26 އޮކްޓޯބަރ 2021 - 08:47

އިރުމަތީ ގުދުސްގެ ސިލްވާން އަވަށުގައި ދިރިއުޅޭ ފަލަސްތީނުގެ އާންމު ރައްޔިތުންނަށް، މިހާރު އެ އަވަށަކީ ކޮންމެ ދުވަހެއްގެ 24 ގަޑިއިރު، ހަނގުރާމަ އާއި ބިރުވެރިކަމުގެ މައިދާނަކަށް ވެއްޖެ އެވެ. އިރު އޮއްސި އަނދިރިވުމުން، ޔުނިފޯމްގައި ތިބޭ އިޒްރޭލު ސިފައިންނާއި އާދައިގެ ހެދުމުގައި ތިބޭ ސިއްރު ސިފައިން، ހަތިޔާރާއެކު އަވަށަށް ވަދެގަނެ އެވެ.

ފަލަސްތީނުގެ ޒުވާނުންނާއި އިޒްރޭލު ސިފައިންނާ ދެމެދު ކޮންމެ ރެއަކު، އެތައް އިރެއް ވަންދެން ކުރިމަތިލުންތައް ހިނގަ އެވެ. އިޒްރޭލު ސިފައިން ފަލަސްތީނު މީހުން ދިރިއުޅޭ ގެތަކަށް ވަދެގަނެ، އެތައް ޒުވާނުންނެއް ހައްޔަރުކޮށްގެން ގެންދެ އެވެ. ގެދޮރުގައި ހުންނަ މުދަލަށް ގެއްލުންދީ ފައިސާތައް ފޭރެ އެވެ. ޒުވާނުންނަށް ހަމަލާދީ ޒަހަމްކޮށްލަ އެވެ.
ދުވާލުގެ ވަގުތުގައި، ސިލްވާން އަވަށުގެ މީހުންނާ ކުރިމަތިލަނީ އިޒްރޭލުގެ ބުލްޑޯޒަރުތަކާއި ކެރޭންތަކާއި އެކްސްކަވޭޓަރުތަކެވެ. އެއީ، ފަލަސްތީނުގެ މީހުންގެ ގެދޮރު ސުންނާފަތިކޮށް، އެ ބިންތައް އިޒްރޭލުގެ ޔަހޫދީ ވަޒަންވެރިންނަށް ހިބަކޮށްދިނުމަށް، ގުދުސްގެ މުނިސިޕަލް އޮފީހުން ހިންގާ ހަރަކާތްތަކެވެ. އިޒްރޭލު ސިފައިންނާއި ފުލުހުންގެ ފުރިހަމަ ރައްކާތެރިކަމާ އެކު ހިންގާ މި ޖަރީމާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކުން މަނާ ކަންތައް ކަމުގައި ވިޔަސް، އިޒްރޭލަށް ފަރުވާލެއް ނެތެވެ.
ސިލްވާން އަވަށުގެ 26 މީހަކު އެމީހުންގެ ގެދޮރުން ގަދަކަމުން ނެރެލަން އިޒްރޭލު ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅަށް، އެމީހުން ހުށަހެޅި ދައުވާގެ އަޑުއެހުމެއް، އިއްޔެ އިޒްރޭކުގެ ސުޕްރީމް ކޯޓުގައި އޮތެވެ. އެމީހުން ކޯޓަށް މައްސަލަ ވެއްދީ، ޔަހޫދީ ވަޒަންވެރިންގެ ޖަމާއަތެއް ކަމަށްވާ އަތީރަތު ކޮހަނީމްގެ ޔަހޫދީން، ބާރުގެ ބޭނުންކޮށް އެމީހުންގެ ގެދޮރުން ނެރެފައިވާ މައްސަލައިގަ އެވެ.
އެ މައްސަލައިގައި އިޒްރޭލުގެ ސުޕްރީމް ކޯޓުން އިއްވާނެ ނިހާއީ ހުކުމަކަށް، ފަލަސްތީނުގެ އެތައް އާއިލާއެއް މިހާރު ތިބީ އިންތިޒާރު ކޮށްގެންނެވެ. ސިލްވާން އަވަށުގެ އެތައް އާއިލާއެއްގެ ޒަމާންވީ ގެދޮރުން އެމީހުން ނެރެ، ޔަހޫދީންނަށް އެ ބިންތައް ދިނުމުގެ އެތައް މަސައްކަތެއް، ޔަހޫދީ ވަޒަންވެރިންނާއި އިޒްރޭލު ސިފައިންނާއި ފުލުހުން ގުޅިގެން އަންނަނީ ކުރަމުންނެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް ސިލްވާން އަވަށުގެ ޒުވާނުންނާއި އިޒްރޭލު ސިފައިންނާއި ޔަހޫދީ ވަޒަންވެރިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގި އެވެ. އެ ހަމަނުޖެހުންތަކުގައި ފަލަސްތީނު ޒުވާނުން، ޔަހޫދީ ވަޒަންވެރިންނަށް ހަމަލާ ދިނީ ފަޓާހުންނެވެ. އޭގެ ބަދަލުގައި އިޒްރޭލު ސިފައިން، ފަލަސްތީނުގެ ޒުވާނުންނަށް ހަމަލާ ދިނީ، ބޭރުގައި ގަނޑުރަބަރު ލާފައި ހުންނަ ދަގަނޑު ވަޒަނުންނާއި ކަރުނަ ގޭހުންނެވެ. އަދި އެތައް ޒުވާނުންނެއް ހައްޔަރު ކުރި އެވެ.