އޭއެފްސީ ކޮލިފައިންގެ އިސް ޑެލިގޭޓުންގެ ގޮތުގައި 7 ދިވެހިން
އޭއެފްސީ ކޮލިފައިންގެ އިސް ޑެލިގޭޓުންގެ ގޮތުގައި 7 ދިވެހިން

އޭއެފްސީ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ އެންމެ އިސް ޑެލިގޭޓުންގެ ގޮތުގައި ހަތް ދިވެއްސަކު ހަރަކާތްތެރިވާން ފަށައިފި އެވެ.

އަންނަ އަހަރު އުޒްބެކިސްތާންގައި ބާއްވާ 23 އަހަރުން ދަށުގެ ކޮލިފައިން ސެންޓްރަލައިޒްކޮށް މިހާރު ދަނީ ކުރިއަށެވެ. ކޮލިފައިންގެ އޭއެފްސީ ޑެލިގޭޓުންގެ ގޮތުގައި ހަރަކާތްތެރިވާ ދިވެހިންނަކީ އެފްއޭއެމް އެކްސްކޯ މެންބަރު އަދި ގައުމީ ޓީމުތަކުގެ އިސް ފިޒީޝަން އަހްމަދު ޝަކީބް (ޑޮކް) އާއި ފީފާގެ މެޗު ކޮމިޝަނަރުން ކަމަށްވާ އަބްދުލްހަމީދު އަބްދުލްގަފޫރު (އައްޑޯ) އާއި މުހައްމަދު ޝާހިރެވެ. ދެން ހިމެނެނީ ފީފާގެ ރެފްރީންއާދަމް ފަޒީލް، މުހައްމަދު ޖާވިޒް (ޖޭޑް)ގެ އިތުރުން ފީފާގެ އެސިސްޓެންޓް ރެފްރީން ކަމަށްވާ އަހްމަދު އަބްދުﷲ އާއި ޖައުފަރު ރަޝީދު އެވެ.

ޑޮކް، އައްޑޯ، ފަޒީލް އާއި އަހްމަދު ހުންނެވީ ތަޖިކިސްތާންގައި ކުރިއަށްދާ ގުރޫޕް ބީ ގެ މެޗުތަކަށް ހާއްސަވެގެންނެވެ. އެކަމަކު ޑޮކްގެ ބެލުމުގެ ދަށުން ގުރޫޕް ޖީގެ މެޑިކަލް އާއި ޑޮޕިންއާ ގުޅޭ ކަންކަން ކުރުމަށް އޭއެފްސީން ވަނީ ހަވާލުކޮށްފަ އެވެ.

ގުރޫޕް ބީގައި ޑޮކް އަދާކުރައްވަނީ ޑޮޕިން އެންޑް އިންފެކްޝަން ކޮންޓްރޯލިން އޮފިސަރުގެ މަގާމެވެ. ގުރޫޕް ޖީގައި އޭނާ އަދާކުރައްވަނީ މެޑިކަލް އެންޑް ޑޮޕިން ކޮންޓްރޯލިން އޮފިސާގެ މަގާމެވެ. އެ ދެ ގުރޫޕްގެ ކަންކަން އޭއެފްސީން ޑޮކް ހަމަޖެއްސީ އޭއެފްސީގެ އެލީޓް މެޑިކަލް އޮފިސަރެއްގެ ގޮތުގަ އެވެ.

އެ މަގާމަށް އޭއެފްސީން ޑޮކްގެ ނަން ނޮމިނޭޓްކުރީ ފީފާ އާއި އޭއެފްސީގައި އޭނާ ފުރިހަމަކޮށްފައިވާ ޕްރޮގްރާމްތަކަށް ބެއްލެވުމަށް ފަހު އެވެ. ފީފާ ފުޓްބޯލް މެޑިސިން އިން ޑިޕްލޮމާ ހާސިލު ކުރައްވާފައިވާ ޑޮކް ވަނީ، އޭއެފްސީ އެލީޓް މެޑިކަލް އޮފިސާ ކޯހާއި އޭއެފްސީ ޓީމް ފިޒިކްސް ޕްރޮގްރާމްގެ އިތުރުން އެޑްވާންސް ކާޑިއޯވާސްކިއުލާ ލައިފް ސަޕޯޓް ކޯސް ވެސް ފުރިހަމަ ކުރައްވައިފަ އެވެ. އެ މަގާމަށް ޝަރުތުހަމަވާނީ ވެސް އެ ކޯސްތައް ފުރިހަަމަ ކުރުމުންނެވެ. އޭގެ އިތުރަށް ޑޮކް އެ މަގާމަށް ނެގީ ފީފާ އާއި އޭއެފްސީން ކުރި އިންޓަވިއުތަކަށް ފަހު އެވެ.

މެޗު ކޮމިޝަނަރުންގެ ގޮތުގައި ހަރަކާތްތެރިވާ އައްޑޯ އާއި ޝާހިރު ޖޫން މަހުން ފެށިގެން ދަނީ ބިޒީ ޝެޑިއުލްއެއްގަ އެވެ. އެ ދެ ބޭފުޅުން ވަނީ މިދިޔަ މަހު ކުރިއަށް ގެންދިޔަ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މެޗުތަކުގައި ވެސް މެޗު ކޮމިޝަނަރުކަން ކުރައްވައިފަ އެވެ. އަދި މިހާރު ކުރިއަށްދާ އޭއެފްސީ ކަޕް ކޮލިފިކޭޝަނަށް ވެސް އޭއެފްސީ ވަނީ އައްޑޯ އާއި ޝާހިރު އިހްތިޔާރުކޮށްފަ އެވެ.

މިހާރު ކުރިއަށްދާ ކޮލިފައިންގައި ޝާހިރު މަސައްކަތްކުރައްވަނީ ޖަޕާން ހިމެނޭ ގުރޫޕް ކޭ ގަ އެވެ. އެ ގުރޫޕްގެ މެޗުތައް ކުރިއަށްދަނީ ޖަޕާންގަ އެވެ. ޖާވިޒް އާއި ޖައުފަރު ހާއްސަވެގެން ހުރީ ޔޫއޭއީ ހިމެނޭ ގުރޫޕް އީ ގެ މެޗުތަކަށެވެ.

ވޯޅްޑް ކަޕް ކޮލިފިކޭޝަންގެ ތިން ބުރުގައި އައްޑޯ ވަނީ ޗައިނާ އާއި ޖަޕާން ކުޅުނު މެޗުގައި ކޮމިޝަނަރުކަން ކޮށްފަ އެވެ. ޝާހިރު ވަނީ ވިއެޓްނާމް އާއި އޮސްޓްރޭލިއާ ކުޅުނު މެޗުގައި ކޮމިޝަނަރުކަން ކޮށްފަ އެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ދެ ވަނަ ބުރުގެ ފަހުގެ މެޗުތައް ކޮވިޑް-19 އާ ގުޅިގެން ކުރިއަށް ގެންގޮސްފައި ވަނީ ސެންޓްރަލައިޒްކޮށެެވެ. އައްޑޯ އާއި ޝާހިރު ވެސް ވަނީ ސެންޓްރަލައިޒްކޮށް ކުރިއަށް ގެންދިޔަ މެޗުތަކުގައި ކޮމިޝަނަރުކަން ކުރުމަށް ޔޫއޭއީއަށް ގޮސްފަ އެވެ.

އައްޑޯ އާއި ޝާހިރު ވަނީ މީގެ ކުރިން އޭޝިއާގެ ބޮޑެތި މުބާރާތްތަކުގައި މެޗު ކޮމިޝަނަރުކަން ކޮށްފަ އެވެ. ޝާހިރު ވަނީ 2015 ގައި އޮސްޓްރޭލިއާގައި ބޭއްވި އޭޝިއަން ކަޕް ފައިނަލުގައި މެޗު ކޮމިޝަނަރުކަން ކޮށްފަ އެވެ. އޭޝިއާގެ ކްލަބު ފުޓްބޯޅައިގައި ޕްރީމިއަމް މުބާރާތް، އޭއެފްސީ ޗެމްޕިއަންސް ލީގުގެގެ ފައިނަލުގައި އައްޑޯ ވަނީ 2019 ގައި މެޗު ކޮމިޝަނަރުކަން ކޮށްފަ އެވެ. އަދި އެ އަހަރުގެ ސެމީ ފައިނަލުގައި ޝާހިރު މެޗު ކޮމިޝަނަރުކަން ކުރި އެވެ.

ޖާވިޒް އަށް ފީފާގެ ބެޖު ލިބުނީ 2016 ވަނަ އަހަރު އެވެ. އެ އަހަރު އިންޑިއާގައި 2016 ވަަނަ އަހަރު ބޭއްވި އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތުގައި ރެފްރީކަން ކުރި އެވެ. އޭޝިއާގެ ފުޓްބޯޅައިގައި ވާދަވެރި ދެ ގައުމު ކަމަށްވާ އިރާން އާއި އިރާގް ބައްދަލު ކުރި ފައިނަލު މެޗުގައި އޭނާ ވަނީ ރެފްރީކަން ކޮށްފަ އެވެ.

އެސިސްޓެންޓް ރެފްރީ ޖައުފަރަށް އެންމެ ފުރަތަމަ ފީފާގެ ބެޖު ލިބުނީ 2012 ގަ އެވެ. އެސިސްޓެންޓް ރެފްރީއެއްގެ ގޮތުގައި އޭނާ ރެފްރީކަން ކުރި އެންމެ ފުރތަމަ މެޗަކީ ސެންޓްރަލް އީސްޓް އޭޝިއަން ގޭމްސްގައި މެލޭޝިއާ އާއި އޮސްޓްރޭލިއާ ކުޅުނު މެޗެވެ.

ރެފްރީ ފަޒީލަށް ފީފާގެ ބެޖު އެންމެ ފުރަތަމަ ލިބުނީ 2016 ގަ އެވެ. އެކަމަކު އޭގެ ކުރިން ވެސް އޭނާ ވަނީ އޭޝިއާގެ އުމުރު ފުރާގެ މުބާރާތްތަކުގައި ރެފްރީކަން ކޮށްފަ އެވެ. އޭނާގެ އެންމެ ފުރަތަމަ އިންޓަނޭޝަނަލް މެޗަކީ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ބަންގުލަދޭޝް ކުޅުނު މެޗެވެ. މޮރިޝަސްގައި 2019 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ސެމީ ފައިނަލުގައި މޮރިޝަސް އާއި ރީޔޫނިއަން ކުޅުނު މެޗުގައިވެސް އޭނާ ވަނީ ރެފްރީކަން ކޮށްފަ އެވެ.

އެސިސްޓެންޓް ރެފްރީ އަހްމަދު އަބްދުﷲ އަށް ފީފާގެ ބެޖު އެންމެ ފުރަތަމަ ލިބުނީ 2015 ގަ އެވެ. އޭނާގެ ފުރަތަމަ މެޗަކީ ކެމްބޯޑިއާ އާއި މިޔަންމާ ކުޅުނު މެޗެވެ. އެސިސްޓެންޓް ރެފްރީއެއްގެ ގޮތުގައި އޭނާގެ އެންމެ ހާއްސަ ހަނދާނަކީ 2018 ވަނަ އަހަރު އޭއެފްސީ އެލީޓް އެސިސްޓެންޓް ރެފްރީއެއްގެ ގޮތުގައި ހަމަޖެހުމެވެ.