ޔާމީނާ އެކު މަސައްކަތްނުކުރާ ބަޔަކާ އެކު ޕީޕީއެމް ކޯލިޝަނުން މަސައްކަތެއް ނުކުރާނެ: އަބްދުއްރަހީމް
ޔާމީނާ އެކު މަސައްކަތްނުކުރާ ބަޔަކާ އެކު ޕީޕީއެމް ކޯލިޝަނުން މަސައްކަތެއް ނުކުރާނެ: އަބްދުއްރަހީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު މަސައްކަތްނުކުރާ ބަޔަކާ އެކު، ޕީޕީއެމް ކޯލިޝަނުން މަސައްކަތެއް ނުކުރާނެ ކަމަށް، އެ ކޯލިޝަން ހިންގުމުގައި މި ވަގުތު އިސްކޮށް ހުންނެވި އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

މަނީ ލޯންޑަރިންގެ ކުށުގައި މި ވަގުތު ފަސް އަހަރުގެ ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީނާއެކު ސިޔާސީ މަސައްކަތެއް ނުކުރައްވާނެ ކަމަށް، ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިސްވެ އުފައްދަވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީކުރުމަށްފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ނާޒިމް މިއަދު ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވީ ޕީޕީއެމާއެކު މަސައްކަތް ކުރައްވައިފާނެ ކަމަށެވެ.

އެކަމަށް ރައްދުދެއްވައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް "މިހާރު" އަށް ވިދާޅުވީ ޕީޕީއެމަކީ ޔާމީންގެ ޕާޓީއެއް ކަމަށެވެ. ޕީއެންސީއަކީ ވެސް އެ މަނިކުފާނުގެ ވިސްނުންފުޅަށް ތާއީދުކުރާ ބަޔަކު އުފައްދާފައިވާ ޕާޓީއަކަށް ވާތީ، ޔާމީން ބަލައިނުގަންނަ ބަޔަކާއެކު މަސައްކަތެއް ނުކުރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެ ދެ ޕާޓީގެ ލީޑަރަކަށް މި ހުންނެވީ ޔާމީން. އެ ކޯލިޝަނުން ގަބޫލުކުރަނީ ގައުމުގެ ހުރިހާ މައްސަލައެއްގެ ހައްލަކީ ޔާމީންކަމަށް،" އޭނާ ވިދާޅުވި އެވެ.

ޔާމީނާ އެކު މަސައްކަތް ނުކުރައްވާނެ ސަބަބެއްގެ ގޮތުގައި ނާޒިމް ވިދާޅުވީ، އެ މަނިކުފާނާ އެކު މަސައްކަތް ކުރެއްވި އިރު ވަރަށް ގިނަ ތަޖުރިބާތައް ކުރެއްވިފައި ހުރުމެވެ. ނަމަވެސް އެ ހުރިހާ ކަމެއް ހާމަކުރައްވަން ބޭނުން ނޫން ކަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރަން އަޅުގަނޑަށް ގަބޫލު ނުކުރެވޭ ސަބަބުތަކެއް އެބަހުރި. އެއް ކަމަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވައިގެން އެ ބޭފުޅާގެ އެކައުންޓަށް 100 މިލިއަން ރުފިޔާ ޖަމާވީމާ ދެން ކޮންމެ ވާހަކައެއް ދެއްކިޔަސް އަޅުގަނޑުގެ ޒަމީރު ގަބޫލު ނުކުރަނީ އެފަދަ ބޭފުޅަކު އެ މަގާމަށް ގެނެސްގެން އަޅުގަނޑު އެ ބޭފުޅަކާ އެކު މަސައްކަތްކުރުން އެއީ އެހާ ރަނގަޅު ކަމެއް ކަމަށް،" ނާޒިމް ވިދާޅުވެފައި ވެ އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ނާޒިމް އެގޮތަށް ވާހަކަދެއްކެވުމަކީ ރައްޔިތުންނަށް އޮޅުވާލުން ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ، ޕީޕީއެމާއި ޕީއެންސީއަކީ ޔާމީންގެ ފިކުރަށް ތާއިދުކުރާ ބަޔަކަށް ވުމުވެ.

ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް ފިސްތޯލައެއް ގެންގުޅުނު ކަމުގެ ކުށުގައި، ނާޒިމް އަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް ވެސް ކޮށްފަ އެވެ. އެކަމަކު ސުޕްރީމް ކޯޓުން ފަހުން އެ ހުކުމް ބާތިލް ކުރީ އެވެ.