ވެކްސިން ރައްކާކުރަން ޖަޕާނުން 950،000 ޑޮލަރުގެ އެހީ
ވެކްސިން ރައްކާކުރަން ޖަޕާނުން 950،000 ޑޮލަރުގެ އެހީ

ކޮވިޑާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގައި ވެކްސިން ރައްކާތެރިކަމާ އެކު ބެލެހެއްޓުމުގެ އިންތިޒާމު އިތުރަށް ހަރުދަނާކުރުމަށް ޖަޕާނު ސަރުކާރުން މިއަދު އިކުއިޕްމަންޓް ހަދިޔާކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތަކެތި ހަވާލުކޮށްދެއްވީ ޔުނިސެފްގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މަރްޖާން މުންތަޒިމީ އާއި ޖަޕާން ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސް ކެއިކޯ ޔަނާއީ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި މިއަދު ހަވާލުކުރި ތަކެތީގެ ތެރޭގައި ވެކްސިން އުފުލުމާއި ރައްކާކުރުމަށް ބޭނުންވާ "ފްރީޒް ފްރީ ވެކްސިން ކެރިއާސް" އަދި ކޯލްޑް ޗެއިން ސްޓޯރޭޖް ގާއިމްކުރަން ބޭނުންވާ ފްރީޒަރާއި ފިނިހޫނުމިން ވަޒަންކުރާ އާލާތްތަކާއި އިންފޮމޭޝަން ޓެކްނޮލޮޖީ އާލާތްތައް އަދި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީ.ޕީ.އީ) ހިމެނެ އެވެ.

އެ ތަކެއްޗާ އެކު މި ޕްރޮޖެކްޓްގައި ހިމެނޭ ފަންނީ ލަފާގެ އެހީތެރިކަމާ އެކު 950،000 ޑޮލަރުގެ އެހީ ޕްރޮޖެކްޓްގެ ތެރެއިން ސިއްހީ ދާއިރާއަށް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު އަހުމަދު ނަސީމް ވަނީ ޔުނިސެފާ ގުޅިގެން ޖަޕާނުން ރާއްޖެއަށް މެދުނުކެނޑި ވަމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.