"ވިކި ޑޯނާ" ދެވަނަ ބައެއް ނަހަދާނަން: ޑައިރެކްޓަރު
"ވިކި ޑޯނާ" ދެވަނަ ބައެއް ނަހަދާނަން: ޑައިރެކްޓަރު

އެކްޓަރު އަޔޫޝްމަން ކްރާނާ ބޮލީވުޑަށް ތައާރަފުކުރި އަދި ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ފިލްމު "ވިކީ ޑޯނާ" ގެ ދެވަނަ ބައެއް ހެދުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި އެ ހަދަން އުޅެފި ނަމަ ވާނީ ބޮޑުތަނުން ފެއިލް ކަމަށް ޑައިރެކްޓަރު ޝޫޖިތު ސިރްކާ ބުނެފި އެވެ.

ދަރިން ލިބުމުން މަހުރޫމުވެފައިވާ މީހުންނަށް ދަރިފަނި ހަދިޔާ ކޮށްދޭ ޒުވާނެއްގެ ވާހަކަ ކިޔައިދިން 2012 ގެ އެ ފިލްމަކީ ޖޯން އަބްރަހަމް ޕްރޮޑިއުސްކުރި ފިލްމެކެވެ. އާންމުކޮށް ބޮލީވުޑްގެ ފިލްމުތައް ނަހަދާ މުޅިން ބީރައްޓެހި ކޮންސެޕްޓަކަށް ގެނެސްދިން "ވިކީ ޑޯނާ" އަކީ ޝޫޖިތު ޑައިރެކްޓްކުރި މިދިޔަ އަހަރުގެ "ގުލާބޯ ސިތާބޯ" އާއި 2018 ގެ "އޮކްޓޯބާ" ގެ އިތުރުން 2015 ގެ "ޕީކޫ" ގެ ސްކްރީން ރައިޓަރު ޖޫހީ ޗަތުރަވެދީގެ ސްކްރީން ޕްލޭއަކަށް ހެދި ފިލްމެކެވެ.

މިހާރު ކުރިއަށްދާ އިންޑިއަން ފިލްމު ޕްރޮޖެކްޓް (އައިއެފްޕީ) ގައި ވާޗުއަލްކޮށް ބައިވެރިވެ، ޝޫޖިތު ބުނީ "ވިކީ ޑޯނާ" ރިލީޒްވި ފަހުން އޭގެ ދެވަނަ ބައެއް ހަދަން ވަރަށް ގިނަ ބައެއްގެ ފަރާތުން ޑިމާންޑްކޮށް، ބޮޑެތި އަދަދުތަކުން ފައިސާ ވެސް ހުށަހެޅި ކަމަށެވެ.

"އެކަމަކު އަހަރެން އޭރު ވެސް އަދި މިހާރު ވެސް ގަބޫލުކުރަނީ ކުރިން ގެނެސްދިން ފެންވަރުގެ ފިލްމެއް ވިކީ ޑޯނާގެ ދެވަނަ ބައެއްގެ ގޮތުގައި ގެނެސް ނުދެވޭނެ ކަމަށް. އެކަން ކުރަން އުޅެފި ނަމަ އަހަރެން ފެއިލްވުން ނޫން ކަމެއް ނުވާނެ." މި މަހުގެ 16 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި ވަތަނީ ފިލްމު "ސަރުދާރު އުދަމް" ގެ ޑައިރެކްޓަރު ބުންޏެވެ.

ޝޫޖިތު ބުނި ގޮތުގައި "ވިކީ ޑޯނާ" ފަދަ ފިލްމުތަކަކީ އެއް ފިލްމުން ފުއްދައިލަން ޖެހޭ ކަހަލަ ފިލްމުތަކެވެ. އަދި ފިލްމަކަށް ބޮޑު ކާމިޔާބީއެއް ލިބުމަކީ އޭގެ ދެވަނަ ބައެއް ހަދައި، އޭގެ ވާހަކަ ހަލާކު ކޮށްލަން ޖެހޭ ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.

އަޔޫޝްމަނާ އެކިީ ޔާމީ ގޯތަމް ބަތަލާގެ ރޯލު ކުޅުނު "ވިކީ ޑޯނާ" އަކީ 60 ވަނަ ނެޝަނަލް ފިލްމު އެވޯޑްސްގައި ބެސްޓް ޕޮޕިއުލާ ފިލްމު ޕްރޮވައިޑިން ހޯލްސަމް އެންޓަޓައިންމަންޓްގެ އެވޯޑް ވެސް ލިބުނު ފިލްމެކެވެ. އަދި މީގެ ކާމިޔާބީއާ ގުޅިގެން ފިލްމުގެ ތެލެގޫ އަދި ތަމަޅަ ރިމޭކްތަކެއް ވެސް ހެދި އެވެ.