06 ޑިސެމްބަރ 2016 - 15:45

ވޮޝިންޓަން (ޑިސެމްބަރު 6) - އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަވަހާރަކޮށްލުމުގެ ނިޔަތުގައި ހަމަލާ ދޭން އުޅުނު އޮހާޔޯގެ ރައްޔިތެއް ކަމަށްވާ ކްރިސްޓޮފާ ލީ ކޯނެލް އަށް 30 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
އުމުރުން 22 އަހަރުގެ ކޯނެލް ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރައީސް އޮބާމާ ރިޔާސީ ބަޔާން ދެއްވަން ހަމަޖެހިފައިވާ ކެޕިޓޮލް އިމާރާތަށް ހަމަލާ ދޭން މަސައްކަތްކޮށްފަ އެވެ. އެ ހަމަލާ ދޭން އޭނާ އުޅުނީ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް އޭނާގެ ތާއީދު އޮތްކަން ދެއްކުމުގެ ގޮތުންނެވެ. އެފްބީއައި އިން ކޯނެލް ހައްޔަރު ކުރީ މިިދިޔަ އަހަރުގެ ޖެނުއަރީ މަހު އޮހާޔޯ އިންނެވެ. އޮގަސްޓް މަހު އޭނާ ވަނީ ތިން ކުށަކަށް އިއުތިރާފްވެފަ އެވެ. އޭގެ ތެރޭގައި އެމެރިކާގެ އޮފިޝަލުންތަކެއް އަވަހާރަކޮށްލަން އުޅުން ވެސް ހިމެނެ އެވެ.
ހުކުމަށް ފަހު ބިޑިއަޅުވައިގެން ކޯޓުން ނެރެގެން ގެންދިޔަ އިރު ކޯނެލް އިއްޔެ ވަނީ އެމެރިކާގެ ޝަރުއީ ނިޒާމަށް ފާޑު ކިޔައި އަޑުގަދަ ކޮށްފަ އެވެ.
މި އަހަރުގެ މާޗު މަހު ކޯނެލްގެ އާއިލާ އަށް ފޮނުވި ސިޓީއެއްގައި އޭނާ ވަނީ ދެ ވަނަ ފުރުސަތެއް ބޭނުންވާ ކަމަށާއި އޭނާ އަކީ ޓެރަރިސްޓެއް ނޫން ކަމަށް ބުނެފަ އެވެ. އަދި އޭނާ އަކީ މައްސަލަތަކެއްގެ ތެރޭގައިވާ މީހެއް ކަމަށާއި އޭގެ ސަބަބުން ނުރަނގަޅު ކަންކަން ކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ.
އެކަމަކު ޕްރޮސެކިއުޓަރުން ބުނެފައި ވަނީ ޖަލުގައި ވެސް ކޯނެލް މަސައްކަތްކޮށްފައި ވަނީ ހައްދުފަހަނަޅާ ދިއުން ޕްރޮމޯޓް ކުރަން ކަމަށެވެ. އަދި އެމެރިކާގައި އުޅޭ އިސްލާމް ދީން ގަބޫލް ނުކުރާ މީހުންނަށް ހަމަލާ ދިނުމަށް އޭނާ ހިތްވަރު ދޭ ކަމަށް ވެސް ބުނެފައިވެ އެވެ.
ކޯނެލްގެ ވަކީލުން ވަނީ އޭނާ އަށް ކުރު މުއްދަތުގެ ހުކުމެއް އިއްވާތޯ މަސައްކަތް ކޮށްފަ އެވެ. އެއީ ކޮންގްރެސްގެ ދޮރާ ހަމައަށް ގޮސް ރައީސް އޮބާމާގެ ހަށިކޮޅަށް ބަޑި ޖެހުމަކީ އޭނާ އަށް ކުރެވޭނެ ކަމަކަށް ނުވާނެތީ އެވެ.