26 އޮކްޓޯބަރ 2021 - 11:33

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަމުން އަންނަ ވެކްސިންގެ ތިން ވަނަ ޑޯޒް ނުވަތަ ބޫސްޓާ ޑޯޒް މިހާތަނަށް 1،577 މީހަކަށް ދީފައިވާ ކަމަށް އެޗްއީއޯސީން މިއަދު ބުނެފި އެވެ.
ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ބަލި ޖެހުމުގެ ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތް ދޭ މީހުންނަށް ތިން ވަނަ ޑޯޒެއް ޖަހަން ފެށީ މިމަހުގެ ތިން ވަނަ ދުވަހު އެވެ.
މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމުނައިޒޭޝަންގެ ލަފާގެ މަތިން ބޫސްޓާ ޑޯޒް ދޭން ނިންމާފައި ވަނީ މިކަމާ ބެހޭގޮތުން މިހާތަނަށް ކޮށްފައިވާ ދިރާސާތަކަށް ބެލުމަށް ފަހު އެވެ. ބޫސްޓާ ޑޯޒްގެ ގޮތުގައި ދެނީ ހަމައެކަނި ފައިޒާ ވެކްސިނެވެ.
ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި ވަރަށް ބޮޑަށް ދަށްކުރެވިފައިވާއިރު ބަލި ޖެހޭ މީހުންގެ ތެރެއިން ބަލީގައި ބޮޑުވަރުވާ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް ދަށެވެ. ފަސް ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ރާއްޖޭގެ ގިނަ ބަޔަކު ތިބީ ވެކްސިން ފުރިހަމަކޮށްގެންނެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ދެ ޑޯޒް ޖަހައިގެން ތިބި މީހުންގެ އަދަދު 394،099 އަށް އަރަ އެވެ.
ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް މިދުވަސްވަރު އިންފުލުއެންޒާ އާއި އަރިދަފުސް ރޯގާ އަދި ހުން ވަނީ އިތުރުވެފަ އެވެ.