ޝަރުއީ ގޮތުން ޒިނޭ ސާބިތު ނުވިޔަސް ގާނޫނީ އަދަބު ދިނުމާ މެދު ބަހުސެއް
ޝަރުއީ ގޮތުން ޒިނޭ ސާބިތު ނުވިޔަސް ގާނޫނީ އަދަބު ދިނުމާ މެދު ބަހުސެއް

ޒިނޭ ސާބިތު ކުރަން ޑީއެންއޭ ހެކި ބޭނުން ކުރެވިދާނެ ކަމަށާއި އެފަދަ ހާލަތެއްގައި ތައުޒީރީ އަދަބެއް ދެވިދާނެ ކަމަށް އިއްޔެ ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު ދީނީ އިލްމުވެރިންގެ މެދުގައި ބަހުސް ފެށިއްޖެ އެވެ.

ޑީއެންއޭގެ މައްޗަށް ބިނާކޮށް، ފިރިހެނަކަށް ކުރި ޒިނޭގެ ދައުވާއެއް ސާބިތުނުވާ ކަމަށް ހައި ކޯޓުން ނިންމި މައްސަލައެއް ބަލައި އިއްޔެ ސުޕްރީމް ކޯޓުން ހުކުމް ކުރީ އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ މިންގަނޑުން ޒިނޭގެ ކުށް ސާބިތު ނުވިޔަސް، ގަރީނާތަކަށް ރިއާޔަތްކޮށް ޒިނޭގެ ކުށް ސާބިތު ކުރެވިދާނެ ކަމަށެވެ. އެކަމަކު އެ ހާލަތުގައި ދެވޭނީ ތައުޒީރީ އަދަބެއް ކަމަށް ހުކުމްގައިވެ އެވެ.

އެގޮތަށް ނިންމާފައިވަނީ ގާނޫނުލް އުގޫބާތަށް ރިއާޔަތްކޮށެވެ. ޒިނޭގެ ކުށުގެ އަސްލު އަދަބަކީ އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ އުސޫލުން 100 އެތިފަހަރުން ހައްދު ޖެހުމާ އެކު، ޖަލަށްލުމުގެ އަދަބު ދިނުން ކަމަށް ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގައި އޮވެ އެވެ. ނަމަވެސް އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ ހަތަރު ފިރިހެނުންގެ ހެކިބަސް ނުވަތަ އަމިއްލަ އިއުތިރާފު ނުލިބެނީސް، ޑީއެންއޭ ފަދަ ގަރީނާތަކަށް ބިިނާކޮށްގެން ކުށް ސާބިތު ކުރާ ނަމަ، އެ ހާލަތުގައި ދެވޭނީ ގާނޫނީ އަދަބެއް ކަމަށް އެ މާއްދާގައި ބުނެފައި އޮތެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށް ގިނަ ބަޔަކު ތާއީދު ކުރަމުން ދިޔަ ނަމަވެސް، ބައެއް ދީނީ އިލްމުވެރިން އެކަމާ ދެކޮޅު ހަދަ އެވެ. ހުކުމަށް ތާއީދުކުރާ މީހުން ބުނަނީ ޑީއެންއޭ އިން ސާބިތުކުރަނީ ޝަރީއަތުގައި ބުނާ "ޒިނޭ" ނޫން ކަމަށާއި "ޖިންސީ ކުށެއް" ކަމަށެވެ. ސުވާލު އުފައްދަނީ ޑީއެންއޭ އިން "ޒިނޭ" ސާބިތުވާ ކަމަށް ބުނާތީ ކަމަށް ހުކުމަށް ތާއީދުކުރާ މީހުން ބުނެ އެވެ.

ހުކުމާ ބެހޭ ގޮތުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ޑީއެންއޭ ގަރީނާއަށް ބެލުމުގައި މައްސަލައެއް ނެތް ކަމަށާއި ޑީއެންއޭ ބޭނުން ކުރެވޭނީ ހައްދާއި ގިސާސްގެ މައްސަލަތައް ފިޔަވައި އެހެން މައްސަލަތައް ސާބިތުކުރަން ކަމަށެވެ. އަދި މިފަދަ ނަސަބުގެ މައްސަލަތަކުގައި އިސްކުރަން ޖެހޭނީ ޝަރުއީ ގަވާއިދުތައް ކަމަށް ވެސް ވިދާޅުވި އެވެ.

"ޑީއެންއޭ އަކީ ހައްދާއި ގިސާސްގެ މައްސަލަތައް ފިޔަވައި، އެހެނިހެން ޖިނާއީ ކަންކަން ސާބިތުކުރުމުގެ ވަސީލަތެއް. ނަސަބުގެ މައްސަލަތަކުގައި އިސްކުރަންޖެހޭނީ ނުސޫސްތަކާއި ޝަރުއީ ގަވާއިދުތައް،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވަނީ ޑީއެންއޭއިން ޒިނޭ ސާބިތުކޮށްފައި އަދަބު ދެނީ އިސްލާމީ ކޮން ގައުމެއްގައިތޯ ވެސް ސުވާލު އުފައްދަވައިފަ އެވެ. އޯއައިސީ އިންޓަނޭޝަނަލް ފިގުހު އެކެޑެމީ އާއި ސައުދީގެ އިސްމާލީ ދަންނަބޭކަލުންގެ މަޖިލީހާއި މިސްރުގެ ދާރުލް އިފްތާގެ ރައުޔުގައިވާ ގޮތުން ވެސް ޑީއެންއޭއިން ޒިނޭގެ މައްސަލަ ސާބިތެއް ނުކުރެވޭނެ ކަމަށް ޝަހީމް ވިދާޅުވެފައިވެ އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމުގައި އޮތީ ޝަރީއަތުގައި ކަނޑައަޅާފައިވާ "ޒިނޭ" ސާބިތުކުރަން ޑީއެންއޭ ހެކި ބޭނުންކުރާ ވާހަކައެއް ނޫނެވެ.

ޝަހީމްގެ އިތުރުން ބައެއް އެހެން ދީނީ އިލްމުވެރިން ވެސް ވަނީ ސުޕްރީމް ކޯޓުގެ ހުކުމާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.

އިއްޔެގެ ހުކުމާ ގުޅިގެން ޝައިހު އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒިނޭ އަކީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އަދަބެއް ކަމާއި އެ ކުށަށް އަދަބު ދޭން ވާނީ ޝަރީއަތުގައި އޮތް ގޮތަށް ކަމަށެވެ. ތައުޒީރީ އަދަބެއް ދޭ ނަމަ "ޒިނޭ" އެ ބަސް ބޭނުން ނުކުރެވޭނެ ކަމަށާއި އެ ކުށަށް ކިޔަން ޖެހޭނީ "ބަދުއަހުލާގީ އަމަލު" ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ އިޝާރާތްކުރައްވާފައި އެ ވަނީ ޝަރީއަތުގައި ބުނާ މިންގަނޑުން ޒިނޭ ސާބިތުނުވާ ހާލަތުގައި ތައުޒީރީ އަދަބެއް ކަނޑައެޅުމަށް ޑީއެންއޭ ހެކި ބޭނުންކުރާ ނަމަ އެއީ "ޒިނޭ" ސާބިތުވުން ކަމަށް ނުކިޔޭނެ ކަމަށެވެ.

ބައެއް އިލްމުވެރިން ސުޕްރީމް ކޯޓުގެ ހުކުމާ ދެކޮޅު ހެދި ނަމަވެސް، ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެ ނިންމުމަށް ތާއީދުކުރައްވައިފަ އެވެ.

އިސްލާމީ ޝަރީއަތުގައި ޒިނޭގެ ކުށް ސާބިތު ކުރެވެނީ ހަތަރު ފިރިހެނުންގެ ހެކިބަހުން ނުވަތަ އަމިއްލަ އިއުތިރާފުންނެވެ. ޒިނޭގެ ކުށް ހިމެނޭހެން ހައްދުގެ ކުށްތައް ސާބިތު ކުރެވޭނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެގެންކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ގަރީނާއެއް ބޭނުން ކޮށްގެން އެ މިންވަރަށް ކުށް ސާބިތު ނުކުރެވޭނެ ކަމަށް އިލްމުވެރިން ވިދާޅުވާތީ ޑީއެންއޭ އާއި ފޮރެންސިކް ހެކިތަކަށް އެކަނި ބިނާކޮށް ހައްދުގެ ކުށްތައް ސާބިތު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. އެކަމަކު ހައްދު ގާއިމް ނުކުރެވުނަސް ގާނޫނީ އަދަބެއް ދެވިދާނެ ކަމަށް ހުކުމުގައިވެ އެވެ. އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ މިންގަނޑުން ކުށް ސާބިތުވާ މިންވަރަށް ހެކި ނެތަސް، ބައެއް އިސްލާމީ ގައުމުތަކުގައި ޖިނާއީ މައްސަލަތަކުގައި އެގޮތަށް އަމަލު ކުރާކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ޕާކިސްތާނާއި ސައުދީ އަރަބިއާގެ އިތުރުން އީރާނާއި ބުރުނާއީގެ މިސާލު ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

މި މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫން އެވެ.

ހައްދު ގާއިމް ނުކުރެވޭ ހާލަތުގައި ގާނޫނީ އަދަބު ދިނުމަކީ ރާއްޖޭގައި ވަރަށް ކުރީއްސުރެ އަމަލު ކުރަމުންދާ ގޮތެވެ. މަރުގެ މައްސަލަތަކުގައި ވާރިސުން މާފު ކުރިޔަސް ޖަލަށް ލާން ހުކުމް ކުރުމާއި ވައްކަން ކުރާ މީހުންގެ އަތް ކެނޑުމުގެ ބަދަލުގައި ޖަލަށްލުން ފަދަ އަދަބުތައް ދިނުން ހިމެނެ އެވެ.