08 ޑިސެމްބަރ 2016 - 06:40

މަތިންދާބޯޓުގައި ވަކި މިސްރާބަކަށް، މާ ގިނައިން ދަތުރުކުރުމަކީ ފުރަމޭ ނުވަތަ ލިވާ ކެންސަރު ޖެހުމުގެ ނުރައްކާ ބޮޑުކޮށްދޭ ކަމެއް ކަމަށް މުޅިން އާ ދިރާސާއަކުން ދައްކައިފި އެވެ.
ފަހުގެ ދިރާސާ އިން އެނގުނު ގޮތުގައި މާ ބޮޑަށް "ޖެޓް ލެގް" ވުމުން ފުރަމޭގެ މެޓަބޮލިކް ރިދަމްގެ މަސައްކަތަށް ބުރޫ އަރައި، ނަތީޖާއެއްގެ ގޮތުން ސަރުބީ އާއި ބައިލް އެސިޑް ފުރަމޭގައި އުފެދި ހަރުލަ އެވެ. މިއީ ފުރަމޭގެ ކެންސަރު ޖެހެން މެދުވެރިވާ މުހިއްމު ސަބަބެކެވެ.
ފުރަމޭގެ ކެންސަރު ޖެހުމުން މަރުވާ ނިސްބަތް ވެސް 1970 ގެ އަހަރުތަކުން ފެށިގެން ވަނީ ތިން ގުނަ އިތުރުވެފަ އެވެ. މި ބަލި ޖެހޭ މީހުންގެ ތެރެއިން ފަސް އަހަރު ދުވަހު ދުނިޔޭގައި ތިބެވެނީ އެންމެ 10 ޕަސެންޓް މީހުންނަށް ކަމަށް ކެންސާ ރިސާޗް ޔޫކޭ އިން ބުނެފައިވެ އެވެ.
އިނގިރޭސި ވިލާތުގައި އެކަނި ވެސް އަހަރަކު އެވްރެޖްކޮށް 6،000 މީހުން އަލަށް ލިވާ ކެންސަރު ޖެހެ އެވެ.
ޖާނަލް ކެންސާ ސެލްގައިވާ މި ދިރާސާގައި ސައިންސްވެރިން ބޭނުންކުރީ މީދަލެވެ. އެ އެއްޗެހި ނިދާ ހަމަތައް ކޮންޓްރޯލްކުރަން އަލި ވެސް ބޭނުންކުރި އެވެ. މިއީ ތަފާތު ޓައިމް ޒޯންތަކަށް ދަތުރުކުރުމުން އިންސާނުންގެ ހަށިގަނޑުގެ ރިދަމް އަށް ހުރަސްއެޅި ގެއްލުންވާ މިންވަރު ދެނެގަތުމަށް ހިންގި ދިރާސާއެކެވެ.
ޖެޓް ލެގް މައްސަލަ ކުރިމަތިވަނީ ހުޅަނގާއި އިރަށް ނުވަތަ އިރުން ހުޅަނގަށް، ބާރު ސްޕީޑްގައި ގިނަ އިރު ކުރާ ދަތުރުތަކުގަ އެވެ. އުތުރުން ދެކުނަށް ނުވަތަ ދެކުނުން އުތުރަށް މަތިން ގިނައިރު އަދި ބާރު ސްޕީޑްގައި ދަތުރުކުރިޔަސް ޖެޓް ލެގްގެ މައްސަލަ ކުރިމަތިވާކަން ހޯދިފައެއް ނުވެ އެވެ.
ބޭލާ ކޮލެޖް އޮފް މެޑިސިންގެ ސައިންސްވެރިންގެ ދިރާސާ އިން ދެނެގަނެވުނު އެންމެ މުހިއްމު އެކައްޗަކީ މިގޮތަށް އެކި ޓައިމް ޒޯންތަކަށް ދަތުރު ކުރެވޭ ކަހަލަ މާހައުލެއްގައި މީދާތައް ބޭތިއްބުމުން އޭގެ ބަރުދަން މަތިވިކަމެވެ. އަދި ފުރަމޭގައި ސަރުބީ އަށަގަނެ ފެޓީ ލިވާ ޑިޒީޒް ޖެހުނެވެ. މިގޮތަށް ދިމާވާ ބައެއް ފަހަރު ފުރަމެއަށް ކެންސަރު ޖެހެ އެވެ.
ޕްރޮފެސާ އޮފް މޮލެކިއުލާ އެންޑް ސެލިއުލާ ބައޮލޮޖީ ޑޭވިޑް މޫރޭ ވިދާޅުވީ ފުރަމޭ ޖެހޭ މީހުންގެ އަދަދު މުޅި ދުނިޔޭގައި ވެސް ވަރަށް ބޮޑަށް އިތުރުވަމުން ދާ ކަމަށެވެ. ލިވާގައި ސަރުބީ ޖެހުމާއި ލިވާ އަށް ކެންސަރު ޖެހުމާ ދެމެދުގައިވާ މަރުހަލާ ކަމަށްވާ ލިވާ ސިރޯސިސް އަށް ނުގޮސް، ސަރުބީގެ ސަބަބުން ކެންސަރު ޖެހޭތަން މިހާރު ވަރަށް ގިނައިން ފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ކޮށްފައިވާ ބައެއް ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ވަކި ގަޑިއެއް ނެތި މަސައްކަތް ކުރުމާއި ރޭގަނޑު ޝިފްޓްގައި ހޭލާ ތިބެ މަސައްކަތްކުރުމަކީ ވެސް ކެންސަރުގެ ނުރައްކާ ބޮޑުވާ ކަމެކެވެ.
ޖެޓް ލެގަކީ އެކި ޓައިމްޒޯންތަކަށް މަތިންދާބޯޓުގައި ދުރު ދަތުރުކުރުމުން ދިމާވާ ސިއްހީ މައްސަލަތަކެވެ. މިހެން ދިމާވަނީ އެމީހެއްގެ ހަށިގަނޑު ހޭނިފައިވާ ޓައިމް ޒޯން ނޫން އެހެން ޓައިމް ޒޯނަކަށް ދަތުރުކުރުމުން އާ ޓައިމް ޒޯނަށް ހަށިގަނޑު އަލުން ބަދަލުވާން ކުރާ މަސައްކަތުގެ ސަބަބުންނެވެ. މިގޮތަށް މާ ގިނަ ފަހަރަށް ބޮޑީ ކްލޮކް އަށް ބަދަލު އައުމުން ސިއްހީ މައްސަލަތައް އުފެދެނީ އެވެ. ސަބަބަކީ ކޮންމެ މީހެއްގެ ވެސް ނިދުމާއި ހޭލުން އަދި ގައިގެ ފިނިހޫނުމިނާއި އެނޫން ވެސް މުހިއްމު ހުރިހާ ކަންތައްތަކެއް ކޮންޓްރޯލް ކުރަނީ އޭނާ ނިސްބަތްވާ ސަރަހައްދަކުންނެވެ.
އާންމުކޮށް ޖެޓް ލެގު ދިމާވަނީ އިރުން ހުޅަނގަށް ނުވަތަ ހުޅަނގުން އިރަށް (މިސާލަކަށް ލަންޑަނުން ނިއު ޔޯކަށް ނުވަތަ ނިއު ޔޯކުން ލަންޑަނަށް) ކުރާ ދިގު ދަތުރުތަކުގަ އެވެ. އުތުރުން ދެކުނަށް ނުވަތަ ދެކުނުން އުތުރަށް މަތިންދާ ބޯޓުގައި ދިގު ދަތުރެއް ކުރިޔަސް ޖެޓް ލެގް ދިމައެއް ނުވެ އެވެ. އޭގެ މާނަ އަކީ މިސާލަކަށް ޔޫރަޕުން އެފްރިކާގެ ދެކުނު ސަރަހައްދަށް 10 ގަޑިއިރުގެ ދަތުރެއް ކުރިޔަސް އެ މައްސަލައާ ކުރިމަތިލާން ނުޖެހުމެވެ. އެ ދަތުރު އެ ކުރަނީ އުތުރުން ދެކުނަށެވެ.