26 އޮކްޓޯބަރ 2021 - 11:43

ރައްޓެހިންނާ އެކު ކަސްރަތަށް ނިކުމެ އުޅުނު ގއ. ވިލިނގިލީ އަންހެނަކު ހޭނެތިގެން ވެއްޓި، ހޮސްޕިޓަލުން ފަރުވާ ލަސްވެ މިހާރު މަރާ ހަނގުރާމަ ކުރަމުންދާ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.
އަންހެން މީހާގެ ކޮއްކޮއަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އުމުރުން 57 އަހަރުގެ އެ އަންހެން މީހާ އެކުވެރިންތަކަކާ އެކު ރަށުގައި ހުންނަ އައުޓްޑޯ ޖިމަށް ދިޔައީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 8:00 ހާއިރު އެވެ.
އެކަމަކު ކަސްރަތު ކުރަން އުޅުމުގެ ތެރެއިން ކުއްލިއަކަށް ބޮލުގައި ރިއްސަން ފެށުމުން، އެތަނުގައި ހުރި ބެންޗެއްގައި އިށީންދެ އިންދާ މުޅިން ހަރަކާތް ހުއްޓިގެން ވެއްޓުނީ އެވެ.
"8:30 ހާއިރު ބޮލުގައި ރިއްސަން ފެށީމަ ބެންޗެއްގައި އިށީނީ. އެތަނުގައި ހުއްޓާ މީހާގެ ހަރަކާތް ހުއްޓުނީމަ ރައްޓެއްސަކު މި ގުޅީ އަތޮޅު ހޮސްޕިޓަލަށް އެމްބިއުލާންސް ފޮނުވައިދޭށޭ ކިޔައިފައި. އެކަމަކު އެމްބިއުލާންސަށް ގުޅައިގެން 30 މިނެޓްވިއިރު ވެސް އެތަނަށް އެމްބިއުލާންސެއް ނުދޭ."
އެމްބިއުލާންސް ދިއުން ލަސްވެ އެންމެ ފަހުން ހޮސްޕިޓަލަށް ގުޅި މީހާ، އެމްބިއުލާންސް ބަލައި ހޮސްޕިޓަލަށް ދިޔައީ އެވެ. އަންހެން މީހާ ހޮސްޕިޓަލަށް ގެންދެވުނުއިރު 9:15 ވާނެ ކަމަށް އާއިލާ އިން ބުންޏެވެ.
ހޮސްޕިޓަލަށް ދިއުމުން އެތަނުން ބުނީ އަންހެން މީހާގެ ހާޓް ފެއިލްވެފައިވާ ކަމަށެވެ. އެހެންވެ ވެންޓިލޭޓަރަށް ލި ނަމަވެސް އިތުރު ފަރުވާގެ ކަންކަން ވަރަށް ބޮޑަށް ލަސްވި ކަމަށް އާއިލާ އިން ތުހުމަތުކުރެ އެވެ.
އާއިލާ އިން ވާހަކަ ދެއްކި މީހާ ކިޔައިދިން ގޮތުގައި އަންހެން މީހާ ވީ އެންމެ އަވަހަކަށް މާލެ ފޮނުވައިދޭން އާއިލާއިން އާދޭސްކުރަމުން ދިޔަ އެވެ. އެކަމަކު ހޮސްޕިޓަލުން އެންމެ ފުރަތަމަ އުޅުނީ އަންހެން މީހާގެ ސީޓީ ސްކޭނެއް ހެދުމަށް ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފޮނުވާށެވެ.
އާދޭސްތަކާ އެކު، އަންހެން މީހާ މާލެ ފޮނުވަން ނިންމައި، ކޮވިޑަށް ޓެސްޓްކުރުމަށް އެރޭ ދަންވަރު 1:00 ގައި ސާމްޕަލް ނެގި ނަމަވެސް މާލެ ގެނެވުނީ، މައްސަލަ ދިމާވިތާ 20 ގަޑިއިރު ފަހުންނެވެ.
"މާލެ ފޮނުވަން އާސަންދަ ހަމަޖައްސަން ޑޮކްޓަރުގެ ލިޔުން ތައްޔާރުކޮށް ފޮނުވުމުގައި ވެސް އެތައް ވަގުތެއް ހޭދަވި. އެއްފަހަރު ބުނި ފަތިހު 5 ގަ ޑޯނިއާ އޮންނާނީ މިކޮޅު [ކޫއްޑޫ] ގައޭ. ހައެއް ޖަހާއިރު ތިބޭނީ މާލޭގައޭ. އެކަމަކު އެމްއެންޑީއެފް ސަދަން އޭރިއާ އަށް ގުޅުމުން ބުނީ ހެލިކޮޕްޓަރަށް އެދިފައޭ އިނީ. ޑޮކްޓަރު ލިޔުމެއް ނެތޭ،" އާއިލާ އިން ބުންޏެވެ.
"މާލެ ގެންނަން ހެލިކޮޕްޓަރު ކޫއްޑޫގައި ޖެއްސީ 2:00 ހާއިރު. ފުރުވާލެވުނީ 30 މިނެޓް ފަހުން. މިއީ އެބޭފުޅުން ތައްޔާރުވެފައި އޮތް މިންވަރު."
އޭނާ ބުނީ، ރަށު ހޮސްޕިޓަލުގައި އޮތްއިރު ބަލި މީހާގެ ހާލަތު ތަކުރާރުކޮށް އަހަމުންދިޔުމުން ވެސް ހޮސްޕިޓަލުން ބުނެފައި ވަނީ ވަރަށް ރަނގަޅު ކަމަށެވެ. އަދި އަމިއްލައަށް ނޭވާ ލާން މަސައްކަތްކުރާ ކަމަށް މެނޭޖްމަންޓުން މައުލޫމާތު ދިން ނަމަވެސް ނަރުހުން ބުނެފައި ވަނީ "ގެނައި އިރު ވެސް އޮތް ގޮތަށޭ އޮތީ" ކަމަށެވެ.
އޭނާ ވަނީ އެހާ ކްރިޓިކަލް މީހަކު ހޮސްޕިޓަލުގައި އޮތްއިރު ވެސް އެތަނުގައި ޖަވާބުދާރީވާނެ މީހަކު އެ ވަގުތު ނެތް ކަމަށް ވެސް ބުނެފަ އެވެ. އެންމެ ފަހުން ފަތިހު ހަތަރެއް ޖަހާކަން ހާއިރު ފުލުހުން މެދުވެރިކޮށް އެތަނަށް ހޮސްޕިޓަލު މެނޭޖަރު ހާޒިރުކޮށް، އެތައް "ހައިޖާނެއް" ހިންގަން ޖެހުނު ކަމަށް އޭނާ ބުނެ އެވެ.
"މިއެއް ނޫންދޯ މިކަންކަން ވާންޖެހޭ ގޮތަކީ. އެތަނަށް މެނޭޖަރު ގެނެސްގެން އޭނާ ބަހައްޓައިގެން ބަލި މީހާ ހާލު ހޯދައި، މާލެ ފޮނުވުމުގެ ކަންކަމަށް މީހުންނަށް ގުޅުވައި ހެދީ."
އަންހެން މީހާ މާލެ ގެނައި ގޮތަަށް އެންމެ ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށް ނަމަވެސް، އެ ހޮސްޕިޓަލުން އަންހެން މީހާގެ އޮޕަރޭޝަން ކުރެވެން ނެތުމުން އޭޑީކޭ އަށް ރިފާކުރި އެވެ. މިހާރު އޭނާ އަށް ފަރުވާދެމުން އަންނަނީ އޭޑީކޭގެ އައިސީޔޫގަ އެވެ.
އޭޑީކޭއާ ހަވާލާދީ އޭނާ ބުނި ގޮތުގައި މާލެ ގެނައިރު އަންހެން މީހާ އަށް ތިން ސްޓްރޯކް ޖެހިފައިވެ އެވެ. އަދި އެއް ފަހަރު ފިޓް ޖެހިފައިވެ އެވެ. އަންހެން މީހާގެ ބޮލުގެ ނާރެއް ބުރިވެ، ސިކުނޑި އަށް ލޭ އެޅިފައިވެ އެވެ. އެކަމަކު މިއިން އެއްވެސް މައުލޫމާތު އަތޮޅު ހޮސްޕިޓަލަކުން ނުދެ އެވެ.
"އޭޑީކޭ އަށް ގެނައި ފަހުން މި ހުރިހާ ކަމެއް ވެސް މި އިނގުނީ. އެކޮޅުން އެއްވެސް މައުލޫމާތެއް ނުދޭ. މާލެ ގެނައިއިރު ވެސް ފްލައިޓްގައި ވެސް ނޭފަތުންނާއި އަނގައިން ލޭ އައި،" އޭނާ ބުންޏެވެ.
"ހޮސްޕިޓަލުން ފޮރުވައިގެން ސިއްރުކޮށްގެން ތިބީ. މީގެ ކުރިން އެބަހުރި ލޮލުގައި ރިއްސައިގެން ވެސް މީހުން އެމަޖެންސީގައި ދަންވަރު މާލެ ފޮނުވައިފައި."
އަންހެން މީހާގެ އޮޕަރޭޝަނެއް ކުރުމަށް މިހާރު ތައްޔާރުވަމުން އަންނައިރު އެ އޮޕަރޭޝަންކުރުމަށް ހާއްސަކޮށް އޭޑީކޭގެ ޑޮކްޓަރުންގެ ޓީމާ އެކު އިންޑިއާގެ ޑޮކްޓަރުންގެ ޓީމަކުން ވެސް ބައިވެރިވާނެ އާއިލާ އިން ބުނެ އެވެ. އެ ޓީމު މާލެ އަންނަން ހަމަޖެހިފައި އޮތީ މިއަދު މެންދުރު ކަމަށް ވެ އެވެ. މިއީ 72 ދެ ގަޑިއިރުގެ ތެރޭގައި ކުރަން ޖެހޭ އޮޕަރޭޝަނެއް ކަމަށްވެ އެެވެ. މިއީ 50-50 ގެ އޮޕަރޭޝަނެކެވެ.
އޭނާ ބުނި ގޮތުގައި މި އޮޕަރޭޝަނަށް ފަސް ލައްކަ ރުފިޔާ އަރަ އެވެ.
މި ތުހުމަތުތަކާ ގުޅިގެން، ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފް އަހުމަދު ވިދާޅުވީ އެ ބަލި މީހާ އަށް ފަރުވާ ދިނުމުގައި ހޮސްޕިޓަލުގެ އެއްވެސް ފަރުވާ ކުޑަ އަމަލެއް ހިނގާފައި ނޯންނާނެ ކަމަށެވެ. އެކަމަކު އާއިލާގެ ކަންބޮޑުވުމަކީ ޗާޓަރު ފްލައިޓް ލަސް ވުން ކަމަށާއި ޗާޓަރު ފްލައިޓަކީ ހޮސްޕިޓަލުގެ ބާރު ހިނގާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ހޮސްޕިޓަލުން ފްލައިޓް ހަމަޖައްސާ ނަމަ ދެ ގަޑިއިރުގެ ތެރޭގައި ބަލި މީހާ އޮންނާނީ މާލޭގައި. އެ ބަލި މީހާ ގެނައުމާ އެކު ގޭގައި ތިބި ނަރުހުން ވެސް ގެނެސްގެން ވެންޓިލޭޓަރަށް ގުޅައި ފަރުވާގެ ކަންކަން ކުރިއަށްދިޔަ،" ޝަރީފް ވިދާޅުވި އެވެ.