މަޖިލީހުގެ ދަފްތަރުގައި އެމްއެންޕީ ހިމަނައިފި
މަޖިލީހުގެ ދަފްތަރުގައި އެމްއެންޕީ ހިމަނައިފި

ރައްޔިތުންގެ މަޖިލީހުގެ ދަގެނތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ތިމަަރަފުށި ދާއިރާގެ މެެމްބަރު އަބްދުﷲ ރިޔާޒް އިސްކޮށް ތިއްބަވައިގެން އުފެެއްދެވި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި ހިމަނައި މިއަދު އެކަން އިއުލާނުކޮށްފި އެވެ.

އެމްއެންޕީ އަކީ މަޖިލީހުގައި ތަމްސީލުކުރާ ސިޔާސީ ޕާޓީއެއްކަން މިއަދުގެ ޖަލްސާގައި އިއުލާނު ކުރެއްވީ ރިޔާސަތުން، އަންގާ އެންގުމެއްގެ ގޮތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ވިދާޅުވީ ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެމްއެންޕީގެ ދަފްތަރުގައި ހިމެނިވަޑައިގަންނަވާ ކަމުގެ ލިޔެކިއުންތައް މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެހެންވެ އެ ތިން މެމްބަރުންނަކީ އެމްއެންޕީގެ މެމްބަރުންގެ ގޮތުގައި މަޖިލީހުން ބަލައިގަަނެ، އެޕާޓީއަކީ މަޖިލީހުގައިި ތަމްސީލުކުރާ ސިޔާސީ ޕާޓީއެއް ކަމަށް ނަޝީދު މިއަދު އިއުލާނު ކުރެއްވި އެވެ.

- އެމްޑީޕީ: 65 މެމްބަރުން

- ޕީޕީއެމް: ހަ މެމްބަރުން

- ޖޭޕީ: ތިން މެމްބަރުން

- ޕީއެންސީ: ތިން މެމްބަރުން

- އެމްއެންޕީ: ތިން ،މެމްބަރުން

- އެމްޑީއޭ: ދެ މެމްބަރުން

- ޕާޓީއަކަށް ނިސްބަތްނުވާ ފަސް މެމްބަރުން

އެމްއެންޕީ އުފެއްދުމުގައި އިސްކޮށް ތިއްބެވި ނާޒިމާއި ރިިޔާޒު މަޖިލީހަށް ފުރަތަ އިންތިހާބުވީ ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ގޮތުގަ އެވެ. އެ ދެ މެމްބަރުންނާއި އެކު ޖޭޕީގެ މެމްބަރުންގެ އަދަދަކީ ކުރިން ފަހެކެވެ. ޖޭޕީގެ ފަރާތުން މަޖިލީހުގައި މިހާރު ތިއްބެވީ އެޕާޓީގެ ލީޑަރު އަދި މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދެވެ.

އެމްއެޕީއާއި ގުޅިވަޑައިގެންނެވި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މަޖިލީހަށް އިންތިހާބުވީ ވަކިޕާޓީއަކަށް ނިސްބަތްނުވާ މެމްބަރެއްގެ ގޮތުގަ އެވެ.