26 އޮކްޓޯބަރ 2021 - 13:15

ދިވެހިންގެ ގައުމީ ރޫހު އާލާކުރުމަށް ހޯމް މިނިސްޓްރީން ފިލްމު ސީރީޒެއް ހަދަން ނިންމައިފި އެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ ގައުމީ އަދި ވަތަނީ ރޫހު އާލާކުރުމުގެ މަގުސަދުގައި ތިން ސީޒަނަކަށް ބަހާލައިގެން ފިލްމު ސީރީޒެއް ހަދަން ބޭނުންވާ ކަމަށެވެ. އެހެންވެ، ކޮންމެ ސީޒަނެއްގައި 50 މިނެޓުގެ 10 އެޕިސޯޑު ހިމެނޭ ގޮތަށް، ގައުމީ ރޫހު އާލާކޮށްދޭ ފިލްމު ސީރީޒްގެ ވާހަކަ އާއި ސްކްރީންޕްލޭ ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފައިވެ އެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 8 ވަނަ ދުވަހު މައުލޫމާތު ސާފުކުރުމަށްފަހު އަންނަ މަހުގެ 17 ވަނަ ދުވަހު އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައިވެ އެވެ. މައުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަންނާނެ އެވެ.
ހޯމް މިނިސްޓްރީން ބުނީ އެ ފިލްމު ސީރީޒުން ގެނެސްދޭން ބޭނުން ވަނީ ގައުމު މިނިވަންކުރުމަށް މުހައްމަދު ތަކުރުފާނު ވެވަޑައިގެންނެވި ޖިހާދު، މި ޖީލުގެ ދަރިންނަށް ކިޔައިދިނުމަށެވެ.
ދެން އަންނަ ގައުމީ ދުވަހަކަށް އެ ފިލްމު ސީރީޒްގެ ކޮންމެ ވެސް ބައެއް އާއްމުންނަށް ދެއްކޭނެ ކަމަށް އެ މިނިސްޓްރީން އުއްމީދުކުރެ އެވެ.