27 އޮކްޓޯބަރ 2021 - 15:39

އެމެރިކާ އަންހެން ގައުމީ ފުޓްބޯޅަ ޓީމަށް 316 މެޗު ކުޅެދިނުމަށް ފަހު އެ ޓީމުގެ ފޯވަޑް ކާލީ ލޮއިޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

އުމުރުން 39 އަހަރުގެ ލޮއިޑް އޭނާގެ އެންމެ ފަހު މެޗް ރާއްޖެ ގަޑިން މިއަދު ފަތިހު 5 ޖެހިއިރު ކުޅުނީ ދެކުނު ކޮރެއާއާ ދެކޮޅަށެވެ. މި މެޗް 6-0 އިން އެމެރިކާ ކާމިޔާބު ކުރިއިރު ލޮއިޑްގެ ފަރާތުން ހަމައެކަނި މަދުވީ ގޯލެކެވެ.
މެޗުގެ ކުރިން ލޮއިޑް އަށް ވަނީ ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު ރަމްޒުވާގޮތަށް 316 ޕްރިންޓް ކޮށް، ފްރޭމް ކޮށްފައިވާ ޖޯޒީ އެއް ވެސް ހަވާލު ކޮށްފަ އެވެ. އަދި މެޗުގެ ކުރިން އެމެރިކާގެ ގައުމީ ސަލާމް ވެސް ކީ ލޮއިޑްގެ ރަހުމަތްތެރިއެކެވެ.
ލޮއިޑް ގައުމީ ޓީމަށް ކުޅެން ފެށީ 2005 ވަނަ އަހަރެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ގައުމީ ޓީމުގެ ކެޕްޓަނެއްގެ ޒިންމާ ވެސް އަދާކުރީ ލޮއިޑް އެވެ.
ގައުމީ ޓީމާ އެކު ދެ ފަހަރު އޮލިމްޕިކް ގޯލްޑް މެޑަލް ކާމިޔާބު ކުރުމުގެ އިތުރުން ވޯލްޑް ކަޕް ވެސް ދެ ފަހަރު ކާމިޔާބުކުރި ލޮއިޑް ވަނީ ގައުމީ ޓީމަށް ކުޅުނު 16 އަހަރުތެރޭ ޓީމަށް 134 ލަނޑު ޖަހައިފަ އެވެ. މީގެ ތެރެއިން 98 ލަނޑު އޭނާ ޖެހީ އުމުރުން 30 އަހަރު ވުމަށް ފަހު އެވެ. ލޮއިޑް އަށް ވުރެ ގިނައިން ގައުމީ ޓީމަށް ލަނޑު ޖަހައިދީފައި ވަނީ އަބީ ވަމްބެކް (184) އަދި މިއާ ހަމް (158) އެވެ.
ފްރާންސް ގައި 2019 ވަނަ އަހަރު އޮތް ވޯލްޑް ކަޕް އެމެރިކާއިން ކާމިޔާބުކުރިއިރު ލޮއިޑް ވަނީ އެ މުބާރާތުގައި ތިން ލަނޑު ޖަހައިފަ އެވެ. އަދި މިދިޔަ އަހަރު ޖަޕާނުގައި އޮތް އޮލިމްޕިކްސްގައި އެމެރިކާއިން އަންހެނުންގެ ފުޓުބޯޅަ އިވެންޓުން ލޯ މެޑަލް ހޯދި މެޗުގައި ލޮއިޑް ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
ލޮއިޑް ވަނީ 2015 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ. އެ އަހަރު ކެނެޑާގައި ބޭއްވި ވޯލްޑް ކަޕް އެމެރިކާއިން ކާމިޔާބުކުރިއިރު ފައިނަލުގައި ލޮއިޑް ވަނީ ހެޓްރިކެއް ވެސް ހަދައިފަ އެވެ. އެ މުބާރާތުގެ ޖޮއިންޓް ޓޮޕް ސްކޯރާ އާއި އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ގޯލަކަށް ވެސް ހޮވުނީ ލޮއިޑް ޖެހި ގޯލެކެވެ. އޭނާ ފައިނަލުގައި ޖަޕާން ކޮޅަށް ހެޓްރިކް ފުރިހަމަ ކުރި ލަނޑު ވަނީ އެއަހަރުގެ ފީފާ ޕުސްކަސް އެވޯޑަށް ވެސް ނޮމިނޭޓް ވެފަ އެވެ. ޖެހިގެން އައި 2016 ވަނަ އަހަރު އޭނާ ވަނީ ފީފާ ދި ބެސްޓް އެވޯޑް ވެސް ހޯދައިފަ އެވެ.
ލޮއިޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ އެކު އެމެރިކާ އަންހެން ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ވަލަޓްކޯ އަންޑޮނޯސްކީ ބުނީ، ލޮއިޑް އަކީ ޔޫރަޕުގައި ކުޅޭ ފިރިހެން ކުޅުންތެރިއެއް ނަމަ މުޅި ގައުމުގައި އޭނާގެ ސްޓެޗޫ ބަހައްޓައި، މަގުތަކާއި ސްޓޭޑިއަމްތަކުގެ ނަން ވެސް ލޮއިޑްއާ ގުޅުވައިގެން ބަދަލުކުރާނެ ކަމަށެވެ.
ލޮއިޑް އަށް ވުރެ ގިނަ މެޗު ދުނިޔޭގެ އަންހެން ފުޓުބޯޅައިގައި ގައުމީ ޓީމަށް ކުޅެދީފައި ވަނީ އެމެރިކާގެ ކްރިސްޓީން ލިލީ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް 352 މެޗް ކުޅެދީފަ އެވެ.