27 އޮކްޓޯބަރ 2021 - 23:46

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި ސަރުކާރުން އެތައް އަނިޔާއެއް ދެމުން ދާއިރު ވެސް އެ މަނިކުފާނު ހުންނެވީ ސާބިތުކަމާއެކު ކަމަށާއި ބޭސް ފަރުވާ އަށް ގައުމު ދޫކުރައްވައި ވަޑައިނުގަންނަވައި ހުންނެވީ ގައުމަށްޓަކައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާާޅުވެއްޖެ އެވެ،

އިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، އަބްދުއްރަހީމް ވިދާޅުވީ ޔާމީންް އެދިވަޑައިގަތުމަކީ އެ މަނިކުފާނަށް ތާއީދުކުރާ ހުރިހާ އެންމެން ވެސް ގައުމު އިސްކުރުން ކަމަށެވެ.

"މިރޭ ތި ހުރިހާ ބޭފުޅުން އަޒުމް ކަނޑައަޅައިދޭށޭ ގައުމު ސަލާމަތް ކޮށްފައި ނޫނިއްޔާ ގެ އަށް ނުވަންނަން. ތި ރައްޔިތުން އަތު ގުޅާލަ ދެއްވައި، ރާއްޖޭގެ މިނިވަންކަން އަބަދުގެ އަބަދަށް ދަމަހައްޓަން. މިރޭ ތި ރައްޔިތުން އިގުރާރުވެ ދެއްވާ އެހެން ދީނަކަށް ފުރުސަތު ނުދޭން،" ޕީޕީއެމްގެ 10 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރާއިރު، ޔާމީންގެ މެސެޖު އެ މަނިކުފާނުގެ ސަޕޯޓަރުންނަށް އިއްވަވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

"މި އަސާސްތަކުގެ މަތިން ނުކުމެ މި އަނިޔާވެރި ވަކިތަކުން ދިވެހި ގައުމު ސަލާމަތްކުރަން މަސައްކަތްކުރޭ."
ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަކުރާއިރު، އެ ޕާޓީގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދެވި ޔާމީން ހުންނެވީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެކަމަކު، ސަރުކާރުން އެ މަނިކުފާނު ގޭ ބަންދަށް ބަދަލު ކޮށްފައިވާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.
ޕީޕީއެމްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމަށް އެ ޕާޓީގެ އޮފީސް ދޮށުގައި ބޭއްވި ހަފުލާގައި އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރުން ޔާމީނަށް ދެމުންދާ އަނިޔާތައް ތަހައްމަލު ކުރައްވަމުން ވެސް އެ މަނިކުފާނު ހުންނެވީ ދިވެހި ގައުމު ސަލާމަތް ކުރުމަކީ އެންމެ އިސް ވާޖިބު ކަމަށް ދެކެވަޑައިގެން ކަމަށެވެ.
"ނުހައްގުން [ޔާމީނަށް] އަނިޔާ ކުރާތާ މި ނޮވެމްބަރަށް ދެ އަހަރު ވާނެ. މިއީ އާދައިގެ ކަމެއް ނޫން. ދިވެހިރާއްޖޭގެ ކޮން ލީޑަރަކަށްތޯ ދެ އަހަރު ވަންދެން އެ ގޮތަށް ޖަލުގައި ހުންނަވަން ކެރިވަޑައިގަތީ،" މިހާތަނަށް އެކި ސަބަބުތަކާ ގުޅިގެން ޖަލަށް ލި ސިޔާސީ ލީޑަރުން އަމަލު ކުރެއްވި ގޮތާ ގުޅޭ ގޮތުން އަބްދުއްރަހީމް ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ ހާލަތު ސިފަކުރައްވަމުން އޭނާ ވިދާޅުވީ ކޮންމެ ބޭފުޅަކު ވެސް ހުކުމެއް އައުމާ އެކު ހަށިގަނޑުގެ އެކި ތަންތަނުގައި ރިއްސާތީ ކަމަށް ވިދާޅުވެ، ފެނުނީ ރާއްޖެ އިން ބޭރަށް ވަޑައިގެންނެވި މަންޒަރު ކަމަށެވެ. އެކަމަކު ޔާމީނަކީ އެގޮތަށް އެކަން ކުރައްވަން ބޭނުންފުޅުވާ ލީޑަރެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ކޮންމެ ބޭފުޅަކު ވެސް ހުކުމާއެކު، ބުރަކަށީގައި ރިއްސާތީ ނޫނީ މައިކަށީގަ ރިއްސާތީ ނޫނީ އުނަގަނޑުގައި ރިއްސާތީ ނޫނީ ހިތްޕުޅުގެ ހާލާސްކަންފުޅެއް ޖެހިވަޑައިގެން ގައުމުން ފިއްލެވި ތަން އަޅުގަނޑުމެންނަށް ފެނުނީ،" އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވިގޮތުގައި، ޖަލު ހުކުމުގައި ހުންނެވި އިރު، އެކި ހުށަހެޅުންތައް ޔާމީނަށް ލިބިވަޑައިގެންނެވި ނަމަވެސް އެއިން އެއްވެސް ހުށަހެޅުމެއް ގަބޫލުފުޅު ނުކުރައްވަައި ބޭނުންފުޅުވީ ދިވެހި ގައުމުގައި ހުންނެވުމަށެވެ.
"ބޭނުމަކީ ދިވެހި ގައުމަށް އަދިވެސް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވުން. އަޅުގަނޑުމެން މިރޭ ޔާމީނަށް ދަންނަވާލަން ބޭނުން ވަނީ ޕީޕީއެމާއި ޕީއެންސީ އަށް ތާއީދުކުރާ ފަރާތްތައް މި ތިބީ މަނިކުފާނުގެ ވިސްނުންފުޅާ އެއްގޮތަށޭ. މަނިކުފާނު ތި ކުރައްވާ ހިތްވަރުން އަޅުގަނޑުމެން މި ތިބީ ހިތްވަރު ލިބިގެންނޭ،" ޔާމީންގެ ގެކޮޅު ކައިރީގައި ހުންނަ ޕީޕީއެމް އޮފީސް ދޮށުގައި އޮތް ހަފުލާގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
"މަނިކުފާނު ވަރުގެ ސިޔާސީ، ގައުމީ، ވަތަނީ ލީޑަރެއް މި ފަހުގެ ތާރީހުގައި އަޅުގަނޑުމެން ނުދެކެމޭ."
އަބްދުއްރަހީމް ވަނީ ޔާމީން ވެރިކަމުގައި ނެތްކަމުގެ އިހުސާސް މިހާރު ދިވެހިންނަށް ކުރެވެން ފަށައިފި ކަމަށާއި މިހާރު އެ މީހުން ބޭނުން ވަނީ އެ މަނިކުފާނުއެކު ކުރިއަށް ދިއުމަށް ކަމަށް ވިދާޅުވެފަ އެވެ. އަދި ޔާމީނަށް ދެމުންދާ އަނިޔާ ހުއްޓާލައި ދިވެހިންނަށް ހިދުމަތް ކުރުމަށް އެ މަނިކުފާނު މިނިވަން ކުރުމަށް ވެސް ގޮވައިލެއްވި އެވެ.