24 އޮކްޓޯބަރ 2021 - 15:20

އިންޑިއާއާ އެކު ރާއްޖެ އިން އާ ކަމެއް ނުކުރާ ކަމަށާއި، ދިފާއީ ދާއިރާއިން އެއްބާރުލަނީ ކުރީގެ ރަައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސޮއިކޮށްފައިވާ ދިފާއީ އެކްޝަން ޕްލޭނާ އެއްގޮތަށް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު ބޭއްވި ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އުތުރު ތިލަފަޅުގައި ބަަނދަރެއް ހަދާ ވާހަކަ ދައްކަނީ ކޯސްޓްގާޑަށް އެކަމުގެ ބޭނުންތެރިކަން ބޮޑުވެގެން ކަމަށެވެ. އޭނާގެ ކުރިން ޑިފެންސް މިނިސްޓަރުކަން ކުރެއްވި (މިހާރު ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު) މުހައްމަދު ނާޒިމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވެސް އެ ވާހަކަ ދެއްކެވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ދައުލަތެއްގެ ގޮތުގައި ދިފާއީ ގުޅުން ތަރުތީބުކުރެވުނީ 2016 ވަނަ އަހަރު އެކްޝަން ޕްލޭންގައި ސޮއިކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި މިހާ ހިސާބަށް އައި އިރު، އަޅުގަނޑު ވަރަށް ހިތާމައާ އެކު ދަންނަވަން އިންޑިއާއާ އެކީގައި އަޅުގަނޑުމެންނަކަށް އާ ކަމެއް ނުކުރެވޭކަން،" މާރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ސަރުކާރުން ކުރަމުން އަންނަ ކަަމަކީ 2016 ވަނަ އަހަރު ސޮއިކުރި އެކްޝަން ޕްލޭން އޮޕަރޭޝަނަލައިޒްކުރުމެވެ. އެކްޝަން ޕްލޭންގައި އޮތީ އިންޑިއާއާ ގުޅިގެން، އެ ގައުމުން ވެސް ބޭނުންކުރާ ތަނެއްގެ ގޮތުގައި އުުތުރު ތިލަފަަޅުގެ ބަނދަރު ހަދާ ގޮތަށް ކަމަށް ވެސްް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވިސްނުނު ގޮތުގައި އެހެެން ޕާޓްނަރުކުރުމަށް ވުރެ އަޅުގަނޑުމެނަށް ބޭނުންވަނީ ސަޕޯޓްކޮށްދޭނެ ބަޔަކާއި، މިތަން ޑިވެލޮޕްކޮށްދޭނެ ބަޔަކާއި މިތަން މެއިންޓެއިން ކޮށްދޭނެ ބައެއް. އެއީ މިއަދު އަދުގެ ހާލަތު އަޅުގަނޑުމެންނަށް ވިސްނުނު ގޮތް،" މާރިޔާ ވިދާޅުވި އެވެ.
އެހެންވެ، އެކްޝަން ޕްލޭން ރިއެސެސްކުރާނެ ވާހަކަ 2019 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުގައި ވިދާޅުވެފައިވާނެ ކަމަށާއި އެއަށް ފަހު، އެއްބަަސްވުމުގައި ސޮއިކުރައްވާފައި ވާނީ ކުރިން އޮތް ވަރަށް ވުރެ އިންާޑީއާގެ ބައިވެރިވުން ހަނިކޮށްގެން ކަމަށްް ވެސް އޭނާ ވިދާޅުވި އެވެ.
އުތުރުތިލަފަޅުގައި ގާއިމްކުރާ ބަނދަރާއި ޑޮކްޔާޑްގެ ހުރިހާ ވަސީލަތަކީ ދިވެހިރާއްޖޭގެ އަމިއްލަ ތަންތަން ކަމަށް އެއްބަސްވުމުގައި ބުނެފައި އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމަށް މާރިޔާ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަޑައިގެންނެވީ އުތުުރު ތިލަފަޅުގެ އެއްބަސްވުމާއި ރާއްޖޭން އިންޑިއާ އާ އެކު ސޮއިކޮށްފައިވާ އެެހެން އެއްބަސްވުންތަކުގެ މައުލޫމާތު ދެއްވަން އެ ކޮމިޓީން އެދުމުންނެވެ. އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ކޮޕީއެއް ހޯދަން މަޖިލީހުގެ އެދިވަޑައިގަތީ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ ނައިބު ރައީސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ. އެ އެއްބަސްވުން ކޮމިޓީގެ މެމްބަރުންނަށް މިއަދު ދައްކައިލި އެވެ.
އާއްމުކޮށް ހުޅުވާލައިގެން 241 ކޮމިޓީން ކުރިއަށް ގެންދިޔަ މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި ޔޫޓީއެފް އެއްބަސްްވުމާ ބެހޭ މައުލޫމާތުގެ ޕްރެޒެންޓޭޝަނެއް ދެއްކި ނަމަވެސް މުޅި އެއްބަސްވުމެއް ނުދައްކަ އެވެ.