މަހުމޫދުގެ މަރުގެ ތުހުމަތު އާންމުން ކުރި ދެ މީހުން ދޫކޮށްލައިފި
މަހުމޫދުގެ މަރުގެ ތުހުމަތު އާންމުން ކުރި ދެ މީހުން ދޫކޮށްލައިފި

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރައިލި މައްސަލައިގެ ތުހުމަތު އެ ރަށުގެ ގިނަ ބަޔަކު އެޅުވި ދެ މީހުން ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

އުމުރުން 57 އަހަރުގެ މަހުމޫދު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ މަރާލައި ވަޅަކަށް އެއްލާލާފައި އޮއްވައި ފެނުމުން ދަނގެތީގެ ބައެއް އާންމުންގެ ތުހުމަތު އެންމެ ފުރަތަމަ ވެސް އަމާޒުވީ އއ. ތޮއްޑޫން ދަނގެއްޗަށް ބަދަލުވެގެން އުޅުނު އުމުރުން 31 އަހަރުގެ ފިރިހެނަކަށާއި 20 އަހަރުގެ ފިރިހެނަކަށެވެ.

ދަނގެތީގެ މީހުންގެ ތުހުމަތު އެ ދެ މީހުންގެ މައްޗަށް ކުރަނީ ކުށް ކުރުމުގެ މާޒީއެއް އޮތުމާއި އެ މީހުންގެ އަމަލުތައް ހުންނަ ގޮތުންނެވެ.

އެންމެ ފުރަތަމަ އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަހުމޫދުގެ ހަށިގަނޑު ފެނުނުތާ މާ އިރުތަކެއް ނުވަނީސް އާންމުންގެ ބަޔަކު ހަމަލާ ދިނުމުންނެވެ. އެ އަށް ފަހު، އެރޭ އެ ދެ މީހުންނާއެކު ދަނގެތީގައި އުޅުނު އުމުރުން 21 އަހަރުގެ އަންހެނަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

އާންމުންނަށް ނޭނގޭ ގޮތަށް އެ ތިން މީހުން ވެސް ގެންދިޔައީ އދ. އަތޮޅުގެ ވެރިކަން ކުރާ ރަށް މަހިބަދު އަށެވެ. އަދި ތަހުގީގު ނިންމެންދެން ކޯޓުން ބަންދުކުުރި އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި 31 އަހަރުގެ މީހާ އާއި 20 އަހަރުގެ މީހާ ދޫކޮށްލީ އިއްޔެ އެވެ. އަންހެން މީހާ ދޫކޮށްލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ފުލުހުން ބުނީ އެ ތިން މީހުން ވެސް ހައްޔަރު ކުރީ ދަނގެތީގެ މީހުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކޮށް، ރަށުގެ މަސްލަހަތު ނަގައިލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.

"އެ ތިން މީހުން އޭރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ދަނގެތީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކޮށް، ރަށުގެ އާންމު މަސްލަހަތު ނަގައިލަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ މުޖުތަމައުގެ ސަލާމަތަށާއި އެ މީހުންގެ ރައްކާތެރިކަމަށް،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެ އެވެ.

އެ ދެ މީހުންނަކީ ތޮއްޑޫގައި ވެސް މާރާމާރީ ހިންގުމާއި ޑްރަގް ވިޔަފާރި ކުރުމުގެ ތުހުމަތު ވެސް ކުރެވުނު ދެ މީހުންނެވެ. އެ ދެ މީހުން ތޮއްޑޫން ބޭރުކޮށްލީ ޖެހުނު މައްސަލައެއްގައި ބަޔަކު މީހުން އެ ދެ މީހުންނަށް ހަމަލާދީ ވަރަށް ބޮޑަށް އަނިޔާ ކުރުމަށް ފަހު އެވެ. އަދި ރަށަށް އަރައިފި ނަމަ މަރައިލާނެ ކަމުގެ އިންޒާރު ވެސް އެ ދެ މީހުންނަށް އޮތީ ދީފަ އެވެ.

އާއިލީ ގޮތުން ވެސް ގުޅުން އޮންނަ އެ ދެ މީހުން ދަނގެއްޗަށް ބަދަލުވީ އޭގެ ތެރެއިން 31 އަހަރުގެ މީހާގެ ބައްޕައަކީ އެ ރަށުގެ މީހަކަށް ވެފައި ދަނގެތީގައި އޭނާގެ ބައްޕަގެ ގެއެއް ހުންނާތީ އެވެ.

މަހުމޫދުގެ މަރުގެ ތުހުމަތު ދެ ޒުވާނުންގެ ބޮލުގައި މީހުން އެޅުވި ނަމަވެސް އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ އެ ރަށުގައި އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ގެންގުޅުނު ބަންގްލަދޭޝްގެ މުހައްމަދު ސާލިމެވެ. އޭނާ ވަނީ ހައްޔަރުކޮށް ތަހުގީގު ފަށައިފަ އެވެ. ނަމަވެސް އެ މަރާއި ސާލިމްއާ އޮތް ގުޅުމާ ބެހޭ ގޮތުން ފުލުހުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.