ދަރިފުޅު ހުކުރަށް ގެންދަން ބައްޕައާ ހަވާލުކުރަން ހުކުމެއްގައި ހިމެނި ގޮތް ގޯސްވެ އެކަން ބާތިލްކޮށްފި
ދަރިފުޅު ހުކުރަށް ގެންދަން ބައްޕައާ ހަވާލުކުރަން ހުކުމެއްގައި ހިމެނި ގޮތް ގޯސްވެ އެކަން ބާތިލްކޮށްފި

ދެ މީހަކު ކައިވެނި ރޫޅާލިއިރު، ދަރިންނާ އެކު ވަގުތު ހޭދަކުރުމާ މެދު އުފެދުނު މައްސަލައެއްގައި ފެމިލީ ކޯޓުން ހުކުމްކުރި ފަހުން، ކުއްޖާގެ ބައްޕަ އެދުނު ކަމެއް ހުކުމަށް އިތުރުކުރި ބައި ބާތިލު ކުރަން އިއްޔެ ހައި ކޯޓުން ހުކުމްކޮށްފި އެވެ.

ވަރިވެ، ދަރިން ބެލުމުގެ ކަންކަން ދަރިންގެ މަންމައާ ކޯޓުން ހަވާލުކުރި ފަހުން ބޭނުންވާ ވަރަށް ދަރިންނާ ބައްދަލު ނުކުރެވޭތީ ދަރިންނާ ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް މީހަކު ފެމިލީ ކޯޓަށް ހުށަހެޅި މައްސަލައިގައި މި އަހަރުގެ މާޗް މަހު ގާޒީ އަނގަބަހުން ހުކުމް އިއްވި ފަހުން ދައުވާކުރި މީހާ ވަނީ އޭނާގެ ފިރިހެން ދަރިފުޅު ގޮވައިގެން ހުކުރު ނަމާދަށް ވެސް ގެންދެވޭ ގޮތް ހަދައިދިނުމަށް ހުކުމް ކުރުމުގެ އަޑުއެހުމުގައި އެދިފަ އެވެ.

އޭނާގެ އެދުމާ އެއްގޮތަށް، މައްސަލަ ބެއްލެވި ގާޒީ ވަނީ "އަދި ހުކުރު ދުވަހު ފިރިހެން ދަރިފުޅު ހުކުރަށް ގެންގޮސްގެނެސް ހެދުމުގެ ފުރުސަތު ދިނުމަށް" ދައުވާ ލިބުނު އަންހެން މީހާގެ މައްޗަށް އަމުރުކުރާ އިބާރާތެއް ހުކުމަށް އިތުރުކުރައްވައި އެގޮތަށް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ދޫކުރައްވައިފަ އެވެ.

ދައުވާ ލިބުނު އަންހެން މީހާގެ ޝަކުވާއަކަށްވީ މިއީ މައްސަލައިގެ އެއްވެސް ހިސާބެއްގައި ފިރިހެން މީހާ އެދުނު ކަމަކަށް ނުވުމެވެ. އަދި ހުކުމް އަނގަބަހުން އިއްވި އިރު ވެސް ހުކުމުގައި އެބައި ނެތުމެވެ. އެހެންވެ، އެއީ ގާނޫނާ ހިލާފަށް އިތުރު ކުރި ބައެއް ކަމަށް ބުނެ ދައުވާ ލިބުނު އަންހެން މީހާގެ ފަރާތުން ފެމިލީ ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ.

އެ މައްސަލަ ބަލައި ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އިސްތިއުނާފީ އުސޫލުން ފިޔަވައި ހުކުމް ކުރުމަށް ފަހު ހުކުމަަށް ބަދަލު ގެނައުމަކީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތައް ދަންނަ ކަމެއް ނޫން ކަމަށެވެ. މިއީ ލިޔުމުގެ ކުށެއް އިސްލާހުކުރުން ނޫން ކަމަށާއި މިއީ ހުކުމަށް ބައެއް އިތުރުކުރުން ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ފިރިހެން ދަރިފުޅު ހުކުރަށް ގެންދިޔުމަށް އެ ކުއްޖާގެ ބައްޕައަށް ވުރެ ވަކި އިސްކަން ދޭން ޖެހޭނެ މީހަކު ނެތަސް މި މައްސަލަ އަކީ އެކަމާ ބެހޭ މައްސަލައެއް ނޫން ކަމަށާއި މައްސަލަ އަކީ ގާނޫނާ ހިލާފަށް ހުކުމަށް ބައެއް އިތުރުކުރުން ކަމަށް ވެސް ހައި ކޯޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ ފެމިލީ ކޯޓުގެ ހުކުމަށް ފަހުން އިތުރު ކުރި ބައި ބާތިލު ކުރާށެވެ. މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު އަލީ ސަމީރެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ނިޔާޒެވެ.

މި މައްސަލައިގައި ދެ ފަރާތުން ވެސް ފެމިލީ ކޯޓުގައި އެއްބަސްވީ ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު 3:00 އިން 6:30 އާ ދެމެދުގެ ވަގުތެއްގައި ދަރިން ބަލައި ފިރިހެން މީހާ ގޮސްފި ނަމަ ދަރިންނާ އެކު ވަގުތު ހޭދަ ކުރަން އޭނާއާ ހަވާލުކުރާ ގޮތަށެވެ. އަދި ވަކި ދުވަސްތަކެއްގައި ސްކޫލަށް ގެންގޮސް ސްކޫލުން ގެއަށް ގެނައުމުގެ ފުރުސަތު ވެސް ދިނުމަށެވެ.