ޔޫޓީއެފް އެއްބަަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާ އެއްވެސް ކަމެއް ނެތް: އަސްލަމް
ޔޫޓީއެފް އެއްބަަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާ އެއްވެސް ކަމެއް ނެތް: އަސްލަމް

އުތުރު ތިލަފަޅުގައި ސިފައިންގެ ޑޮކްޔާޑަކާއި ބަނދަރެއް ހަދަން ރާއްޖޭން އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ މުގައްރިރު އަދި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އެމްއެންޑީއެފްގެ އިސްވެރިން، މަޖިލީހުގެ 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް މިއަދު ވަޑައިގެން، ޔޫޓީއެފް އެއްބަސްްވުމުގެ މައުލޫމާތު ދެއްވައި، ކޮމިޓީގެ މެމްބަރުންނަށް އެ އެއްބަސްވުން ވެސް ދެއްކެވި އެވެ. އޭގެ ފަހުން އަސްލަމް "މިހާރު" އަށް ވިދާޅުވީ އެ އެއްބަސްވުުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާ އެއްވެސް ކަމެއް ނެތް ކަމަށާއި، އެއްބަސްވުން އޮތީ ރާއްޖެއަށް ފައިދާވާ ގޮތަށް ކަމަށެވެ.

"މައްސަލަ ހުށަހަޅާފައި އޮތީ، ގައިމީ ސަލާމަތަށް ނުރައްކާ ވާފަދަ ކަންތައްތަކެއް އެ އެއްބަސްވުމުގައި ހުރި ކަމަށް ތުހުމަތު ކުރެވިގެން. އެފަދަ އެއްވެސްް ކަމެއް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް އެއްބަސްވުމަކު ނެތް،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި "ސިފަވަރު"ގެ ނަމުގައި ހަދަން އެއްބަސްވުމުގައި އޮތް ބަނދަރު ކުރީގެ ސަރުކާރުން އިންޑިއާއާ އެކު މަޝްވަރާކޮށްފައިވާ ވަރަށް ވުރެ ވެސް ކުޑަ އެވެ. ކުރީގެ ސަރުކާރުގައި 2016 ވަނަ އަަހަރު ސޮއިކޮށްފައިވާ ދިފާއީ އެކްޝަން ޕްލޭނާ ހިލާާފު އެއްވެސް ވާހަކައެއް އެ އެއްބަސްވުމުގައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި އެމްއެންޑީއެފްގެ އެހެން ބައެއް އިސް އޮފިސަރުން 241 ކޮމިޓީއަށް މިއަދު ވަޑައިގެން ހުށަހެޅުއްވި ޕްރެޒެންޓޭޝަނުގައި ދިފާއީ އެކްޝަން ޕްލޭންގެ ތަފްސީލު ވެސްް ދެއްވި އެވެ. އާއްްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކޮމިޓީ ބައްދަލުވުމުގައި ޔޫޓީއެފް އެއްބަސްވުމުގެ ބައެއް މައުލޫމާތު ދެއްވި ނަމަވެސް، އެ އެއްބަސްވުން ކޮމިޓީއަށް ދެއްކެވީ ސިއްރު ލިއުމެއްގެ ގޮތުގަ އެވެ.

އެއީ އެއްބަސްވުން ސިއްރުކުރަން ޖެހޭނެ ކަމަށް ބުނާ މާއްދާއެއް އެއްބަސްވުމުގައި އޮންނާތީ އެވެ.

ކޮމިޓީ އަށް އެއްބަސްވުމުގެ އަސްލު ދެއްކުމުގެ ކުރިން މާރިޔާ ވިދާޅުވީ އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިންޑިއާއާ އެކު މަޝްވަރާ ކޮށްފައި އޮތް ވަރަށް ވުރެ ހަނިކޮށްފައި ކަމަށެވެ.

"އޮޕަރޭޝަނަލް ބޭނުމަށްޓަކައި އިންޑިއާ ނޭވީ [އުތުރު ތިލަފަޅު] ބޭނުންކުރުުމާއި އެ ކަހަލަ ވަަރަށް ބައިވަރު ވާހަކަތަކެއް އެކްޝަން ޕްލޭންގައި ދައްކާފައި ހުރީ. އެކަަމަކު އަޅުގަނޑުމެން ހަނިކޮށްފައި އޮންނާނީ ހަމައެކަނި ސަޕޯޓާއި މެއިންޓެނެންސަށް އެކަނި [ބޭނުންކުރެވޭ ގޮތަށް]،" މާރިޔާ ވިދާޅުވި އެވެ.

ޔޫޓީއެެފް އެއްބަސްވުން މަޖިލީހުން ބަލަން ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ. އެއްބަސްވުން ކޮމިޓީއަށްް މިއަދު ދެއްކި އިރު އެ ބައްދަލުވުމުގައި އޭނާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެއްބަސްވުމާ ބެހޭ ގޮތުން އާދަމް ޝަރީފްގެ ކޮމެންޓެއް އަދި ނުލިބެ އެވެ.