާގައި އެމެރިކާ އަލުން ބައިވެރިވާން ނިންމީ، މި އަހަރުގެ ޖެނުއަރީގައި އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް ޖޯ ބައިޑެން އެވެ.
އެމެރިކާ އިން ނިއުކްލިއާ މުއާހަދާ އަށް އަމަލު ނުކުރަން ނިންމައި، އެ މުއާހަދާ އިން ވަކިވުމަށް ފަހު، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅި އެވެ. އެމެރިކާގެ އެ ނިންމުމާ ގުޅިގެން އީރާނުން ވަނީ އެ ގައުމުގެ ނިއުކްލިއާ މަޝްރޫއު އިތުރަށް ތަރައްގީކޮށް، ޔޫރޭނިއަމް ފައްކާކުރުމުގެ ގާބިލްކަން ވެސް އިތުރު ކޮށްފަ އެވެ.