24 އޮކްޓޯބަރ 2021 - 20:29

ރާއްޖެ ކުރިން ކުޅުނު މެޗުތަކުގެ ވީޑިއޯ ބެލުމުން އުންމީދެއް ލިބިއްޖެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗް ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.
އިޓަލީ ކޯޗް ބުނީ، ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ބައެއް މެޗުތަކާއި ނިމުނު ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު މެޗުތައް އޭނާ މިހާރު ބަލާފައިވާ ކަމަށެވެ.
"މުބާރާތުގެ [ސާފް ޗެމްޕިއަންޝިޕްގެ] ތިން ވަނައިގައި ނިންމާލިއިރު، ރާއްޖެއަށް ފައިނަލްގެ ފުރުސަތު ގެއްލުނީ އިންޑިއާ އަތުން ބަލިވުމުން. އެކަމަކު ކުރިމަގާ މެދު އަހަންނަށް އުންމީދު އެބައޮތް،" އަމިއްލަ ގައުމުގެ ނަޕޯލިއަން އޮންލައިން އަށް ދިން އިންޓަވިއުގައި މޮރިއޭރޯ ބުންޏެވެ.
އޭނާ ބުނީ ރާއްޖޭގެ ގައުމީ ޓީމު އޭނާ ބިނާކުރަން ބޭނުން ވަނީ އެޓޭކިން ފުޓްބޯޅައެއް ކުޅޭ ޓީމެއްގެ ގޮތުގައި ކަމަށެވެ. އެ ނޫހުގެ ކިޔުންތެރިންނަށް އޭނާގެ ގޭމް ކިޔައިދިނުމުގެ ގޮތުން އޭނާ މިސާލަކަށް ދެއްކީ އިޓަލީގެ ގައުމީ ކޯޗް ރޮބާޓޯ މަންޗިނީ އިޓަލީގެ ގައުމީ ޓީމުގައި ކުޅުވާ ގޭމް ސްޓައިލެވެ.
"އެކަމަކު އެ ގޭމް ކުޅުވުމުގައި ބިނާވާނެ ރާއްޖޭގެ ކުޅުންތެރިންގެ ސްޓައިލްގެ މައްޗަށް ވެސް،" އޭނާ ބުންޏެވެ.
ރާއްޖޭގެ ކޯޗަކަށް ވުމުގެ ދޮރު އޭނާ އަށް ހުޅުވާލަ ދިނީ ޕޯޗްގަލްގެ ކުރީގެ ފޯވާޑް ނޫނޫ ގޯމޭޒެވެ. މޮރިއޭރޯ ބުނީ އިޓަލީގެ ތިން ވަނަ ޑިވިޝަންގައި މަސައްކަތް ކުރުމުގެ ފުރުސަތު އޭނޭ އަށް ލިބިފައި އޮއްވައި ވެސް ރާއްޖޭގެ ފުރުސަތުގެ ބޭނުން ހިފީ ގައުމުން ބޭރުގައި މަސައްކަތް ކުރުމުގެ ފުރުސަތަކަށް ބެލުމުގެ ގޮތުން ކަމަށެވެ.
"ނޫނޯ ގޯމޭޒަށް އެނގޭނެ އަހަރެން ދިޔައީ ބަލަމުންކަން ގައުމުން ބޭރުގައި މަސައްކަތް ކުރުމުގެ ރަނގަޅު ފުރުސަތަކަށް. އޭނާ އަށް ރާއްޖޭގެ ފުރުސަތު އޮތްކަން އެނގިގެން އަހަންނަށް އެކަން ފަހިކޮށްދިނީ. ރާއްޖޭގެ ފުރުސަތު އޮތީމަ އަހަރެމެން ވާހަކަ ދައްކަން ފެށީ. މަހެއްހާ ދުވަހު ވާހަކަ ދެއްކުމަށް ފަހު އަހަރެމެންނަށް އެއްބަސްވުމާ ހަމައަށް އާދެވުނީ،" އިންޓަ މިލާންގެ ކުރީގެ މިޑްފީލްޑަރު ބުންޏެވެ "ގައުމުން ބޭރުގައި މަސައްކަތް ކުރަން ބަލާއިރު ރާއްޖޭގެ ފުރުސަތަކީ އަހަންނަށް ވަރަށް ކަމުދާ ޕްރޮޖެކްޓެއް."
މޮރިއޭރޯ އަކީ ދިވެހި ގައުމީ ޓީމާ މި އަހަރު ހަވާލުވި ތިން ވަނަ ކޯޗެވެ. ކުރީގެ ކޯޗު މާޓިން ކޫޕްމަން އޯގަސްޓް މަހު މަގާމުން ވަކިކޮށް، ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގެ ނިޔަަލަށް ގައުމީ ޓީމު ހަވާލު ކުރީ ތަޖުރިބާކާރު ދިވެހި ކޯޗު އަލީ ސުޒޭންއާ އެވެ. ނަމަވެސް އެ މުބާރާތުގައި އޭނާ އަށް ދިވެހިންނަށް ކާމިޔާބު ހޯދައެއް ނުދެވުނެވެ.
މޮރިއޭރޯ އާއެކު ގައުމީ ޓީމަށް އޮތް ފުރަތަމަ މުބާރާތަކީ، އަންނަ މަހު ލަންކާގައި ބާއްވާ މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް މުބާރާތެވެ. އެ މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރާނީ މުބާރާތް ބާއްވާ ގައުމު ލަންކާ އާއި ބަންގްލަދޭޝް އަދީ ޝީޝެލްސް އެވެ.
- ނޮވެމްބަރު 8: (ހަވީރު) ބަންގްލަދޭޝް - ސީޝެލްސް.
- ނޮވެމްބަރު 8: (ރޭގަނޑު) ސްރީ ލަންކާ - ދިވެހިރާއްޖެ.
- ނޮވެމްބަރު 11: (ހަވީރު) ބަންގްލަދޭޝް - ދިވެހިރާއްޖެ.
- ނޮވެމްބަރު 11: (ރޭގަނޑު) ސްރީ ލަންކާ - ސީޝެލްސް.
- ނޮވެމްބަރު 14: (ހަވީރު) ސްރީ ލަންކާ - ބަންގްލަދޭޝް.
- ނޮވެމްބަރު 14: (ރޭގަނޑު) ސީޝެލްސް - ދިވެހިރާއްޖެ.
- ނޮވެމްބަރު 17: (ރޭގަނޑު) ފައިނަލް މެޗު.
އެ މުބާރާތުގެ ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.