އެމެރިކާގެ ފޭކް އެމްބަސީއެއް 10 އަހަރު ވަންދެން ގާނާގައި ހިންގައިފި
އެމެރިކާގެ ފޭކް އެމްބަސީއެއް 10 އަހަރު ވަންދެން ގާނާގައި ހިންގައިފި

ވޮޝިންޓަން (ޑިސެމްބަރު 6) - އެ އިމާރާތުގައި ވަނީ އެމެރިކާގެ ދިދަ ނަގައިފަ އެވެ. ރައީސް ބަރަކް އޮބާމާގެ ބޮޑު ފޮޓޯއެއް ހުރެ އެވެ. އެމެރިކާގެ ވިސާ ދޫކުރާތާ ވެސް 10 އަހަރު ވެއްޖެ އެވެ.

އެކަމަކު އެމެރިކާގެ އެމްބަސީއެއްގެ ގޮތުގައި ގާނާގައި ހިންގާ އެ އިމާރާތަކީ މުޅިން ފޭކް ތަނެއް ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެ އެވެ. އެ ތަނުން ސައްހަ ވިސާ އާއި ވަގު ވިސާ ވެސް ދޫކުރެ އެވެ. ހައްސަ ވިސާ ހޯދާ ގޮތެއް ނޭނގެ އެވެ. ފޭކް އެމްބަސީ ހިންގަމުން ދިޔައީ ޖިނާއީ ކުށްކުރާ ގާނާ އާއި ތުރުކީގެ ގްރޫޕަކުންނެވެ.

ފޭކް އެމްބަސީން ދޫކުރި ވިސާގައި އެމެރިކާ އަށް ކިތައް މީހުން އެތެރެވެފައިވާ ކަމެއް ސްޓޭޓް ޑިޕާޓްމަންޓުން ނުބުނެ އެވެ. އަދި ވަގު އެމްބަސީ ހިންގި ގްރޫޕުން ރަސްމީ ލިޔުންތައް ހޯދާ ގޮތެއް ވެސް ނުބުނެ އެވެ. ފޭކް އެމްބަސީން އެމެރިކާ ވިސާ ވިއްކާފައި ވަނީ 6،000 ޑޮލަރަށް ކަމަށްވެ އެވެ.

ވަގު އެމްބަސީ ހިންގި އިމާރާތަށް ފުލުހުން ވަދެ ބެލި އިރު އެ ތަނުން 10 ގައުމެއްގެ 150 އަށް ވުރެ ގިނަ ޕާސްޕޯޓް ފެނިފައިވެ އެވެ. ފޭކް އެމްބަސީއެއްކަން އެނގުމާ އެކު އެ ތަން ބަންދު ކުރުމަށް ފަހު ގާނާގައި ހުންނަ އެމެރިކާގެ އަސްލު އެމްބަސީގެ ޑިޕްލޮމެޓިކް ސެކިއުރިޓީ އެޖެންޓުންނާއި ގާނާގެ ކަމާ ބެހޭ ފަރާތްތަކާ އަދި ބައިނަލްއަގުވާމީ ޕާޓްނަރުންނާ އެކު ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ތަހުގީގު ފަށައިފަ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނުގައި ވަނީ ގާނާގެ ވެރިރަށުގައި ހޮލެންޑުގެ ފޭކް އެމްބަސީއެއް ހިންގާކަން ވެސް ފަޅާ އަރައިފަ އެވެ.