26 އޮކްޓޯބަރ 2021 - 12:55

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާ ދެވަނަ ފަހަރަށް ދަށު ކޯޓުން ބަންދުން ދޫކޮށްލާފައި ވަނިކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން އަމުރުކޮށްފި އެވެ.
މިދިޔަ އޮގަސްޓް މަހު ލ. ފޮނަދޫގައި މަސްއޫދަށް ދަގަނޑުބުރިއަކުން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާ ބަންދުގައި ބެހެއްޓުމަށްފަހު އެރަށު ކޯޓުން އޭނާ ދޫކޮށްލުމުން ހައި ކޯޓުން ކުރިން ވަނީ އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމަން އަމުރުކޮށްފަ އެވެ. އެހެންވެ، ދެވަނަ ފަހަރަށް އޭނާ ބަންދުކުރަން ފުލުހުން އެދުމުން ވެސް އެރަށު ކޯޓުން ނިންމީ އޭނާ ބަންދުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ މީހާގެ ފަރާތުން މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ހައި ކޯޓުން ކުރިން ނިންމާފައި ވަނިކޮށް އޭނާގެ ފަރާތުން އެފަދަ ނުރައްކަލެއް ނެތް ކަމަށް ދަށު ކޯޓުން ނިންމުން ގާނޫނާ ޚިލާފް ކަމަށެވެ. އަދި އޭނާގެ ފަރާތުން އެފަދަ އެހެން އަމަލެއް ފެނިފައި ނެތުމަކީ އޭނާގެ ފަރާތުން މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް ނިންމޭނެ ސަބަބެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.
އެހެންވެ، ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރަން އަމުރުކުރާ ކަމަށް ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުއައިބެވެ.