06 ޑިސެމްބަރ 2016 - 15:09

ނިއު ޔޯކް (ޑިސެމްބަރު 6) - ތިމާވެށީގެ ސިޔާސަތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެމެރިކާގެ ކުރީގެ ނައިބް ރައީސް އަދި ރިޔާސީ ކެންޑިޑޭޓް އަލް ގޯ އާއި ޑޮނަލްޑް ޓްރަމްޕް ބައްދަލު ކުރައްވައިފި އެވެ.

އެ ބައްދަލު ކުރުމުގައި ޓްރަމްޕުގެ ދަރިކަނބަލުން އިވާންކާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ޓްރަމްޕުގެ ދައުރުގައި ތިމާވެށީގެ މަައްސަލަތަކަށް އިސްކަން ދިނުމަށް އިވާންކާ ބޭނުންވެ އެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ޓްރަމްޕް ވަނީ މޫސުމަށް ބަދަލު އަންނަ މައްސަލަތަކާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. ޓްރަމްޕުގެ ސަރުކާރުގައި އިވާންކާގެ ރޯލަކީ ކޮބައިކަމެއް ނޭނގެ އެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ ދަރިން ހަރަކާތްތެރިވާނީ ވިޔަފާރީގައި ކަމަށެވެ. ވެރިކަމާ ހަވާލުވުމުގެ އިންތިޒާމްތައް ބަލަހައްޓާ ޓީމާ އެކު ޓްރަމްޕުގެ ދޮށީ ތިން ބޭފުޅުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ޓްރަމްޕާ ބައްދަލު ކުރެއްވުމަށް ފަހު ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން އަލް ގޯ ވިދާޅުވީ މަޝްވަރާތައް ދިޔައީ ވަރަށް އިޚްލާސްތެރިކަމާ އެކު ކަމަށާއި އެއީ ޝައުގުވެރި މަޝްވަރާތަކެއް ކަމަށެވެ. އަދި އެ މަޝްވަރާތައް އިތުރަށް ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ.
ނައިބް ރައީސް ކަމުން 2001 ވަނަ އަހަރު ވަކިވެވަޑައިގަތުމަށް ފަހު އަލް ގޯ ބޮޑަށް އިސްކަން ދެއްވާފައި ވަނީ ތިމާވެށީގެ މައްސަލަތަކަށެވެ. ތިމާވެއްޓާ މެދު ހޭލުންތެރި ކުރުމުގެ ޑޮކިއުމެންޓްރީތަކުގައި ވެސް އަލް ގޯ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އެމެރިކާގައި 2000 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި އާއްމުންގެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ އަލް ގޯ އަށް ނަމަވެސް އެ ފަހަރު ވެރިކަމަށް ވަޑައިނުގެންނެވުނީ އިލެކްޓޯރަލް ކޮލެޖް ވޯޓުން ޖޯޖް ޑަބްލިއު. ބުޝް ކުރި ހޯއްދެވުމުންނެވެ.