26 އޮކްޓޯބަރ 2021 - 17:57

ކ. ތުލުސްދޫގައި ވަޅިން ހަމަލާދީ މަރާލި އަލީ ޝިހާމްގެ މަރުގެ މައްސަލާގައި އޭނާގެ ގާތިލް މުހައްމަދު ނިޔާޒް މެރުމަށް ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

ޖުލައި، 2014 ގައި ތުލުސްދޫގައި އެރަށު ބިޖިލީއުފާ، ޝިހާމަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި އެރަށު ރެޑްރޯސް، ނިޔާޒް މެރުމަށް ކްރިމިނަލް ކޯޓުން ކުރިން ވަނީ ހުކުމްކޮށްފަ އެވެ. ނިޔާޒްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ނުކުރާތީ އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ހައި ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ.
ހައި ކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ވިދާޅުވީ ޝިހާމަށް ވަޅިން ހަމަލާދިން ކަމަށް ތަހުގީގާއި ދަށު ކޯޓާއި ހައި ކޯޓުގައި ވެސް ނިޔާޒް އިއުތިރާފް ވެފައިވާ ކަމަށެވެ. ހަމަލާދިން ސަބަބު ވެސް އޭނާ ކިޔައިދިން ކަމަށާއި އަދި ދެން ހުރި ހެކިތަކުން އޭނާގެ އިއުތިރާފަށް ބާރު ލިބޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ގަސްދު މަރުގައި ފުރިހަމަވާން ޖެހޭ ހުރިހާ ރުކުނެއް ވެސް އެ މައްސަލާގައި ފުރިހަމަވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
"ލިބިފައިވާ ހެކި ގަރީނާތަކުން އަލީ ޝިހާމްގެ ގާތިލަކީ މުހައްމަދު ނިޔާޒް ކަމާއި އަދި އެއީ ގަސްދު މަރެއް ކަން ސާބިތުވާ ސާބިތުވުން ނަފީވާ ކަމެއް ނުވަތަ ޝައްކު އުފެދޭ ކަމެއް ކަމުގައި ނުފެނޭ." ފަނޑިޔާރު ޝުއައިބު ވިދާޅުވި އެވެ.
ފަނޑިޔާރު ވިދާޅުވީ ޝިހާމަށް ހަމަލާދިނީ މެރުމުގެ ގަސްދުގައި ނޫން ކަމަށް ނިޔާޒް ބުންޏަސް، ހަމަލާދިން ހަތިިޔާރަށް ބަލާއިރު އޭނާގެ ކިބައިގައި މެރުމުގެ ގަސްދު އޮތް ކަމަށް ބެލެވޭނެ ކަމަށެވެ. އެގޮތުން ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިނުމުން މީހަކު މަރުވެއްޖެ ނަމަ، މެރުމުގެ ގަސްދު އޮތް ކަމަށް ބަލަންޖެހޭ ކަމަށް ހައި ކޯޓުން ކުރިން ވެސް ނިންމާފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ހަމަލާދިނުމުގެ ވަގުތުކޮޅެއް ކުރިން ޝިހާމަށް ހަމަލާދޭނެ ވާހަކަ ނިޔާޒް ބުނި ކަން ހެކިންގެ ބަހުން އެނގޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ދިރިހުރުމުގެ ހައްގަކީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގަކަށް ވާއިރު، ހައްގަކާ ނުލައި މީހުން މަރާ މީހުންނަށް ދޭންޖެހޭނީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބެއް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ވާރިސުން ގާތިލަށް މައާފް ނުކުރާ ނަމަ، ގާތިލަށް ދޭންޖެހޭނީ މަރުގެ އަދަބު ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
އެހެންވެ، ޝިހާމްގެ ވާރިސުން ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށްވާތީ އޭނާއަށް ދޭން ޖެހޭނީ މަރުގެ އަދަބު ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެހެން ނަމަވެސް، ޝިހާމްގެ ވާރިސުންގެ ތެރޭގައި ކުޑަކުދިން ތިބުމުން އެ ކުދިން ބޮޑުވަންދެން ހުކުމް ތަންފީޒު ކުރުން ފަސްކުރުން މުހިންމު ކަމެއް ކަމަށް ފަނޑިޔާރު ޝުއައިބު ވިދާޅުވި އެވެ.
އެކަންކަން ފާހަގަކޮށް، ތިން ފަނޑިޔާރުން އިއްތިފާގުން ހުކުމް އިއްވަވަމުން ފަނޑިޔާރު ޝުއައިބު ވިދާޅުވީ ނިޔާޒް މެރުމަށް ކުރި ހުކުމް ރަނގަޅު ކަމަށެވެ.
ފަނޑިޔާރު ޝުއައިބުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.
ނިޔާޒްގެ ފަރާތުން ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ނުކޮށްފި ނަމަ، އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭނެ އެވެ. މަރުގެ އަދަބެއް ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން މައްސަލަ ނިމުމުންނެވެ.