07 ޑިސެމްބަރ 2016 - 06:21

ދިވެހިންގެ ތެރޭގައި އިޖުތިމާއީ ބަލިމަޑުކަން މިހާރު ވަރަށް ބޮޑެވެ. އާއިލާގެ ތެރެއިން ޖިންސީ ގޯނާ އާއި ގެވެށި އަނިޔާ އެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހުމެވެ. އަނދިރި ހަޔާތަކަށް ދާން ޖެހޭ ދަނޑިވަޅެއް ކޮންމެ ފަދަ ހާލަތެއްގައި ވެސް ދިމާވެދާނެ އެވެ. ހިތްވަރާ އެކު ކުރިއަށް ދާން މަސައްކަތްކޮށްފި ނަމަ، އަނދިރިކަމުން އަލިކަމުގެ ތެރެއަށް ނުކުމެވި، އުފާވެރި ހަޔާތެއް ވެސް ހޯދި ދާނެ އެވެ.

މިއީ "ލެވިޓީ" ގެ ވާހަކަ އެވެ. އަންހެން ކުއްޖެއްގެ ވާހަކަ އެވެ. އޭނާގެ ޅަފުރާ ވަރަށް އަނދިރި އެވެ. ވަރަށް ބިރުވެރި އެވެ. ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ އަންހެން ކުއްޖެކެވެ. ފުރާވަރު އުމުރަށް އެޅީ ވެސް ހަމަ އެ ހާލުގަ އެވެ. އޭނާގެ އަޑެއް އެހެން މީހުން ނާހަ އެވެ. ބަދަލުގައި ކުރަނީ އަނިޔާ އެވެ.
މިއީ ލެވިޓީގެ ވާހަކަ ފެށިގެން އަންނަ ގޮތެވެ. މިއީ ސިނެސްޓޯމުން މިހާރު ޔޫޓިއުބަށް ދޫކޮށްފައިވާ 10 މިނިޓްގެ ކުރު ފިލްމެއްގެ ހުލާސާއެކެވެ.
ވަރަށް އަސަރު ގަދަ އެވެ. މިއިން ފިލާވަޅެއް ލިބިގަންނަމާ ހިނގާށެވެ.
މުހައްމަދު އިޝާން ޑައިރެކްޓްކޮށްފައިވާ "ލެވިޓީ: ޔޫ ޑޯންޓް ނޯ މީ، ޔޫ ޑޯންޓް ނޯ މައި ސްޓޯރީ" ވަރަށް ޓަޗިން އެވެ. މިއަދުގެ ހާލަތާ އެހާމެ ގުޅެ އެވެ.
މިއީ ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ޖިންސީ ގޯނާ އާއި ގެވެށި އަނިޔާގެ މައްޗަށް ތައްޔާރުކޮށްފައިވާ، އިބުރަތުން ފުރިފައިވާ ކުރު ވާހަކައެކެވެ. އަށާރަ އަހަރުން މަތީގެ މީހުންނަށް ހާއްސަ މި ފިލްމު ބަލައިލަމާ ހިނގާށެވެ.
އިބުރަތެއް ހާސިލް ކުރަން ބޭނުން ބަޔަކަށް މި ކުރު ފިލްމު ގައިމު ވެސް ފިލާވަޅަކަށް ވާނެ އެވެ.
ލެވިޓީގެ މުހިއްމު ރޯލެއް ކުޅެފައި ވަނީ މިހާރު ވިދަމުން އަންނަ ޒުވާން ބަތަލާ މަލީހާ ވަހީދު (މަލް) އެވެ. އޭނާގެ އިތުރުން އަލީ ފާރޫގް، މަރިޔަމް ހަލީމް އަދި އަލީ ހަމްދޫން ފަދަ އެކްޓަރުން ފެނެ އެވެ.
ސިނެސްޓޯމުން ކޮށްފައި އޮތް މި މަސައްކަތަށް ތައުރީފު ހައްގެވެ. މީގެ ޕްރެޒެންޓޭޝަނާއި ނެރޭޝަނާއި ކެމެރާ އާއި ލައިޓިން އަދި ބެކްމިއުޒިކް ވެސް ގެނެސް ދީފައި ވަނީ ވާހަކައާ ވަރަށް ގުޅޭ ގޮތަށެވެ.
"ލެވިޓީ" އަކީ ސިނެސްޓޯމްގެ މިފަދަ ފުރަތަމަ ކުރު ފިލްމެވެ. މި ކަހަލަ އެއްޗެއް ހަދަން ފުރުސަތު ލިބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާ ޖާނީ މެދުވެރިކޮށެވެ. "ލެވިޓީ" އަކީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހިންގާ "އޮރެންޖް ދަ ވޯލްޑް" ކެމްޕޭނަށް ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން ތައްޔާރު ކުރި އެއްޗެކެވެ.
މި މަސައްކަތުގެ މުގުލުގައި ހުރީ އިޝާން އެވެ. އޭނާ ބުނީ "ލެވިޓީ" އަކީ ހަ ދުވަހުގެ މަސައްކަތް ކަމަށެވެ. ފިލްމުގެ މައިގަނޑު މަންޒަރުތައް ނަގާފައި ވަނީ އެކަމަށް ހާއްސަކޮށްގެން ތައްޔާރު ކުރި ސެޓްތަކެއްގަ އެވެ.
"ވަރަށް ކުޑަ ބަޖެޓަކުން ވަރަށް ލިމިޓެޑް ޓައިމް ޕީރިއަޑެއްގެ ތެރޭގައި ކޮށްފައި އޮތް މަސައްކަތެއް މިއީ،" ހަތް މެމްބަރުން ހިމެނޭ ސިނެސްޓޯމްގެ ޓީމާ ބެހޭ ގޮތުން އިޝާން ބުންޏެވެ.
އޭނާ ބުނީ "ލެވިޓީ" އަށް ކޮށްފައި ހުރި މަސައްކަތްތަކާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ.
"ޗެލެންޖަސްތަކެއް ހުރި. މިސާލަކަށް ބޭނުންވާ ބައެއް ކަހަލަ ވަސީލަތްތައް ނުލިބުން ކަހަލަ ކަންކަން ދިމާވި މީގެ މަސައްކަތް ކުރި އިރު،" އިޝާން ބުންޏެވެ.
އެކަމަކު "ލެވިޓީ" އިން އެ އައިބު ކަމެއް ފެންނާކަށް ނެތެވެ. މަސައްކަތް ފުރިހަމަ އެވެ. ސިނެސްޓޯމްގެ މިފަދަ އިތުރު މަސައްކަތްތަކަށް މިހާރު މި އޮތީ އިންތިޒާރު ކުރަން ޖެހިފަ އެވެ.
"ޖެނުއަރީގައި އަނެއްކާ މުޅިން ތަފާތު ތީމަކަށް ޝޯޓް ފިލްމެއް ގެނެސް ދޭނަން. އޭގެ މަސައްކަތް ކުރިއަށް އެބަ ދޭ. އޭތި ބޭސްވެފައި އޮންނާނީ އެންވަޔަރަމަންޓަލް އިޝޫއަކަށް. ވަރަށް ސައިންޓިފިކް އެންގެލަކުން އޭތި، ވަރަށް ތަފާތު ގޮތަކަށް ގެނެސްދޭނީ،" އިޝާން ބުންޏެވެ.
މި އަހަރުގެ ޖުލައި މަހު ވުޖޫދަށް އައި ސިނެސްޓޯމް ސްޓޫޑިއޯ އިން ފަންނުވެރިކަމާ ގުޅުން ހުރި ހުރިހާ މަސައްކަތެއް ކުރެ އެވެ. އެހެންވެ މުސްތަގުބަލް އަދި ކުރިއަށް އޮތީ އެވެ. "ލެވިޓީ" އަކީ ހަމައެކަނި އަޅާލި ސުރުހީއެކެވެ. އަންނަ އަހަރަށް ވަރުގަދަ ފީޗާ ފިލްމެއްގެ މަސައްކަތް ފަށަން ވެސް ޕްލޭންކޮށްފައި އެބަ އޮތެވެ.