06 ޑިސެމްބަރ 2016 - 14:39

ވޮޝިންޓަން (ޑިސެމްބަރު 6) - ދެހާސް ވިހި ވަނަ އަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަފާނެ ކަމުގެ އިޝާރާތެއް ނައިބް ރައީސް ޖޯ ބައިޑަން ދެއްވައިފި އެވެ.

ދެން އޮންނަ ރިޔާސީ އިންތިޚާބަކަށްވާ އިރަށް ބައިޑަންގެ އުމުރުން 78 އަހަރު ވާނެ އެވެ. ރިޕޯޓަރުންތަކަކާ އެކު ވާހަކަ ދައްކަވަމުން ބައިޑަން ވަނީ 2020 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ނުކުންނަވާފާނެ ކަމަށް ވިދާޅުވެފަ އެވެ. އެއީ ބައިޑަން ސަމާސާއަކަށް ވިދާޅުވި އެއްޗެއްތޯ ނޫސްވެރިއަކު އެހުމުން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވުމަށް ނުވިސްނަވާ ކަމަށެވެ.
އެމެރިކާގެ މި ފަހަރުގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީ އަށް ބައިޑަން ނުކުންނަވާފާނެ ކަމަށް ވެސް މިދިޔަ އަހަރު އަޑުތައް ފެތުރުނެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބައިޑަން ވަނީ އިންތިޚާބަށް ނުނިކުންނަވާނެކަން ޔަގީން ކޮށްދެއްވައިފަ އެވެ. އެއީ ކެންސަރުގައި ދޮށީ ފިރިހެން ދަރިކަލުން މެއި މަހު އަވަހާރަވުމާ ގުޅިގެން އާއިލާ އަށް ލިބުނު ހިތާމަތައް ފިލާނުދާތީ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ބައިޑަން ވަނީ ދެ ފަހަރެއްގެ މަތިން ރިޔާސީ އިންތިޚާބަށް ނުކުންނަވަން މަސައްކަތް ކުރައްވައިފަ އެވެ. ފުރަތަމަ 1988 ވަނަ އަހަރު އަދި އޭގެ ފަހުން 2008 ވަނަ އަހަރު އެވެ. އެ ދެ ފަހަރު ވެސް ރޭހުގެ ކުރީކޮޅު ވަނީ ވަކިވެވަޑައިގެންފަ އެވެ.
ރައީސް އޮބާމާގެ ދައުރުގައި ބައިޑަން ވަނީ އާއްމުންގެ މަގްބޫލްކަން ހޯއްދަވައިފަ އެވެ. އަދި ބައިޑަން ހިމެނިފައި ވަނީ އެމެރިކާގެ ތާރީޚުގައި ވެސް އެންމެ ބާރުގަދަ ނައިބް ރައީސްގެ ގޮތުގަ އެވެ.
ބައިޑަން ފުރަތަމަ ސެނެޓަށް ހޮވިވަޑައިގެންނެވީ 1973 ވަނަ އަހަރު އެވެ. އޭގެ ފަހުން ހަ ދައުރަށް ވަނީ އިންތިޚާބުވެފަ އެވެ.