24 އޮކްޓޯބަރ 2021 - 16:50

ވިލާ ކޮލުގެ ކޯސްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ރޭ އެވޯޑު ދީފި އެވެ.

އެ ކޮލެޖުގެ އަމިއްލަ އަދި ޔުނިވާސިޓީ އޮފް ދަ ވެސްޓު އޮފް އިންގްލެންޑު (ޔޫވީ) ގެ ޕްރޮގްރާމްތަކުން މިދިޔަ އަހަރާއި މި އަހަރު 2،100 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައިވެ އެވެ.

އެ ދަރިވަރުންގެ ތެރެއިން 185 ދަރިވަރަކު ވަނީ ކޯހުން މަތީ ފާސް ހޯދައިގެން އެވޯޑު ހޯދައިފަ އެވެ.

އެ ދަރިވަރުންގެ ތެރެއިން 182 ދަރިވަރަކަށް ބުކް ޕްރައިޒް ދީފައިވެ އެވެ. އެތަނުން 77 ދަރިވަރަކަށް ކޮލެޖު މެޑަލް އަދި 38 ދަރިވަރަކަށް ގާސިމް އިބްރާހިމް އެވޯޑު ދީފައިވެ އެވެ. ތިން ދަރިވަރަށް ވަނީ އޭސީސީއޭ ނޭޝަނަލް ރެސިޑެންޓު އިނާމު ދީފަ އެވެ.

ކޮލެޖު މެޑަލް ދީފައިވަނީ އެކި ފަރާތްތަކާ ގުޅިގެންނެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރަނީ ތައުލީމީ ދާއިރާއަށް ކަމަށެވެ. އޭގެ ސަބަބަކީ ގައުމެއް ބިނާވެ ކުރިއަރައިގެން ދާނީ ތައުލީމީ ގާބިލް އުފެއްދުންތެރި ޖީލެއް އުފެދިގެން ކަމަށް ވާތީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މީހުން ބަލައިގަންނަ ފަދަ ކާމިޔާބެއް ހާސިލްވާނީ ވަރަށް މަސައްކަތުންކަން ފާހަގަކުރައްވައި، ނައިބު ރައީސް ވަނީ މީހުންގެ ނުރަނގަޅު ވާހަކަ ދެއްކުން ހުއްޓާލައި، މީހުން ހޯދަމުން އަންނަ ކާމިޔާބީތަކުގެ ވާހަކަ ދެއްކުމަށް ބާރުއަޅުއްވައިފަ އެވެ.

މަސައްކަތުގެ މާހައުލާއި މުޖުތަމައުގައި އުޅޭއިރު މީހުންނަށް އިހުތިރާމުކުރުމަށާއި އެހެން މީހުން ކުރާ މަސައްކަތް ބަލައިގަނެ، އެކަކު އަނެކަކަށް އޯގާތެރިކަން އިސްކުރުމަށް ވެސް ނައިބު ރައީސް ބާރުއެޅުއްވި އެވެ.
އެ މަނިކުފާނު ވަނީ ރާއްޖެއަށް އެންމެ ބޮޑު ފައިދާއެއް ލިބޭ އެއް ދާއިރާއަކީ ޓޫރިޒަމަށް ވިޔަސް އެ ދާއިރާގެ މަތީ ފަންތީގައި ތިބި ދިވެހީންގެ އަދަދު މަދުކަމަށެވެ. އެހެންވެ، އެ ދާއިރާގެ މަތީ މަގާމުތަކަށް ދިވެހިން ތަމްރީނުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މަތީ ތައުލީމު ފޯރުކޮށްދޭ އިދާރާތަކަށް ގޮވައިލެއްވި އެވެ.