ޔުނައިޓެޑްގެ ވަޒީފާއަށް ޒިދާންގެ ޝައުގުވެރިކަމެއް ނެތް
ޔުނައިޓެޑްގެ ވަޒީފާއަށް ޒިދާންގެ ޝައުގުވެރިކަމެއް ނެތް

މެންޗެސްޓާ (27 އޮކްޓޯބަރު) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް އޮލެ ގުނަ ސޯލްޝެއާގެ މަގާމުން ދުރުކޮށްފި ނަމަ، އެ މަގާމަށް ޒައިނުއްދީން ޒިދާން ގެނައުން އެކަށީގެންވާ ކަމަށް ވާހަކަ ފެތުރުނަސް އެ މަގާމަށް ޒިދާންގެ ޝައުގުވެރިކަން ނެތްކަން ހާމަވެއްޖެ އެވެ.

އީއެސްޕީއެން އިން ބުނީ ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗް ޒިދާން ޔުނައިޓެޑްގެ މަގާމަށް ޝައުގުވެރި ނުވާކަން އޭނާގެ ގާތް މީހެއްގެ ފަރާތުން ދެނެގަނެވިފައިވާ ކަމަށެވެ. ޒިދާން އިންތިޒާރުކޮށްގެން ހުރީ ފްރާންސްގެ ގައުމީ ޓީމުގެ ކޯޗަކަށް ވުމަށް ކަމަށް ވެސް އީއެއެސްޕީއެން ބުންޏެވެ. އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ފަހު ފްރާންސްގެ މިހާރުގެ ކޯޗް ޑިޑިއޭ ޑެޝޯމްޕް ފްރާންސްގެ ކޯޗުގެ މަގާމުން ވަކިވުން ގާތް ކަމަށް ކުރިން އޮތީ ބެލެވިފަ އެވެ.

ޒިދާން، 49، ރެއާލްގެ ކޯޗު ކަމުން މިދިޔަ ސީޒަނަށް ފަހު އިސްތިއުފާ ދިނީ އެއްވެސް ތައްޓެއް ނުހޯދި އެވެ. އޭނާ ވަނީ މެދުކެނޑުމަކަށް ފަހު ދެ ފަހަރު ރެއާލަށް ކޯޗްކޮށްދީފަ އެވެ. އޭނާ ކޯޗު ކަމުގެ ދަށުން ރެއާލްއިން ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި ލަލީގާ ޗެމްޕިއަންކަން ދެފަހަރު ހޯދި އެވެ.

މިދިޔަ އާދިއްތަ ދުވަހު ލިވަޕޫލް އަތުން ޔުނައިޓެޑް ބަލިވުމުން، ކޯޗް ސޯލްޝެއާގެ މަގާމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އެޔާއެކު އެ ޓީމުގެ ކޯޗަކަށް ޒިދާން ނުވަތަ އެންޓޯނިއޯ ކޮންޓޭ ގެނެސްދާނެ ކަމަށް ވާހަކަތައް ދަނީ ފެތުރެމުންނެވެ. އެކަމަކު ޔުނައިޓެޑުން މިހާރު ނިންމާފައި ވަނީ ސޯލްޝެއާ އިތުރު ވަގުތު ދިނުމަށެވެ.