"އަންތިމް" ގައި ސަލްމާނަށް ބަތަލާއަކު ނެތް
"އަންތިމް" ގައި ސަލްމާނަށް ބަތަލާއަކު ނެތް

އަންނަ މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު "އަންތިމް: ދަ ފައިނަލް ޓުރުތު" ގައި ސަލްމާން ޚާނާ އެކު އެއްވެސް ބަތަލާ އަކު ނުފެންނާނެ ކަމަށާއި އެހެންވެ ފިލްމުގައި އޭނާގެ ލޯބީގެ އެއްވެސް މަންޒަރެއް ނުހިމެނޭނެ ކަމަށް ބުނެފި އެވެ.

އަންނަ މަހުގެ 26 ގައި ރިލީޒްކުރާ ފިލްމުގެ ޓްރެއިލާ ލޯންޗް ކުރަން ހޯމަ ދުވަހު ބޭއްވި ހަފުލާގައި ސަލްމާން ބުނީ ފިލްމުގެ ޕްލޮޓް އޮތީ ވެސް އޭނާގެ ކެރެކްޓާ އަށް ބައިވެރިޔަކު ބޭނުންވާ ގޮތަށް ނޫން ކަމަށެވެ. އެކަމަކު ކުރިން މި ފިލްމުގައި އޭނާއާ އެކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ބަތަލާ އެކު ހިމެނޭނެ ކަމުގެ އަޑުތަކެއް އެރި އެވެ. ސަލްމާން ބުނީ އޭނާ އަށް އާ ފިލްމުގައި ބައިވެރިޔަކު ނެތަސް، ކުޅުނު ކެރެކްޓާ އަކީ ބެލުންތެރިން ވަރަށް ގަޔާވާނެ ރަހަތައް އެކުލެވޭ ކެރެކްޓާއަކަށް ވާނެ ކަމަށް ބުންޏެވެ.

"އަހަންނާ އެކި ބަތަލާ އެކު މި ފަހަރު ނުފެނުމަކީ ބޮޑު ތަފާތަކަށް ވެސް ވާނެ. އެހެން ވިޔަސް އުންމީދު ކުރަނީ އަހަރެންގެ ކެރެކްޓާ ފޭނުންނަށް ވަރަށް ކަމުދާނެ ކަމަށް." ސަލްމާން ބުންޏެވެ.

މަހޭޝް މަންޖްރޭކަރް ޑައިރެކްޓް ކޮށްފައިވާ "އަންތިމް" ގައި ސަލްމާން ފެންނާނީ ފަގުޑި އެޅި ފުލުހެއްގެ ރޯލުންނެވެ. އަދި އެ ރޯލަކީ ފިލްމުގެ މައި އެއް ކެރެކްޓާ ކަމަށްވާ ޅިޔަނު އާޔޫޝް ޝަރުމާ ކުޅެފައިވާ ނުލަފާ ކެރެކްޓާ މައިތިރި ކުރަން ބޮޑެތި ކުރިިމަތިލުންތަކަކަށް ދާނެ ރޯލެކެވެ. "އަންތިމް" ހަދާފައި ވަނީ 2018 ގެ މަރާޓީ ފިލްމު "މުލްޝީ ޕެޓާން" އަސްލަކަށް ބަލައިގެންނެވެ.

އާޔޫޝްއާ އެކު ފިލްމުގައި ބަތަލާ އެކު ހިމެނޭނެ އެވެ. އެއީ ޓީވީ ބަތަލާ މަހީމާ މަކްވާނާ އެވެ. އޭނާ އަކީ މިދިޔަ އަހަރު ކަލާޒް އިން ނިންމައިލި ސިލްސިލާ "ޝުބްއާރަމްބް" ގެ ބަތަލާ އެވެ.

"އަންތިމް" ގެ ކާސްޓްގައި ފިލްމުގެ ޑައިރެކްޓަރު މަހޭޝް އާއި ނިކިތިން ދީރް އަދި ޖިއްޝޫ ސެންގުޕްތާ ހިމެނެ އެވެ. މި ފިލްމުގެ ހާއްސަ ލަވައަކުން ވަރުން ދަވަން ވެސް ފެންނާނެ އެވެ.

"އަންތިމް" އަކީ މި އަހަރު ރިލީޒްކުރާ ސަލްމާންގެ ދެވަނަ ފިލްމެވެ. މެއި މަހު ރިލީޒްކުރި "ރާދޭ" އަކީ އޭނާ އާއި ޒުވާން ބަތަލާ ޑިޝާ ޕަޓާނީ ލީޑް ރޯލު ކުޅުނު ފިލްމެކެވެ.