26 އޮކްޓޯބަރ 2021 - 14:57

ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން އިންވެސްޓަރުންނަށް ހުރި ހުރަސްތައް ނައްތާލުން މުހިންމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ދުބާއީގައި ކުރިއަށްދާ އެކްސްޕޯގައި ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމުގައި ރައީސް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބުނު ގެއްލުން އިއާދަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ވަގުތު އިގްތިސާދު ފުޅާ ކުރުމަށް ޕްރައިވެޓް ސެކްޓާ ކުރިއެރުވުން މުހިންމު ކަމަށެވެ.

"އިގްތިސޯދު ރިކަވާ ކުރުމުގެ އެޖެންޑާގައި އެންމެ އިސްކަމެއް ދެނީ ޕްރައިވެޓް ސެކްޓާ ތަރައްގީކޮށް ކުރިއަރުވަން. މިކަން ކުރުމަށް އިންވެސްޓަރުންނަށް ހުރި ހުރަސްތައް ނައްތާލައި މަސައްކަތަށް ފަހި މާހައުލެއް ގާއިމްކުރަން އިސްކަން ދީ، އިންވެސްޓުކުރާ ފަރާތްތަކަށް ފައިނޭންސް ހޯދޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި، މިހާރަށް ވުރެ ދެ ފުށް ފެންނަ ހަރުދަނާ ނިޒާމެއް ގާއިމްކުރަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
ރާއްޖެއަކީ ވިޔަފާރިތަކަށް މުހިންމު ސަރަހައްދެއްގައި އޮތް ގައުމެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އިންފްރާސްޓްރަކްޗަރާއި ދަތުރުފަތުރާއި، ހަކަތަ އަދި ހިދުމަތުގެ ދާއިރާއިން އިންވެސްޓްމަންޓްތަކަށް މަގުފަހިކުރަން ސަރުކާރުގެ ޕޮލިސީތައް ބަދަލުކޮށް ގާނޫނާއި ގަވާއިދުތަކަށް ވެސް ރަނގަޅު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ނޫ އިގްތިސާދުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ކުރިއެރުވުމަށް ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ދުބާއީ އެކްސްޕޯއަކީ ޓޫރިޒަމް ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ އެންމެ ބޮޑު އެކްސްޕޯ އެވެ. މި އެކްސްޕޯގައި އެކި ގައުމުތަކުން 150 އަށްވުރެ ގިނަ އިންވެސްޓަރުން ބައިވެރިވެ އެވެ.
މިއަދު ކުރިއަށްދާ އިންވެސްޓްމަންޓް ފޯރަމުގައި ރާއްޖޭގައި ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތު ހިއްސާކުރާނެ އެވެ. މި ފޯރަމުގައި ރާއްޖޭގެ 18 ރަށެއް ވަނީ އިއުލާން ކޮށްފަ އެވެ.