06 ޑިސެމްބަރ 2016 - 18:05

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އޮބްޒާވަރުންނާއި މޮނީޓަރުންގެ ހައިސިއްޔަތުން މަސައްކަތް ކުރަން ހުށަހެޅުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދެވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
ކައުންސިލްތަކުގެ އިންތިޚާބުގައި އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވުމަށް ހުށަހެޅުމުގެ މުއްދަތު މި ފަހަރު އިތުރުކުރީ އަންނަ ޖެނުއަރީ މަހު ބާއްވަން ނިންމި އެ އިންތިޚާބު އިތުރު ދެ މަހަށް ފަސްކުރުމަށް ސިވިލް ކޯޓުން މިދިޔަ ހަފުތާގައި އަމުރު ނެރެފައި ވަނިކޮށެވެ.
އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވުމަށް ހުށަހެޅުމުގެ މުއްދަތު މިއަދު ހަމަވާ ގޮތަށް ކުރިން ހަމަޖައްސާފައި ވަނިކޮށް، އެ މުއްދަތު މި ފަހަރު އިތުރުކުރީ މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. އެންމެ ފުރަތަމަ ކޮމިޝަނުން އިއުލާންކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެ ފުރުސަތު ބަންދުވާ ގޮތަށެވެ.
އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވުމަށް ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުމުގެ އިތުރުން، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބުންނަށް ހުށަހެޅުމުގެ ފުރުސަތު މިއަދު ވަނީ ފުރަތަމަ ފަހަރަށް ހުޅުވާލައިފަ އެވެ. އެ ފުރުސަތު ބަންދުވާނީ މި މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 4:00 ގަ އެވެ.
އަންނަ ޖެނުއަރީ، 14 ގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން ނިންމާފައި ވަނިކޮށް، އިތުރު ދެ މަހަށް އިންތިޚާބު ފަސްކުރަން ކޯޓުން އަމުރު ކުރުމާ އެކު، އިންތިޚާބުގެ ގިނަ ކަންކަމަށް ވަނީ ބަދަލު އައިސްފަ އެވެ. އެގޮތުން ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރު ކުރުމާއި އޮބްޒާވް ކުރުމުގެ ފުރުސަތު ވެސް ވަނީ އިތުރުކޮށްފަ އެވެ.
އިންތިޚާބު ފަސްކުރަން ސިވިލް ކޯޓުން އަމުރުކުރީ، ޕީޕީއެމް އެތެރޭގެ މައްސަލަތަކާ ހެދި އިންތިޚާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ، އިންތިޚާބު ފަސްކުރަން އެ ޕާޓީން ހުށަހެޅުމުންނެވެ. އެ މައްސަލަ އިސްތިއުނާފް ކުރަން އިލެކްޝަންސް އިން ވަނީ ހުށަހަޅައިފަ އެވެ.